30 Sep 2016, 23:52
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު، ރާއްޖޭގެ ލާމަރުކަޒީ ނިޒާމަކީ ދެކުނު އޭޝިޔާގެ އެއްވެސް ގައުމެއްގައި ނެތްފަދަ ހަރުދަނާ ނިޒާމަކަށް ހަދާނެ ކަމަށް ލޯކަލް ގަވާމެންޓު އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އަދި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.
އެލްޖީއޭ އަށް ހަ އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ސަން އަށް ދެއްވި އިންޓަވިއުއެއްގައި އަޒްލީން ވިދާޅުވީ ރައީސް ޔާމީންގެ އަޒުމުގައި އޮތީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމަކީ ނަމޫނާ ލާމަރުކަޒީ ނިޒާމަކަށް ހެދުން ކަމަށެވެ. އަދި ސަރުކާރުގެ ވަސީލަތްތައް ލިބެންހުރި ހުރިމިންވަރަކުން ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަޒްލީން ވިދާޅުވީ ސަރުކާރާ ޚިޔާލުތަފާތުވާ ބަޔަކު ތިބޭ ކައުންސިލަކުން ސަރުކާރުގެ ބޮޑެތި އިގްތިސޯދީ މަޝްރޫއުތަކާ ދެކޮޅަށް އަދި ރައްޔިތުންނަށް ސަރުކާރުންދޭ ޚިދުމަތްތައް ހުއްޓުވާގޮތަށް ކަމެއްކޮށްފިނަމަ އެކަމާ ގުޅިގެން ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ ޚިދުމަތްތައް މެދުނުކެނޑޭނެކަން ކަށަވަރު ކުރުމަކީ ސަރުކާރަށް ލާޒިމްވެގެންވާ ކަމެއް ކަމަށެވެ.
"މިސާލަކަށް މާލޭ ސިޓީ ކައުންސިލްގެ ހިނގަމުންދިޔަ ބައެއްކަހަލަ ކަންތައްތަކާ ގުޅިގެން ބައެއްކަހަލަ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރަށް ޖެހިވަޑައިގެންނެވި ބައެއް ކަހަލަ ފިޔަވަޅުތައް އަޅުއްވަން. އެކަމަކު އޭގެމާނައަކީ ކައުންސިލްތަކުން ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމަށް ކުރެވޭ ބޮޑެތި މަޝްރޫއުތަކަށް އެގޮތަށް ހުރަސްއެޅުމެއް ނޫން،" އަޒްލީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިނގިރޭސި ވިލާތުގައި އޮންނަ ކަހަލަ ޑިމޮކްރަސީއެއް ރާއްޖެ ގެންނަން މި ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށާއި އެތަނުގެ ޑިމޮކްރަސީ އަކީ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ކަންތައްތަކެއް އެކުލެވިގެންވާ ޑިމޮކްރަސީގެ ނިޒާމެއް ކަމަށެވެ.
"ރާއްޖޭގައި އޮންނާނީ މާތްވެގެންވާ އިސްލާމް ދީނުގެ ހުދޫދުތަކުގެ ތެރެއިން އޮންނަ ޑިމޮކްރަސީއެއް. އިނގިރޭސި ވިލާތުގައި އޮންނަ ކަހަލަ ޑިމޮކްރަސީއެއް ރާއްޖެ ގެންނަން މި ސަރުކާރުން ފުރުސަތު ނުދޭނެ،" އަޒްލީން ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގެ ޑިމޮކްރަސީ ރާއްޖެ ގެނައުމަށް ދިވެހިރައްޔިތުން ތާއީދު ނުކުރާނެ ކަމަށާއި ދިވެހި މުޖުތަމައުއަށް ހަމަޖެހުމެއް އޮތީ އިސްލާމްދީނުގެ ހުދޫދުގެ ތެރެއިން ކަންކަން ކުރެވިގެން ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.