01 Oct 2016, 00:25
މަސްދަތުރުތައް ކުރުމާއި ދަތުރުދިއުން ފަދަ ކަންކަމަށް ހާއްސަ ލޯންޗެއް އަލްޝާލި މެރިން މޯލްޑިވްސް އިން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފިއެވެ.
ދަތުރުކުރާ ލޯންޗްތަކާއި އެކި ސައިޒްގެ ވޯޓާސްޕޯޓްސް ޖައްސަން ބޭނުންވާ ލޯންޗްތައް ވެސް ޑިޒައިންކޮށް އުފެއްދުމުގައި ރާއްޖޭގެ މާކެޓްގައި މިހާރު ކުރިހޯދާފައިވާ އަލްޝާލި މެރިން އިން އެ ލޯންޗް ތައާރަފްކުރީ ހުޅުމާލޭގައި ކުރިއަށްދިޔަ މެރިން އެކްސްޕޯގައެވެ.
މަސްދަތުރުތަކަށް ގޮސްލުމަށް ހާއްސަ ލޯންޗް --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ ލޯންޗާ ގުޅޭ މައުލޫމާތު ދެއްވަމުން ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފް ވިދާޅުވީ، އެއީ އަލްޝާލި މެރިން އިން މިއަހަރު ތައާރަފްކުރި ދެވަނަ ލޯންޗް ކަމަށެވެ.
އިސްމާއިލް ވިދާޅުވި ގޮތުގައި، އެ ކުންފުނިން މިއަދު ތައާރަފްކުރި ލޯންޗަކީ މަސްދަތުރުތަކަށް ގޮސްލުމާއި ރިސޯޓްތަކަށް އަދި ގެސްޓްހައުސްތަކުގައި އެކި ކަންކަމަށް ބޭނުންކޮށްލަން ވަރަށް އެކަށީގެންވާ އުޅަނދެކެވެ.
އަލްޝާލި މެރިން އިން ބަންނަ ކޮންމެ ލޯންޗަކަށް ވެސް އެއް އަހަރު ދުވަހުގެ ޑިފެކްސް ވޮރެންޓީ ލިބޭނެ އެވެ. އަދި ހަލްވޮރެންޓީގެ ގޮތުގައި ފަސް އަހަރު ދުވަސް ލިބޭނެކަމަށް އޭނާ ވިދާޅުވި އެވެ.
އެ ލޯންޗަކީ ފަހަތުގައި ގެގަނޑެއް ލުމަށްފަހު ކުރި ހުސްކޮށް އިންނަ އުޅަނދަކަށް ވާތީ މަސް ބޭނުންފަދަ ކަންކަމަށް އެ ލޯންޗް ވަރަށް ފަސޭހަވާނެ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ގެގަނޑު ނުވަތަ ހިޔާގަނޑުގެ ތެރޭގައި ގާތްގަނޑަކަށް ހަވަރަކަށް މީހުންނަށް ތިބެވޭނެއެވެ. ނަމަވެސް ކުރީކޮޅުގައި ބާކީ އޮތް ޖާގައާ އެކު 16 ވަރަކަށް މީހުންނަށް ތިބެވޭނެ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.
އަލްޝާލި މެރިން އިން ނެރުނު، ފަސިޖަރުން އުފުލަން ހާއްސަ ލޯންޗް، މިއީ 36 ޖާގައިގެ ލޯންޗެއް --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އެ ލޯންޗްގެ އިތުރުން އަލްޝާލި މެރިން އިން ވަނީ އިތުރު ލޯންޗެއް ވެސް އެކްސްޕޯގައި ދައްކާލާފައެވެ. އެއީ ފަސިންޖަރުން އުފުލަން ހާއްސަ އުޅަނދެކެވެ.
އިސްމާއިލް ވިދާޅުވި ގޮތުގައި ފަސިންޖަރުން އުފުލަން ހާއްސަ އުޅަނދަށް ގިނަ ރިސޯޓްތަކެއްގެ ޑިމާންޑް ބޮޑެވެ.
އަލްޝާލި މެރިން އިން ނެރުނު، ފަސިޖަރުން އުފުލަން ހާއްސަ ލޯންޗް، މިއީ 36 ޖާގައިގެ ލޯންޗެއް --- ސަން ފޮޓޯ/ ފަޔާޒް މޫސާ