01 Oct 2016, 00:02
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބު ވެލެންސިއާ ބަލިކޮށް، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ތިން ވަނަ ބުރު މެޗުގައި ވެލެންސިއާގެ މައްޗަށް ޔޫވީ ކުރި ހޯދާފައިވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ ނަތީޖާއާ އެކު ކުޅުނު 19 މެޗުން ލިބުނު 23 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައަށް ޔޫވީ ޖެހިލި އިރު، ކުޅުނު 19 މެޗުން ލިބުނު 20 ޕޮއިންޓާއެކު ވެލެންސިއާ ވަނީ ތާވަލުގެ ފަސް ވަނައަށް ވެއްޓިފައެވެ. ތާވަލުގެ ފަސް ވަނައިގައި އޮތް ވެލެންސިއާ އާއި ހަ ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެމެދު އަދިވެސް އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ.
މިރޭ ކުޅުނު މެޗުގެ ކުރީކޮޅު ވެލެންސިއާ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ވެލެންސިއާގެ ހާންސްލޭ އަވީލޯ އާއި މުހައްމަދު އާރިފް (ބަކާ) އަދި ޗިޒީ ކަކާ ޗިންޑާ އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޔޫވީ އަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ޔޫވީގެ އިބްރާހިމް ނޫރައްދީން އަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔަ އިރު، އަލީ ހައިޝަމް އަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ.
މެޗުގައި ޔޫވީން ޖެހި ލަނޑު ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. ބިދޭސީ ފޯވަޑް ރަފީނިއާ ނަގައިދިން ކޯނަރަކުން ޔޫވީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ޑިފެންޑަރު ވުކޮބްރަޓް ޑޯޑޭއެވެ.
މެޗުގެ ދެ ވަނަ ހާފުގައި ވެލެންސިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ޔޫވީގެ ގޯލަށް އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައިވަނީ ބަކާއެވެ. މެޗު ނިމެން ދަނިކޮށް، ޔޫވީގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި ބަކާ އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ލީގުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ މި ފެށޭ މަހުގެ 16 ވަނަ ދުވަހުއެވެ. އެ ދުވަހު ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، އެ ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ. އަދި އެ ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު އީގަލްސް އާއި ކްލަބު ވެލެންސިއާއެވެ.