06 Jun 2011, 15:05
ސ. މަރަދޫގައި އޮންނަ ސްލިޕްވޭ ބިޑަކަށް ނުލައި 25 އަހަރު ދުވަހަށް ކުއްޔަށް ދިން މައްސަލަ އާއި ކުއްޔަށް ދިން އިރު އެތަނުގައި އޮންނަ ރޭމްޕަށް އަގެއް ނުނަގާ ގޮތަށް ކުއްޔަށް ދީފައި ވަނީ ގާނޫނާއި ގަވައިދާ ހިލާފަށް ކަމަށް ކަނޑައަޅައި، ކުއްޔަށް ދިނުމުގެ އެގްރިމެންޓް ބާތިލުކޮށްދިނުމަށް އެދި އެ ރަށު މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
އެ މައްސަލަ މިދިޔަ ބުރާސްފަތު ދުވަހު މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ވައްދާފައި ވަނީ އެ ރަށު ސޭބުގޭ އަލިދީދީ )ނައިސްވޭ އަލިދީދީ( އެވެ.
އެ މައްސަލަ ކޯޓަށް ވެއްދުމުގައި އޭނާއާ އެކު ބައިވެރިވި އަބްދުﷲ ޣަފޫރު ބުނި ގޮތުގައި، ބޯޓުފަހަރު ބަނދެ، އެހެލައި މަރާމާތުކުރުމަށް އިނގިރޭސިން ހަދައިފައި އޮތް ރޭމްޕަށް އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް، އެ ރޭމްޕް އޮންނަ ބިން މަރަދޫ އާގަލާ، އިބްރާހީމް ހަބީބަށް 2036ގެ ނިޔަލަށް ކުއްޔަށް ދިން މައްސަލާގައި ދައުވާކުރަނީ ސިޓީ ކައުންސިލްގެ މައްޗަށް ކަމަށެވެ.
އޭނާ ބުނީ އެ ރޭމްޕް ކުއްޔަށް ދިން މައްސަލަ ކޯޓަށް ހުށަހެޅީ ބިމުގައި ހުރި ވަސީލަތްތަކަށް އެއްވެސް ފީއެއް ނުނަގައި ކުއްޔަށް ދިނުމަކީ ގަބޫލުކުރެވޭ ކަމަކަށް ނުވާތީ ކަމަށެވެ. އަދި ނަފާ ލިބޭ ތަނެއް ކުއްޔަށް ދިން އިރު، ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް ކުރިމަތުލުމުގެ ފުރުސަތެއް ނުދީ، އިންސާފުވެރި ބިޑިން ޕްރޮސެސްއަކާ ނުލައި ކުރިއަށްގެންގޮސްފައިވާތީ ގިނަ ބަޔެއްގެ ހައްގުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށް މަރަދޫގެ ގިނަ ރައްޔިތުން ދެކޭތީ އެމީހުންގެ ހައްގުތައް ހޯދައި ދިނުމަށް ކަމަށް ޣަފޫރު ވިދާޅުވި އެވެ.
އެހެންކަމުން، މިދިޔަ މަހުގެ އެއް ވަނަ ދުވަހު ސްލިޕްވޭގެ އެގްރިމެންޓް ހަބީބަށް އާކޮށްދީފައި ވަނީ ގާނޫނީ އިމުން ބޭރުގައި ކަމަށް ކަނޑައަޅައި، އެގްރިމެންޓް ބާތިލުކޮށްދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމުގައި އޭނަ ވިދާޅުވި އެވެ. އަދި ސްލިޕް ވޭ ބިޑަށް ލައިގެން ކުއްޔަށް ދިނުމަށް ސިޓީ ކައުންސިލްގެ މައްޗަށް އަމުރު ނެރެދިނުމަށް ވެސް އެދިފައިވާނެ ކަމުގައި ޣަފޫރު ވިދާޅުވި އެވެ.
"ދައުވާ މިކުރަނީ އެގްރިމެންޓް ބާތިލުކުރަން. އެއީ ގާނޫނާ ހިލާފަށް ކޮށްފައިވާ ހާލަތުގައި އެ އެގްރިމެންޓް ބާތިލުކޮށްފައި އެ ސްލިޕް ވޭ އަލުން ބިޑަށް ލައިގެން އެތަން ލިބޭ ކަހަލަ ގޮތަކަށް ހަމަޖައްސައިދޭން އެދިފައިވާނެ. އެއީ އަޅުގަނޑުމެންނަށް ވިސްނޭ ގޮތުގައި އެންމެ ރަނގަޅު މަންފާއެއް ރަށު ރައްޔިތުންނަށް ވެސް ލިބޭނީ އެގޮތަށް އެކަން އޮތީމަ،" ޣަފޫރު ވިދާޅުވި އެވެ.
މަރަދޫ ސްލިޕްވޭގެ އެގްރިމެންޓް އާކޮށްފައި ވަނީ ސްލިޕްވެ އޮންނަ 17275.74 އަކަފޫޓުގެ ބިމާއި އެތަނުގައި އޮންނަ ރޭމްޕް މަހަކު ކޮންމެ އަކަ ފޫޓަކަށް 30 ލާރީގެ މަގުން ޖުމްލަ 5182ރ.ގެ ކުލި ދައްކާ ގޮތަށެވެ. ރޭމްޕަށް އެއްވެސް އަގެއް ނުނަގާއިރު، އެތަން ހިންގައިގެން ބޮޑު އާމްދަނީއެއް ކުއްޔަށް ނަގާފައިވާ ފަރާތުން ދަނީ ހޯދަމުންނެވެ.
އެހެންކަމުން އެތަން ކުއްޔަށް ހިފަން ބޭނުންވާ އިތުރު ވިޔަފާރިވެރިން ވެސް ތިއްބާ، ހަބީބާ އެކު ކުރީ ސަރުކާރުން ހަދައިފައިވާ އެގްރިމެންޓް ސިޓީ ކައުންސިލުން އާކުރުމުން މަރަދޫ ރައްޔިތުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެއީ ސިޔާސީ ފައިދާ ހޯދުމަށް ކުރި ކަމެއް ކަމަށް އެމީހުން ތުހުމަތުކުރެ އެވެ.
އެގޮތުން މަރަދޫ ސިލްޕް ކުއްޔަށް ދީފައިވާ ހަބީބަކީ އެމްޑީޕީ އަށް މިދިޔަ އަހަރު ސޮއިކުރި މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލްގެ ބޮޑުބޭބެ އެވެ. އޭނާ އެމްޑީޕީ އަށް ސޮއިކުރީ އެ ސިލްޕް ވޭގެ އެގްރިމެންޓް އާކޮށްދޭން ސަރުކާރުން އެއްބަސްވުމުން ކަމަށް އޭރު ވަރަށް ބޮޑަށް އަޑުފެތުރިގެންގޮސްފައިވަނިކޮށް، މިއަހަރު އެތަން ހަބީބަށް ދިގު މުއްދަކަށް ކުއްޔަން ދިންކަން ފާޅާއެރީ ހަބީބާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ކޮޕީ "ސަން" އަށް ލިބިގެން، އެ ހަބަރު ޖެހުމުންނެވެ.
އައްޑޫ ސިޓީގެ މޭޔާ އަބްދުﷲ ސޯދިގު ސޯބެ ވިދާޅުވެފައި ވަނީ، ސްލިޕްވޭ އެގްރިމެންޓް އާކޮށްދިނީ 10 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް ކުރުމަށް އޭނާ ހުށަހަޅައިފައިވާތީ ކަމަށެވެ. އަދި ކުލި ނަގަނީ ސްލިޕްވޭ އޮންނަ ބިމަށް ކަމަށާއި އެތަނުގައި ހުރި އިމާރާތްތަކަށާއި އެހެން ތަންނަތަނަށް ވަކިން ކުލި ނުނަގަނީ ކުރިންވެސް އެކަން ކުރަމުން އަންނަނީ އެގޮތަށް ކަމަށްވާތީ ކަމަށެވެ.