ޗައިނާއާއި ރާއްޖެއާ ދެމެދު ފްރީ ޓްރޭޑް އެގްރިމެންޓެއް ގާއިމު ކުރުމަށް މިހާތަނަށް ތިން ބައްދަލުވުމެއް ބާއްވާފައިވާ އިރު، ހަތަރުވަނަ ބައްދަލުވުން މިއަދު ވަނީ ނިމިފައެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ އެފްޓީއޭ މަޝްވަރާތަކުގެ ފަހު ބުރުގައި މަޝްވަރާކުރީ ރާއްޖޭގައި އުފައްދާ، އަދި ރާއްޖެއިން އެކްސްޕޯޓުކުރާ މަހުގެ ބާވަތްތައް ޗައިނާއަށް ސުން ޕަސަންޓުގައި އެކްސްޕޯޓު ކުރުމާ ގުޅޭގޮތުން ކަމަށެވެ. އަދި ދެގައުމުގެ ދެމެދުގައި ފްރީޓްރޭޑު އެގްރިމެންޓު ކުރެވޭ ދުވަހުން ފެށިގެން އެކަމަށް އަމަލު ކުރަން ފެށުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގައި އަންނަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ސޮއިކުރެވޭނެ ކަމަށެވެ.

ހޮންގކޮންގުން ވެސް ރާއްޖެއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން ބޭނުންވާތީ، އެގައުމަ އެކު ވެސް މަޝްވަރާތައް ބޭއްވުނު ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި އެގައުމާ އެކު ވެސް ސޮއިކުރުމަށް ނިންމާފައިވާ ކަމަށެވެ.