މިނިވަން ޗެމްޕިއަންޝިޕްގެ ގދ. އަތޮޅުގެ ފައިނަލުގައި ގައްދޫ ބަލިކޮށް، މަޑަވެލި ޓީމު ޗެމްޕިއަންކަން ހޯދައިފިއެވެ.

ހޯޑެއްދޫ ދަނޑުގައި މިއަދު ހަވީރު ކުޅުނު ގދ. އަތޮޅު ފައިނަލް މެޗުގައި ގައްދޫގެ މައްޗަށް މަޑަވެލިން ކުރި ހޯދާފައިވަނީ 1-0 ލަނޑުންނެވެ.

މިއަދު ކުޅުނު އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގައި މަޑަވެލިން ކާމިޔާބުކުރި ލަނޑު ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. މެޗުގެ 82 ވަނަ މިނެޓުގައި މަޑަވެއްޔަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު މިންހާޖް ޖަމީލްއެވެ.

ގދ. އަތޮޅުގެ ޗެމްޕިއަން މަޑަވެލި ދެން ނުކުންނަން ޖެހޭނީ މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ހަތެއްގެ ބުރުގައެވެ. އެ ބުރުގައި މަޑަވެއްޔާއެކު ދެން ވާދަކުރާނީ ގއ. އަތޮޅުގެ ޗެމްޕިއަން ދެއްވަދޫއެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްދާ އެ ބުރުގެ ފުރަތަމަ ލެގު މެޗު އަންނަ ހޯމަ ދުވަހު ދެއްވަދޫގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، އަންނަ ބުރާސްފަތި ދުވަހު ކުޅޭ ދެ ވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މަޑަވެލި ދަނޑުގައެވެ.