30 Sep 2016, 19:51
ދެކުނު އޭޝިއާގެ ހަތަރު ގައުމަކުން ބޯއިކޮޓް ކޮށްފައިވާ، މި އަހަރުގެ ސާކް ސަމިޓަށް ނުދިއުމަށް ސްރީލަންކާއިން ވެސް ނިންމައިފިއެވެ.
ލަންކާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސާކް ޗާޓަރުގައިވާ ގޮތުން، ހުރިހާ ނިންމުމެއް ވެސް ނިންމަން ޖެހޭނީ ހުރިހާ މެމްބަރު ގައުމެއްގެ ރުހުމުގައި ކަމުން ހުރިހާ މެމްބަރު ގައުމެއް ސަމިޓުގައި ބައިވެރިވާން ޖެހޭނެ ކަމަށެވެ.
"ސާކް ސަމިޓު ބޭއްވޭ ފަދަ މާހައުލެއް މި ސަރަހައްދުގައި މިވަގުތު ނެތްކަން ސްރީލަންކާއިން ހިތާމައާ އެކު ފާހަގަކުރަން،"
އެ ބަޔާނުގައި ލަންކާއިން ބުނީ ސުލްހައާއި ސަލާމަތަކީ ސަރަހައްދީ އެއްބާރުލުމާ އެކު ކާމިޔާބުކަމާ އެކު މަސައްކަތް ކުރުމަށް ބޭނުންވާ މުހިންމު ދެ އުންސުރު ކަމަށާއި ދެކުނު އޭޝިއާ ސަރަހައްދުގައި އަލުން ސުލްހަ ގާއިމުކޮށް، ސަރަހައްދީ އެއްބާރުލުމުގެ މަޝްވަރާތައް ކުރުމަށް އެކަށީގެންވާ މާހައުލެއް ގާއިމުކުރުމަށް ސާކްގެ ފައުންޑިންގ މެމްބަރެއްގެ ގޮތުގައި ލަންކާއިން އެދޭ ކަމަށެވެ.
"ޓެރަރިޒަމާއި އޭގެ ހުރިހާ ބާވަތެއް ސްރީލަންކާއިން ކުށްވެރިކުރަން. މި ސަރަހައްދުގައި ޓެރަރިޒަމްގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން ޖެހޭ ކަމަށް މިގައުމުން ދެކެން،" ލަންކާގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
ސާކް ސަމިޓާ ގުޅޭގޮތުން ލަންކާއިން ވާހަކަ ދައްކާފައިވާ އިރު، ސަމިޓުގައި ބައިވެރިވުމާ މެދު ހަނު ހުރީ ސާކްގެ މި ދައުރުގެ ޗެއާކަން ކުރަމުންދާ ނޭޕާލް އަދި ދިވެހިރާއްޖެ އެކަންޏެވެ.

ލަންކާގެ ފޮރިން މިނިސްޓަރު މަންގަލަ ސަމަރަވީރަ އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް --
ކަޝްމީރުގައި އިންޑިއާއިން ވެރިކަންކުރާ ފަޅީގައިވާ އިންޑިއާގެ އަސްކަރީ ބޭސްއަކަށް މިމަހުގެ 18 ވަނަ ދުވަހު ހަތިޔާރު އަޅައިގެން ތިބި ބަޔަކު ދިން ހަމަލާއެއްގައި 19 ސިފައިން މަރާލާފައިވެއެވެ. އިންޑިއާއިން ބުނާ ގޮތުގައި އެހަމަލާގެ ފަހަތުގައި ވަނީ ޕާކިސްތާނެވެ.
މި އަހަރުގެ ސާކް ސަމިޓު ބޭއްވުމަށް ހަމަޖެހިފައި އޮތީ ޕާކިސްތާނުގެ އިސްލާމްއާބާދުގައެވެ.
ޕާކިސްތާނުގައި އޮންނަ ސާކް ސަމިޓަށް ނުދިއުމަށް އިންޑިއާއިން ނިންމި އިރު، އިންޑިއާގެ ފަހަތުން އަފްޣާނިސްތާނާއި ބޫޓާން އަދި ބަންގްލަދޭޝްއިން ވެސް ވަނީ އެ ސަމިޓު ބޯއިކޮޓް ކުރުމަށް ނިންމައިފައެވެ.
ނޭޕާލްއިން ބުނެފައިވަނީ ޕާކިސްތާނުގެ ސާކް ސަމިޓު ގިނަ ގައުމުތަކުން ބޯއިކޮޓް ކޮށްފައިވާތީ، ސަމިޓު ބޭއްވުމަށް އެހެން ތަނެއް ހޯދަމުންދާ ކަމަށެވެ.