30 Sep 2016, 19:45
އިރުމަތީ ޔޫރަޕުގެ ގައުމެއް ކަމުގައިވާ ބަލްގޭރިއާގައި މުސްލިމު އަންހެނުން އާންމު ތަންތަނުގައި މޫނު ބުރުގާ އަޅައިގެން އުޅުން މަނާކޮށްފިއެވެ.
ބަލްގޭރިއާގެ ގާނޫނު ހަދާ މަޖިލީހުން މިއަދު ފާސްކުރި ގާނޫނު ބުނާ ގޮތުގައި މޫނުގެ ބައެއް ނުވަތަ މޫނު އެއްކޮށް ފޮރުވިފައި ހުންނަ ފޭރާން އަޅައިގެން އާންމު ތަންތަނުގައި އުޅުމަކީ މަނާ ކަމެކެވެ. މި ގާނޫނު އެގައުމުން ފާސްކުރީ ނިގާބު ނުވަތަ މޫނު ބުރުގާ އެޅުން މަނާ ކުރުމަށް އަމާޒު ކޮށެވެ.
މޫނު ބުރުގާ އަޅައިގެން އުޅޭ މީހުން 200 ލީވާ (ގާތްގަނޑަކަށް 114 ޑޮލަރުން) އިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގާނޫނުގައި ވަނީ ބުނެފައެވެ. އަދި އެކަން ތަކުރާރުވާ ކޮންމެ ފަހަރަކަށް ޖޫރިމަނާ އިތުރުވެއެވެ.
މުސްލިމުންނަކީ ބަލްގޭރިއާގެ އެންމެ ބޮޑު މައިނޯރިޓީއެވެ. ބަލްގޭރިއާގައި ގާތްގަނޑަކަށް ހަތް ލައްކަ މުސްލިމުން އުޅެއެވެ. އެއީ އެގައުމުގެ ޖުމްލަ އާބާދީގެ 13 ޕަސަންޓެވެ.
ބަލްގޭރިއާއަށް މުސްލިމުންގެ ބޮޑު އާބާދީއެއް އައީ އުސްމާނީ ޚިލާފަތުގެ ދުވަސްވަރު ތުރުކީއިން ގިނަ އަދަދެއްގެ މުސްލިމުން އެގައުމަށް ހިޖުރަކުރުމާއި، ބަލްގޭރިއާގެ ގިނަ ބަޔަކު އިސްލާމް ދީން ގަބޫލު ކުރުމާ ގުޅިގެންނެވެ.
އެގައުމުގެ މުސްލިމު އަންހެނުން އާންމުގޮތެއްގައި އިސްތަށިގަނޑު ނިވާކުރުމަށް އަޅަނީ ހިޖާބެވެ.
ބަލްގޭރިއާގައި މޫނު ބުރުގާ އަޅައިގެން އުޅުން މަނާ ކޮށްފައިވާ އިރު، ޔޫރަޕުގެ ބައެއް އެހެން ގައުމުތަކުގައި ވެސް ވަނީ އެކަން މަނާކޮށްފައެވެ. އޭގެ ތެރޭގައި ފްރާންސް، އިޓަލީ، ބެލްޖިއަމް، ޑެންމާކް، ނެދަލެންޑްސް އަދި ސްވިޓްޒަލެންޑް ހިމެނެ އެވެ.