ހަނޑޫ، ހަކުރު އަދި ފުށަށް ސަރުކާރުން ދެމުން އައި ސަބްސިޑީ މާދަމާއިން ފެށިގެން ކަނޑާލައި، އެ ބާވަތްތަކުގެ އަގު މާދަމާ ދެގުނައަށް ބޮޑުވެގެން ދާ ގޮތަށް ހަމަޖެހިފައިވާ އިރު، މާލޭގެ ގިނަ ފިހާރަތަކުން ހަނޑޫ، ހަކުރު އަދި ފުށް ހުސްވެއްޖެއެވެ.

ސަރުކާރުން ނިންމާފައި ވަނީ ކާޑުގެ ބާވަތްތަކަށް ދެމުން އައި ސަބްސިޑީ ކަނޑާލައި، ހަމައެކަނި ނިކަމެތިންނަށް ސަބްސިޑީ ދިނުމަށެވެ. މިގޮތަށް ހެދުމާ އެކު މިރޭ ދަންވަރު 12:00 އިން ފެށިގެން ކާޑުގެ ބާވަތްތަކުގެ އަގު 100 ޕަސަންޓަށް ބޮޑުވާނެއެވެ.

މާލޭގެ ގިނަ ފިހާރަތަކުގެ ސޭޓުން "ސަން" ގެ ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ މިއަދު ހެނދުނު ގިނަ ބަޔަކު ގިނަ އަދަދަކަށް ހަނޑޫ، ހަކުރު އަދި ފުށް ގަންނަމުން ދިޔަ ކަމަށެވެ. ގިނަ ފިހާރަތަކުން ހަނޑޫ ވަނީ އެއްކޮށް ހުސްވެފައެވެ. ނަމަވެސް މަދު މަދުން ހަކުރާއި ފުށް ލިބެން ހުރެއެވެ.

މާލޭގެ ބޮޑު ސުޕަރމާޓެއް ކަމުގައިވާ އަގޯރާއިން މިއަދު ހަވީރު ހަނޑޫ ވަނީ ހުސްވެފަ އެވެ. ނަމަވެސް ހަކުރާއި ފުށް އެތަނުގައި ހުއްޓެވެ. ތީފަރިދޫ މާޓާއި އިހްސާން ފިހާރަ ފަދަ ނަން މަޝްހޫރު ފިހާރަތަކަށް "ސަން" ގެ ނޫސްވެރިން ޒިޔާރަތް ކުރި އިރު، އެތަންތަނުން ހަނޑޫ، ހަކުރު އަދި ފުށް ވަނީ މުޅިން ހުސްވެފައެވެ.

މާލޭގެ ފިހާރައެްގައި ވިއްކަން ބަހައްޓާފައިވާ، ބަންދުކޮށްފައިވާ ކާޑުގެ ބާވަތްތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ބައެއް ކުދި ފިހާރަތަކުގެ ސޭޓުން ބުނި ގޮތުގައި، އެތަންތަނުގައި ބަހައްޓާފައި ހުރި ހަނޑޫ، ހަކުރު އަދި ފުށުގެ ސްޓޮކު މުޅިން ވަނީ ހުސްވެފައެވެ. ގިނަ އަދަދެއްގެ ބަޔަކު މިއަދު ހެނދުނު ފިހާރަތަކަށް އައިސް، އެތަކެތި ގަނެގެން ގެންދިޔަ ކަމަށް އެމީހުން ބުންޏެވެ.

"މާދަމާ އަގުބޮޑު ވާނެތީ އެންމެން މިއަދު ގަނެވުނު ވަރަކަށް ގަނެގެން ގެންދިޔައީ. ހުރިހާ އެއްޗެއް މިއަދު ހެނދުނު މިތަނުން ހުސްވެއްޖެ،" ފިހާރައަކުން ވާހަކަ ދެއްކި ސޭޓަކު ބުންޏެވެ.

މާލޭގެ ފިހާރައެްގައި ވިއްކަން ބަހައްޓާފައިވާ، ބަންދުކޮށްފައިވާ ކާޑުގެ ބާވަތްތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް ހަނޑޫ، ހަކުރު އަދި ފުށް އެތެރެކުރާ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ހިންގާ އެސްޓީއޯ ސުޕަމާޓުގައި ހަނޑުލާއި ހަކުރު އަދި ފުށް ލިބެން އެބަ ހުއްޓެވެ. އެސްޓީއޯއިން ބުނާ ގޮތުގައި އެތަކެއްޗަށް އޮތް ޑިމާންޑު މިއަދު ވަރަށް ބޮޑެވެ.

އެސްޓީއޯއިން އިއްޔެ އިއުލާން ކޮށްފައިވާ ގޮތުން، 3.98 ރުފިޔާއަށް ވިއްކަމުން އަންނަ ހަނޑޫ ކިލޯގެ އަގު، 7.96 ރުފިޔާއަށް އުފުލޭނެއެވެ. އަދި 4.50 ރުފިޔާއަށް ވިއްކާ ހަކުރު ކިލޯގެ އަގު އަށް ރުފިޔާއަށް، އަދި 3.50 ރުފިޔާއަށް ދޭ ފުށް ކިލޯގެ އަގު 5.96 ރުފިޔާއަށް މާދަމާއިން ފެށިގެން ބޮޑުވާނެއެވެ.

ކާޑުގެ ބާވަތްތަކަށް އާންމުކޮށް ދެމުން އައި ސަބްސިޑީ ކަނޑާލައި، އެ ސަބްސިޑީ ހަމައެކަނި ނިކަމެތިންނަށް ދޭ ގޮތަށް ހަމަޖައްސާފައިވާ އިރު، ސަރުކާރުން ބުނީ އެކަން ހަމަޖައްސާނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް ކަމަށެވެ.

ނަމަވެސް ސަބްސިޑީ ދޭނެ އިންތިޒާމަކީ ކޮބައިކަމެއް، އަދި ސަބްސިޑީ ދޭނެ ފަރާތްތައް ކަނޑައަޅާނީ ކޮން އުސޫލަކުން ކަމެއް އެންސްޕާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.