30 Sep 2016, 16:50
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރު ގަައުމުތަކުގެ މަސްވެރިން ވަގަށް މަސްވެރިކަން ކުރާ މައްސަލަ ވަރަށް ބޮޑުތަން މަދު ކުރެވިއްޖެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ކެބިނެޓުގެ އިކޮނޮމިކް ކައުންސިލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ސަރުކާރަށް އެނގިގެން މިފަދަ ހާދިސާއެއް މިހާރު ނުހިނގާނެ ކަމަށެވެ.
"ރާއްޖޭގެ މަސްކަނޑުތަކުން ބޭރު ބޯޓުތަކުން ވަގަށް މަސް ގެންދިއުމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ކުޑަވެފައި،"
ޝައިނީ ވިދާޅުވީ މިކަން ކުރީ މަސްވެރިންގެ ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އެންމެ ބޭރަށް ނެރެގެން ކަމަށެވެ.
"ރާއްޖޭގެ ދުރުގައި، މަސްކަނޑުގައި ވީހާވެސް ބޭރުގައި، އީއީޒީ (އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ނުވަތަ ޚާއްސަ އިގްތިސާދީ ސަރަހައްދު)ގެ ވެސް ބޭރުން މަސްވެރިކަން ކުރެވޭ ގޮތަށް ސަރުކާރުން ފަސިލިޓޭޓު ކޮށްދިނީ،" ޝައިނީ ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓަރު ވިދާޅުވީ މަސްވެރިކަން އަބަދުވެސް އޮންނާނީ ކޮންމެވެސް އެއް ދިމާލެއްގައި ކަމަށާއި، ހުރިހާ ދޯންޏެއް ވެސް އުޅޭނީ އެ ދިމާލުގައި ކަމަށެވެ. އަދި ރާއްޖެއިން ބޭރުން އަންނަ ބޯޓުތައް ވެސް އަންނާނީ އެ ދިމާލަކަށް ކަމަށް ޑރ. ޝައިނީ ވިދާޅުވި އެވެ.
"އެދިމާލަށް ހަމަ ހުރިހާ އެންމެން ދަތުރުކުރާނީ. ބޭރުން ވެސް ބޯޓުތައް އަންނާނީ އެދިމާލަށް. އަޅުގަނޑުމެންގެ ދޯނިފަހަރުވެސް މިހާރު އެހިސާބަށް ނުކުމެގެން މަސައްކަތް އެބަ ކުރޭ. އެހެންވީމަ އެދިމާލަށް ބޭރު ބޯޓުތައް ވަނުމުގެ ފުރުސަތު އެބަ ކުޑަވޭ،" ޝައިނީ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދާ އަޅައިގެން އޮންނަ ބޯޓެއް ކަނޑުން ދާ ނަގައިގެން ފިލުމަށް ހަތަރު ވަރަކަށް ގަޑިއިރު ނަގާނެ ކަމަށާއި، ނަމަވެސް ރާއްޖޭގެ ދޯނިފަހަރު ހަލުއި ދުވެލީގައި ދަތުރުކުރާ ކަމުން އެފަދަ ބޭރުގެ ބޯޓުތަކާ އަރާ ހަމަކުރުމަށް ފަސޭހަ ވާނެ ކަމަށެވެ.
"މިހާރު ކަނޑުން ވަގަށް މަސްވެރިކަން ކޮށްގެން ދާ ދިއުން ވަރަށް ކުޑަވެފައި އޮންނާނީ. ބޭރުގެ ފަރާތްތަކަށް އަޅުގަނޑުމެން ލައިސެންސް ދޫ ނުކުރަން. ހުސް ދިވެހި ބޯޓުފަހަރު ދިވެހި ކަނޑުގައި ހަރަކާތްތެރިވާނީ،"
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގެ ބޭރުން އިންޑިއާ ކަނޑުގައި ދާ އަޅައިގެން ބޭރުގެ މަސްވެރިން މަސްވެރިކަން ކުރާ ކަމުގެ ޝަކުވާ ސަރުކާރަށް ލިބޭ ކަމަށާއި ނަމަވެސް އެއީ ރާއްޖެއަށް ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ.
އެހެން ނަމަވެސް ރާއްޖެއިން އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުގައި ބައިވެރިވެ، ރާއްޖެއިން އިސްނަގައިގެން އެކަންކަން ހުއްޓުވުމަށް ނުވަތަ ލިމިޓު ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.