01 Oct 2016, 00:44
ރާއްޖޭގެ މެރިން އިންޑަސްޓްރީގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ލިވްއަބޯޑު އެސޯސިއޭޝަނުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މެރިން އެކްސްޕޯ 2016 ނިމުމަކަށް އައިސްފައިވާއިރު މި އެކްޕޯއިން ރާއްޖޭގެ މެރިން އިންޑަސްޓްރީއަށް ބޮޑެތި ކުރިއެރުން ގެނެސްދީފިއެވެ.
ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި އެކްސްޕޯ ވެގެން ދިޔައީ އެކްސްޕޯގައި ބައިވެރިވި ކުންފުނިތަކަށް، އެކުންފުނިތަކުގެ ޕްރޮޑަކްޓުތައް ވިޔަފާރިވެރިންނާއި އާންމުންނާ ހަމައަށް ގެނެސްދޭން ފަހި ފުރުސަތަކަށެވެ.
މިއަހަރުގެ މައުރަޒުގައި އޮޑި ދޯނިފަހަރު އުފައްދާ ފަރާތްތަކާއި، މެރިން އިކުއިޕްމެންޓުތައް ވިއްކާ ފަރާތްތަކާއި، އިންޝޫރަންސާއި ބޭންކިން ސާވިސްގެ އިތުރުން މެރިން އިންޑަސްޓްރީއަށް ބޭނުންވާ އެކި ޚިދުމަތްތަކާއި މުދާ ފޯރުކޮށްދޭ ފަރާތްތައް ހިމެނޭ ގޮތަށް ޖުމްލަ 32 ކުންފުންޏަކުން ބައިވެރިވެފައިވެއެވެ.
މެރިން އެކްސްޕޯ 2016 ގެ ތެރެއިން - ސަން ފޮޓޯ: ފަޔާޒް މޫސާ
ހުޅުމާލޭ މެރީނާ ސަރަހައްދުގައި މި އެކްސްޕޯ ކުރިއަށް ދިޔަ އިރު އެކްސްޕޯގެ ތެރެއިން ތަފާތު އެކި ކަންތައްތައް ފެނިގެން ދިޔައެވެ. އެގޮތުން ކުންފުނިތަކުގެ އާ ޕްރޮޑަކްޓު ލޯންޗިން އާއި މޫދު ކުޅިވަރުގެ އިތުރުން ސެމިނާތަކެ ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ޚާއްސަ ޓޯކް ޝޯތަކަކާއި މެރިން ޓޫރިޒަމްގެ ތީމްގައި އެކި ކަހަލަ ފަންނުވެރި އާޓްވޯކްތައް ދައްކާލެވޭނެ އާޓް ގެލެރީއެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން މެރިން އެކްސްޕޯގެ އިވެންޓް އޯގަނައިޒާ، ބްލަކް ގެ މެނޭޖިންގް ޑިރެކްޓަރު އިސްމާއިލް ހުޝާމް ވިދާޅުވީ މިއަހަރުގެ އެކްސްޕޯ އަކީ ސަރަހައްދީ ގޮތުން ބަލާއިރުވެސް ވަރަށް ކާމިޔާބު އަދި އެހާ ފުޅާކޮށް ބޭއްވުނު އެކްސްޕޯއެއް ކަމަށެވެ. އަދި މިފަހަރުގެ މައުރަޒަށް ޒިޔާރަތް ކުރި ފަރާތްތަކުގެ ތެރޭގައި އޭޝިއާ ބައްރުގައި ރާއްޖެ ހިމެނޭ ސަރަހައްދުން ބޭރުގެ ފަރާތްތައްވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ބްލަކްގެ އެމްޑީ ހުޝާމްސަން އަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ: ފަޔާޒް މޫސާ
"ސަރަހައްދީ ގޮތުން ބަލައިފިއްޔާ، މިސާލަކަށް އެންމެ އަވަށްޓެރި ގައުމު ލަންކާ. ލަންކާގަ ވެސް ބާއްވާ ބޯޓް ޝޯ އަކީ މި ސްކޭލްއާ ގާތްވެސް ކުރާ ޝޯއެއް ނޫން. އެއީ ރާއްޖޭގަ މެރިން ޕޮޓެންޝަލް މަތި ތަންކޮޅު. ދެން އިންޑިއާގަ އަދި ތަފާތު މާ ބޮޑަށް. އެހެންވިއްޔާ ސަރަހައްދީ ގޮތުން ބަލައިފިއްޔާ އަޅުގަނޑުމެން އަދި އަލަށް ފަށައިގެން އުޅޭ ޝޯއެއް ތިން ވަނަ އަހަރަށް ދާއިރު މިހާރު ފުދޭ ވަރެއްގެ ރިކޮގްނިޝަންއެއް ލިބުނީމަ އެއީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް،" ހުޝާމް ވިދާޅުވި އެވެ.
ހުޝާމް ވިދާޅުވި ގޮތުގައި މިއަހަރުގެ އެކްސްޕޯއަށް ޒިޔާރަތް ކުރި ފަރާތްތަކުގެ ތެރޭގައި ޗައިނާ އާއި ރަޝިއާގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުގެ ފަރާތްތައް ހިމެނެއެވެ.
މިދިޔަ ތިން އަހަރާ ތަފާތު އެތައް ކަމެއް މިއަހަރުގެ މައުރަޒުން ފެނިގެން ދިޔަ އިރު މިއަހަރުގެ މައުރަޒު ސިފަ ވެގެން ދިޔައީ ވިޔަފާރީގެ ހަލަބޮލި މަރުކަޒެއްގެ ގޮތުގައިއެވެ.
"މި އެކްސްޕޯގައި ބައިވެރިވި އެކްޒިބިޓަރުންނާ އަޅުގަނޑުމެން ކޮންމެ ދުވަހަކުވެސް ވާހަކަދައްކާ ހަދާލަން. އެބޭފުޅުން މި އެކްޒިބިޝަންގައި ބައިވެރިވި މަގްސަދު އެބޭފުޅުންނަށް އެބަ ހާސިލްވޭ. އެހެން ވީމަ އަޅުގަނޑުމެންގެ މެޖޯރިޓީ އެކްޒިބިޓަރުން ވަރަށް ހެޕީ،" މައުރަޒަށް ލިބުނު ތަރުހީބުގެ މިންވަރު ކިޔައިދެމުން ހުޝާމް ވިދާޅުވިއެވެ.
މެރިން އެކްސްޕޯ 2016 ގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒް މޫސާ
އޭނާ ވިދާޅުވީ އެ މައުރަޒަށް ޒިޔާރަތް ކުރާ ގިނަ ފަރާތްތަކުން ބޭނުންވަނީ އެއްތަނަކުން އެ ހުރިހާ ޕްރޮޑަކްޓެއް ފެނި، އެތަކެތީގެ މައުލޫމާތު ލިބިގެން ދިއުމަށް ކަމަށެވެ. އެ ކަންތައް މައުރަޒުގެ ތެރެއިން ހާސިލުވެގެންދާއިރު، އެފަރާތްތަކުން ދެން އެންމެ ބޭނުން ވަނީ އެތަނުން ނުކުމެގެން ދާއިރު ރަނގަޅު އޮފަރ އެއް ހިފައިގެން ދިއުން ކަމަށާއި އެކަން ވެސް ހާސިލްވި ކަމަށް އޭނާ ވިދާޅުވިއެވެ.
ރޭ ބޭއްވި އެ އެކްސްޕޯ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވި އެކްޒިބިޓަރުންގެ ތެރެއިން ހޮވާލެވުނު ތިން އެކްޒިބިޓަރަކަށް އެވޯޑުވެސް ދީފައިވެއެވެ. އެންމެ ރީތި ޑިޒައިނެއް ދައްކުވައިދޭ ސްޓޯލާއި، އެންމެ ރަނގަޅު ކަސްޓަމާ ސާވިސް އަދި ބެސްޓް އިނޮވޭޓިވް ޕްރޮޑަކްޓް، މި ތިން ކެޓަގަރީން ވަނަ ހޮވާފައިވާއިރު އެންމެ ރީތި ޑިޒައިނެއް ދައްކުވައިދޭ ސްޓޯލް ގެ އެވޯޑު ލިބުނީ އެލިއާ އިންވެސްޓްމެންޓް އަށެވެ.
މެރިން އެކްސްޕޯ - ބެސްޓް އިނޮވޭޓިވް ޕްރޮޑަކްޓް އެވޯޑު ލިބުނީ އެމްއޭ ސާވިސްއިން ތައާރަފްކުރި ހައިޑްރޯސް ޕްރޯ ބީސީ އަށް --- ސަން ފޮޓޯ: ފަޔާޒް މޫސާ
އެންމެ ރަނގަޅު ކަސްޓަމާ ސާވިސް އެވޯޑު ހަސަން މެރިން އަށް ލިބުނު އިރު ބެސްޓް އިނޮވޭޓިވް ޕްރޮޑަކްޓްގެ އެވޯޑު ލިބުނީ އެމްއޭ ސާވިސް އަށެވެ.
އެމްއޭ ސާވިސް އަށް އެ އެވޯޑު ލިބިފައިވަނީ އެ ކުންފުނިން ތައާރަފް ކުރި ހައިޑްރޯސް ޕްރޯ ބީސީ އަށެވެ. އެއީ ރާއްޖޭގެ މާކެޓަށް މުޅިން އާ ޑައިވިން ކިޓެކެވެ. މިއީ މިހާރު ރާއްޖޭގައި ބޭނުންކުރާ ޑައިވިން ކިޓްތަކާ ޚިލާފަށް މާބޮޑަށްވެސް ލުއި، އަވަހަށް ހިއްކާލެވޭ، ޑައިވިންކިޓެކެވެ.
މި މައުރަޒު ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލިވްއަބޯޑު އެސޯސިއޭޝަން ސެކްރެޓަރީ ޖެނެރަލް މުހައްމަދު އިގްނާޒް އަލީ ވިދާޅުވީ އެ އެސޯސިއޭޝަންގެ އެންމެ ބޮޑު އެއް އަމާޒަކީ މެރިން އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކަށް ފަސޭހަކަމާއެކު ދާއިރާއާ ގުޅުން ހުރި ޚިދުމަތްތައް ލިބިގެން ދިއުން ކަމަށެވެ. އެމަގުސަދު މި މައުރަޒުގެ ތެރެއިން ވަރަށް ބޮޑަށް ހާސިލްވެގެން ގޮސްފައިވާ ކަން އޭނާ ވިދާޅުވިއެވެ.
މެރިން އެކްސްޕޯ ނިންމުމުގެ ރަސްމިއްޔާތުގައި ލިވްއަބޯޑު އެސޯސިއޭޝަންގެ ސެކެއްޓަރީ ޖެނެރަލް، މުހައްމަދު އިގްނާޒް ވާހަކަ ދައްކަވަނީ ---- ސަން ފޮޓޯ: ފަޔާޒް މޫސާ
"މި އިވެންޓު ބޭއްވޭ ތިން ވަނަ ފަހަރު މިއީ. ތިން ވަނަ ފަހަރަށް ބޭއްވިގެން ދިޔަ އިރު މި އޭޝިއާގަވެސް މި އެކްސްޕޯއާ ޗެލެންޖު ކޮށްލެވޭނެ ވަރުގެ އެކްސްޕޯއެއް ނުބޭއްވޭނެ،" އިގްނާޒް ވިދާޅުވިއެވެ.
މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި މައުރަޒުގެ ފުރަތަމަ ތިން ދުވަސް ޚާއްސަ ކުރެވިގެން ދިޔައީ ވިޔަފާރިވެރިންނަށެވެ. މައުރަޒުގެ ފަހު ދުވަސް އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވާއިރު، 1000 އަށް ވުރެ ގިނަ އާންމުންގެ ފަރާތްތައް އެ މައުރަޒަށް އިއްޔެ އެކަނި ޒިޔާރަތް ކޮށްފައިވެއެވެ.
މޯލްޑިވްސް މެރިން އެކްސްޕޯ 2016ގެ މެއިން ސްޕޮންސާއަކީ އެމްޓީސީސީއެވެ. ކޯ ސްޕޮންސާއަކީ މެރީން އިކުއިޕްމެންޓްސްއެވެ. އެއާލައިން ޕާޓްނާގެ ގޮތުގައި މެގަ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު ޓެލެކޮމް ޕާޓްނަރަކީ ދިރާގުއެވެ. ލައިފްސްޓައިލް ޕާޓްނަރކަމަށް އީވޯ ހަމަޖައްސާފައިވާ އިރު ޕްރޮޕޯޝަނަލް ޕާޓްނަގެ ގޮތުގައި ހަމަޖައްސާފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަނެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.