30 Sep 2016, 14:41
ތިމާވެށި ހިމާޔަތް ކުރުމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ މަސައްކަތްތައް ބަލައިގަނެ، ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ އެމެރިކާގެ ގްލޯބަލް ގްރީން ޖަމިއްޔާއިން އެމަނިކުފާނަށް ޝަރަފު އަރުވައިފިއެވެ.
ގްލޯބަލް ގްރީން ޖަމިއްޔާއަކީ، ސޯވިއެޓް ޔޫނިއަންގެ ކުރީގެ ލީޑަރު މީކާއިލް ގޮރްބަޗޭވް އިސްވެ ހުންނަވައި އުފައްދަވާފައިވާ، ތިމާވެށި ހިމާޔަތް ކުރާ މަދަނީ ޖަމިއްޔާ "ދަ ގްރީން ކްރޮސް އިންޓަނޭޝަނަލް"އާ ގުޅިފައިވާ ޖަމިއްޔާއެކެވެ.
ގްލޯބަލް ގްރީންއިން ކޮންމެ އަހަރަކުވެސް ތިމާވެށީގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކަކަށް އެވޯޑު ދެމުން ދާ އިރު، އެވޯޑު ހަފްލާގައި ކޮންމެ އަހަރަކު ވެސް ތިމާވެއްޓާ ގުޅޭ ދާއިރާތަކުން ފާހަގަކުރެވޭ ފަރާތްތަކަށް އެޖަމިއްޔާގެ ޝަރަފު އަރުވައެވެ.
އެގޮތުން މި އަހަރު ގްލޯބަލް ގްރީންގެ ޝަރަފު ލިބޭ އެއް ފަރާތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ގްލޯބަލް ގްރީންއިން ބުނީ ރައީސް ނަޝީދަށް އެ ޝަރަފު ދެނީ، އެމަނިކުފާނަކީ ދުނިޔޭގެ ތިމާވެށީގެ ޗެމްޕިއަނެއްގެ އިތުރުން ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ލީޑަރަކަށް ވާތީ ކަމަށެވެ.
ގްލޯބަލް ގްރީންގެ ޝަރަފު މި އަހަރު ލިބުނު އިތުރު ފަރާތްތަކުގެ ތެރޭގައި ފިލްމީ ތަރި ޝެއިލީން ވުޑްލީއާއި، ފޭސްބުކްގެ ސަސްޓޭނަބިލިޓީ ޑިރެކްޓަރު ބިލް ވެއިލްގެ އިތުރުން ހަ ފަރާތެއް ހިމެނެއެވެ.