ނ. މަނަދޫ ރަށު ކައުންސިލްގެ އިދާރީ މުވައްޒިފުން މަދުވުމުގެ ސަބަބުން މަނަދޫ ރަށު ކައުންސިލްގެ މަސައްކަތް ހުއްޓިފައިވާ ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.

ޑީއާރުޕީގެ މެޖޯރިޓީ އޮންނަ މަނަދޫ ކައުންސިލްގެ ނައިބު ރައީސް އަލީ ޝިފާޒް މިއަދު ވިދާޅުވީ އެ އިދާރާގައި މަސައްކަތްކުރާ ފަސް މުވައްޒިފުންގެ ތެރެއިން އެންމެ މުވައްޒިފަކު ފިޔަވައި އެހެން މުވައްޒިފުން ވަޒީފާ އަށް ނާންނަނީ އެ މުވައްޒިފުންގެ އެކި ސަބަބުތަކާ ހުރެ ޗުއްޓީގައި ތިބީމާ ކަމަށެވެ.
"މަސައްކަތު މީހެއް އެކަނި އައީ. ދެން ތިބި މީހުން ތިބީ ޗުއްޓީގައި. ކައުންސިލަރުން ނިކުތަކަސް އިދާރީ ގޮތުން ކަންތައްތައް ކުރިއަށް ނުދަންޏާ ކިހިނެއް މަސައްކަތް ކުރާނީ. މަސައްކަތްތައް މިއަދު މިހުރީ ހުއްޓިފައި،" ޝިފާޒް ވިދާޅުވި އެވެ.

ކައުންސިލަރުން ހުވާކޮށް ކައުންސިލްގެ މަސައްކަތްތައް ފެއްޓި ފަހުން ވެސް އިދާރީ މުވައްޒިފުންގެ ދަތިކަން އަބަދު ވެސް ފޯރަމުން އަންނަ ކަމަށާއި އެކަން ހައްލުކުރުމަށް ސިވިލް ސާވިސް އާއި އެތައް ފަހަރެއްގެ މަތިން ވާހަކަ ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ކިތަންމެ ފަހަރަކު މަސައްކަތް ކުރެއްވިއްޖެ. އިތުރު މުވައްޒިފުން ބޭނުންވާ ވާހަކަ ބުނެވިއްޖެ. އަދި އިންޓަވިއު ވެސް ކޮށްފައި އެކޮޅަށް ފޮނުވާފައި ހުންނާނީ. އެކަމަކު އަދި ޖަވާބެއްނާދޭ. އެހުރީ އެ [ސިވިލް ސާވިސް ކޮމިޝަން] އާއި ހިސާބުން ހުއްޓިފައި،" ޝިފާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ތިބި ފަސް މުވައްޒިފުންގެ ތެރެއިން ހަތަރު މުވައްޒިފަކު ސަރުކާރުގެ ރިޑަންޑެންސީ ޕެކޭޖުގައި ބައިވެރިވުމަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމުން މުވައްޒިފުންގެ ދަތިކަން މުސްތަގުބަލުގައި ބޮޑުވާނެ ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ. އަދި ވަގުތީ މުވައްޒިފުން ނެގުމަށް ވެސް ކޮމިޝަނުން ހުއްދަލިބިފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަނަދޫގެ ކައުންސިލްގެ މަސައްކަތްތަކަށް ބުރު އަރާފައިވުމުން އެ އިދާރާގެ ވަގުތީ ޒިންމާދާރު ވެރިޔާ ގާސިމް ދާއޫދު ވިދާޅުވީ ކައުންސިލް އިދާރާގެ ހާލަތު އޮތީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށެވެ. އަދި ކައުންސިލްގެ މަސައްކަތްތައް އެކަށޭނަ ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ސިވިލް ސާވިސް އާއި ގުޅިގެން މަސައްކަތް ކުރާ ކަމަށެވެ.

"ވަޒީފާ އިން ވީއްލުމުގެ ޕެކޭޖްގެ ދަށުން މުވައްޒިފުންތަކެއް ވަކިވުމުގެ މަގުމަތީގައި މި އުޅެނީ. އެހެން ވީމާ އިތުރަށް މި މައްސަލަ ދިމާވާނެ. ކައުންސިލްގެ ކަންތައްތައް މިވަނީ ވަރަށް ބޮޑަށް ދަށްވެފައި،" ދާއޫދު ވިދާޅުވި އެވެ.