ޔޫރޮޕާ ލީގުގައި ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް ކާމިޔާބުކޮށްދިން ލަނޑުން ހަނި ތަފާތަކުން ޔޫކްރޭންގެ ޒޯޔާ އަތުން އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ޔޫރޮޕާ ލީގުގެ 'ގްރޫޕް އޭ'ގެ މެޗުގައި ޒޯޔާގެ މައްޗަށް ޔުނައިޓެޑުން ކުރި ހޯދާފައިވަނީ 1-0 ލަނޑުންނެވެ.

މެޗުގެ ކުރީކޮޅު ޒޯޔާ އިން ވަނީ ޔުނައިޓެޑުގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން އެ ޓީމުގެ ޒެލްޖްކޯ ޔުބެނޮވިޗް އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ. އޭނާ އުފެއްދި ހަމަލާ ޔުނައިޓެޑުގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.

ޔޫރޮޕާ ލީގުގައި ޔުނައިޓެޑާއި ޒޯޔާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުނައިޓެޑް މޮޅުވެފައިވަނީ 1-0 ލަނޑުން ---

މެޗުގެ 20 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލަނޑު ޖަހާނެ ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޕައުލް ޕޮގްބާ ދިން ބޯޅައަކުން ޔުނައިޓެޑުގެ އިނގިރޭސި ފޯވަޑް މާކަސް ރަޝްފާޑް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ފުރަތަމަ ހާފު ނިމިގެންދިޔަ ނަމަވެސް، ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ގިނަ ފުރުސަތު ލިބިގެންދިޔައީ ޔުނައިޓެޑަށެވެ.

މެޗުގެ ދެ ވަނަ ހާފު ފެށިތާ ފަސް މިނެޓް ފަހުން ޒޯޔާ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. މާކޮސް ރޯހޯ ކައިރިން ނައްޓާލުމަށްފަހު ކަރަވަޔެވް ދިން ބޯޅައަކުން ޔުބެނޮވިޗް އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ. މެޗުގެ 66 ވަނަ މިނެޓުގައި ވެސް ޒޯޔާ އަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ބްރެޒިލް ފޯވަޑް ޕައުލީނިއޯ އުފެއްދި އެ ހަމަލާ، ޔުނައިޓެޑްގެ ކީޕަރު ސާޖިއޯ ރޮމޭރޯ ވަނީ މަތަކޮށްފަ އެވެ.

މެޗުގައި އިބްރަހިމޮވިޗް ކާމިޔާބުކުރި ލަނޑު ފެނިގެންދިޔައީ މެޗުގެ 69 ވަނަ މިނެޓުގައެވެ. އިބްރަހިމޮވިޗް އެ ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން ނުކުތް ވޭން ރޫނީ ދިން ބޯޅައަކުންނެވެ.