ކެމްބޯޑިއާގެ ޝަރުއީ ނިޒާމް ހުރި މައްސަލަތައް ހައްލުކޮށް، ޖުޑީޝަރީ އިސްލާހު ކުރުމަށް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

ކެމްބޯޑިއާގެ އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުން އެގައުމުގެ ޝަރުއީ ނިޒާމް އެގައުމުގެ ބޮޑުވަޒީރު ހުން ސެންގެ ކޮންޓްރޯލުގައިވާ ނިޒާމެކެވެ. އެމެރިކާއިން ބުނާ ގޮތުގައި އެއީ ވަރަށް ބޮޑަށް ސިޔާސީ ވެފައިވާ، އަދި ރަނގަޅު ނަތީޖާއެއް ނުނެރެވޭ ނިޒާމެކެވެ.

ކެމްބޯޑިއާގެ ކޯޓުތަކުގެ މައްސަލަތައް ހައްލު ކުރުމަށް ޗައިނާއިން އެހީތެރިވެދިނުމުގެ އެއްބަސްވުމުގައި މި ހަފްތާގައި ވަނީ ދެގައުމުގެ ދެމެދުގައި ސޮއިކޮށްފައެވެ.

ކެމްބޯޑިއާގެ ޖަސްޓިސް މިނިސްޓްރީގެ ތަރުޖަމާނު ޗިން މަލިން ވިދާޅުވި ގޮތުގައި ކެމްބޯޑިއާގެ ޝަރުއީ ނިޒާމްގައި މަސައްކަތް ކުރާ ފަރާތްތަކަށް ފަންނީ އެހީ އާއި ތަމްރީނުގެ އިތުރުން މާލީ އެހީ ޗައިނާއިން ދޭނެއެވެ.

"ތަމްރީނުތަކާ ދެގައުމުގެ ދެމެދުގައި އޮފިޝަލުން ދަތުރުކޮށް ތަޖުރިބާ ހޯދުން ވެސް މީގެ ތެރޭގައި ހިނގާނެ،" މަލިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޝަރުއީ ނިޒާމަށް އެހީތެރިވެދިނުމަކީ އިންސާނީ ހައްގުތައް ކުރިއެރުވުން ކަމަށެވެ. އެގޮތުން، ރަނގަޅު ޝަރުއީ ނިޒާމެއް ގާއިމުކުރެވިއްޖެ ނަމަ އިންސާނީ ހައްގުތަކަށް ކުރަންޖެހޭ އިހުތިރާމު އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާއަކީ ކެމްބޯޑިއާއިން އެންމެ ގާތް ގުޅުމެއް ބާއްވާ ގައުމެވެ.

ކެމްބޯޑިއާގެ މަދަނީ ޖަމިއްޔާއެއް ކަމުގައިވާ ކެމްބޯޑިއަން ސެންޓަރ ފޯ ހިއުމަން ރައިޓްސްއިން ބުނީ ޗައިނާގެ ޝަރުއީ ނިޒާމުގައި މިނިވަންކަން ވަރަށް ކުޑަ ކަމަށާއި އެހެންކަމުން ކެމްބޯޑިއާގެ ޖުޑިޝަރީ އަށް ޗައިނާގެ ފަރާތުން ދޭ އެހީތެރިކަމުން ލިބޭނެ ފައިދާތައް ލަފާކުރަން ދަތި ކަމަށެވެ.

"ފަންނީ އެހީތެރިކަން އެބަ ބޭނުންވޭ. އެކަމަަކު ޗައިނާއިން ސީދާ ގޮތުން ޝަރުއީ ނިޒާމް އިސްލާހުކުރަން މިފަދައިން މަސައްކަތް ކުރުމަކީ ކެމްބޯޑިއާގެ ކޯޓުތަކުގެ ޝަރުއީ މިނިވަންކަން ދަށްވެދާނެ ކަމެއް. ބާރުތައް ރަނގަޅަށް ވަކި ނުވަނީސް ކޯޓުތައް އިސްލާހު ކުރުމަކީ ބޭކާރު ކަމެއް،" އެ ޖަމިއްޔާގެ ޑިރެކްޓަރު ސޮޕެޕް ޗަކް ވިދާޅުވިއެވެ.