30 Sep 2016, 14:47
ދެހާސް އެއް ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާގައި ގެއްލުން ލިބުނު މީހުންގެ އާއިލާތަކުން ސައުދީ އަރަބިއާއާ ދެކޮޅަށް ދައުވާ ކުރެވޭ ގޮތަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ގާނޫނާ ގުޅިގެން ސައުދީ އަރަބިއްޔާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމެރިކާގެ ރައީސް މި ގާނޫނު ވީޓޯ ކުރެއްވުމުން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އެ ވީޓޯ ބާތިލު ކޮށް، ގާނޫނު ފާސްކޮށްފަ އެވެ.
އެމެރިކާގެ ސެނެޓުން މި ބިލް ފާސްކޮށްފައި ވަނީ 97-1 ވޯޓުންނެވެ. އަދި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން މި ބިލް ފާސްކުރީ 348-77 ވޯޓުންނެވެ.
އޮބާމާގެ ވެރިކަމުގައި އެމަނިކުފާނު މިހާތަނަށް 12 ބިލެއް ވީޓޯ ކުރައްވާފައިވާ އިރު މިއީ އެމަނިކުފާނު ވީޓޯ ކުރެއްވި ބިލެއް ގާނޫނަކަށް ބަދަލުކުރި ފުރަތަމަ ފަހަރެވެ.
މި ގާނޫނާ ގުޅިގެން ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ ގާނޫނާ ގުޅިގެން އެމެރިކާ ވެސް ހިމެނޭ ގޮތަށް ގިނަ ގައުމުތަކަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.
ސައުދީގެ ފޮރިން މިނިސްޓްރީން ބުނީ އެ ގާނޫނުގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެ ކަމަށާއި، އެކަންކަން ހުއްޓުވުމަށް ޓަކައި އެމެރިކާގެ ކޮންގްރެސްއިން އެ ގާނޫނު އިސްލާހު ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ސައުދީ އިން އެ ގާނޫނާ މެދު ކަންބޮޑުވުން ފާޅުކުރި އިރު، އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ އެ ގާނޫނަކީ ނުރައްކާތެރި ގާނޫނެއް ކަމަށެވެ.
"މިއީ އަޅުގަނޑު އުއްމީދު ކުރި ގޮތެއް ނޫން. އިންތިޚާބާ ގާތްވެފައިވާ އިރު މިފަދަ ނިންމުމެއް ކޮންގްރެސްއިން ނިންމުމަކީ އިންތިހާބުގައި ވޯޓު ދިނުމުގައި ރައްޔިތުން ދެވަނަ ފަހަރަށް ވިސްނަން ޖެހޭ ކަމެއް. ކޮންގްރެސް އިން ނިންމި ނިންމުމަކީ އެމެރިކާއަށް ވަރަށް އުނދަގޫވާނެ ނިންމުމެއް،" އޮބާމާ ވިދާޅުވި އެވެ.
މި ބިލް ފާސްކުރުމުގެ ކުރިން ވީޓޯ ކުރެއްވުމަށް ފަހު އަނބުރާ ފޮނުއްވާލަމުން އޮބާމާ ވިދާޅުވެފައި ވަނީ ސެޕްޓެމްބަރު 11ގައި އަނިޔާ ލިބުނު އާއިލާތަކަށް ހަމްދަރުދީވާ ކަމަށާއި އެކަމަކު މި ބިލަކީ އެމެރިކާގެ މަސްލަހަތަށް ފުށުއަރާނެ ބިލެއް ކަމަށެވެ.
ސެޕްޓްމެބަރު 11 ގެ ހަމަލާގައި 3000 މީހުން މަރުވެފައިވެ އެވެ. މި ބިލް ފާސްވުމާ ގުޅިގެން އެ ހަމަލާއާ ގުޅިގެން ސައުދީ ސަރުކާރުގެ ކޮންމެ މެމްބަރަކާ ދެކޮޅަށް ވެސް ދައުވާ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
އެހަމަލާގެ ތަހުގީގީ ރިޕޯޓުގައި ވާ ގޮތުން ހަމަލާ ދިނުމުގައި ސައުދީ އަރަބިއްޔާގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވެ އެވެ. ނަމަވެސް ވޯލްޑް ޓްރޭޑް ސެންޓަރާއި ޕެންޓަގަނަށް ދިން ޓެރަރިސްޓް ހަމަލާގައި ބައިވެރިވި 19 މީހުންގެ ތެރޭން 15 މީހުންނަކީ ސައުދީގެ ރައްޔިތުންނެވެ.