ދުންފަތުގެ ބާވަތްތަކާއި ސިނގިރޭޓު ވިއްކާ އިރު ވެލިއު އެޑެޑް ޓެކްސްގެ ގޮތުގައި ސްރީލަންކާގައި ނަގާ ޓެކްސް އަހަރެއްގެ ތެރޭގައި ދެވަނަ ފަހަރަށް ބޮޑުކުރަން ނިންމައިފިއެވެ.

ސްރީލަންކާގެ ކެބިނެޓުން މިއަދު ނިންމާފައިވަނީ ސިނގިރޭޓާއި ދުންްފަތުގެ އެހެނިހެން ބާވަތްތަކުން 15 ޕަސަންޓަށް ވެލިއު އެޑެޑް ޓެކްސް ބޮޑުކުރާށެވެ.

ދުންފަތުގެ ބާވަތްތަކުން ޓެކްސް ބޮޑުކުރުމަށް ހުށަހެޅީ، ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ އާއި އެގައުމުގެ ހެލްތު މިނިސްޓަރު ޑރ. ރާޖިތަ ސޭނާރަތުނަ ގުޅިގެން ހުށަހެޅުއްވި ޕްރޮޕޯޒަލްއަކުންނެވެ. މި ހުށަހެޅުމަށް އެގައުމުގެ ކެބިނެޓުގެ ފުރިހަމަ ރުހުން ލިބިފައި ވެއެވެ.

އެ ހުށަހެޅުމުގައި ވަނީ ދުންފަތުގެ ބާވަތްތަކަށް ވެލިއު އެޑެޑް ޓެކްސް 15 ޕަސަންޓަށް ބޮޑު ކުރުމަށާއި، ސިނގިރޭޓު އުފައްދާ އިރު ކޮންމެ ސިނގިރޭޓަކަށް ފަސް ރުޕީސްގެ ޓެކްސްއެއް ދެއްކުމަށެވެ.

އަދި ލަންކާއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުގެ ތެރެއިން ކޮންމެ ކިލޯއަކަށް 3،000 ރުޕީސްގެ ޑިއުޓީއެއް ނެގުމަށް ވެސް އެ ހުށަހެޅުމުގައި ހުށަހަޅާފައި ވެއެވެ.

މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ވެސް ސްރީލަންކާއިން ވަނީ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުގެ ޓެކްސް ބޮޑުކޮށްފަ އެވެ. އަދި ބަނގުރަލުގެ ބާވަތްތަކުގެ ޓެކްސް ވެސް ބޮޑު ކުރި އެވެ.

ލަންކާގެ ސަރުކާރުން މިއަދު ބުނި ގޮތުގައި، ކޮންމެ އަހަރަކު ވެސް ދުންފަތާ ގުޅުންހުރި މައްސަލަތަކުގައި އެގައުމުން 30،000 މީހުން މަރުވެއެވެ.

ދުންފަތުގެ ސަބަބުން ކުރިމަތިލާ ބަލިތަކާ ދެކޮޅަށް ލަންކާއިން ކޮންމެ އަހަރަކު ގާތްގަނޑަކަށް 72 ބިލިޔަން ރުޕީސް (490.3 މިލިޔަން ޑޮލަރު) ޚަރަދު ކުރެއެވެ.