30 Sep 2016, 11:42
މާލޭގެ ދެކުނު ފަރާތުގައި އަލަށް ހަދަމުންދާ ބަނދަރުގައި މަސްވެރިންނަށް ޚާއްސަ ބަނދަރެއް އޮންނާނެ ކަމަށް އިކޮނޮމިކް ކައުންސިލުން ބުނެފިއެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަހަކަ ދައްކަވަމުން އިކޮނޮމިކް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ، ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ޒުހޫރު ވިދާޅުވީ މާލޭގައި މަސްވެރިންނާއި ފަތުރުވެރިކަމުގެ އުޅަނދުތަކާއި އެހެނިހެން އުޅަނދުތަކަށް މީގެ ކުރިން ބޭނުންކުރެވެމުން އައީ އެންމެ ބަނދަރެއް ކަމަށެވެ.
އިކޮނޮމިކް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، މަސްވެރިންނަށް ބަނދަރުގެ ދަތިކަން މާލޭގައި ކުރިމަތިވެފައިވާ ކަމަށާއި، ނަމަވެސް އެކަން ހައްލުވެގެން ދާނެ ކަމަށެވެ.
"މަސްވެރިންނަށް ދަންނަވާފައި އޮންނާނީ، މާލޭގެ ދެކުނުގައި ހަދާ ބަނދަރުގެ މަސައްކަތް ނިމުމުން މާލޭގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް ޚާއްސަ ބަނދަރެއް އޮންނާނެ ކަމަށް. އެއަށް ވެސް ހައްލެއް ލިބިގެން ދާނެ،" ޝައިނީ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ ހުރިހާ ކަމެއް އެއްފަހަރާ ހައްލުވެގެން ނުދާނެ ކަމަށާއި ވީ ވަރަކުން ކަންކަން ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މާލޭގެ އިއްޒުއްދީން ފާލަމާ ދިމާލުން މީގެ ކުރިން އުޅަނދުތައް އަޅާފައި އޮންނަ ފަޅުގައި އުޅަނދުފަހަރު ބަނދަރުކުރުން މަނާ ކުރުމާ ގުޅިގެން މަސްވެރިންނަށް ދަތިތައް ކުރިމަތިވާ އިރު، ބައެއް އުޅަނދުތަކަށް ޖާގަ ނުލިބި، މާލޭގައި ބަނދަރު ނުކުރެވޭ ހާލަތްތައް ދިމާވެ އެވެ.
މާލެ ތަރައްގީ ކުރުމަށް ހިންގޭ މާލޭ އިންޑަސްޓްރިއަލް ވިލެޖު މަސައްކަތާ އެކު މާލޭގެ ދެކުނުގައި ނެރެއް ކަނޑައި، އެދިމާލުން އޮންނަ ފަޅުގައި އާ ބަނދަރެއް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.