30 Sep 2016, 10:46
ރާއްޖޭގައި އިތުރަށް އިންވެސްޓުކޮށް، ރާއްޖެއާ އެކު ތަރައްގީގެ މަސައްކަތްތައް ކުރުމަށް ޗައިނާ އޮތީ ތައްޔާރަށް ކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ފުކަންގ ވިދާޅުވެއްޖެއެވެ.
ޗައިނާގެ 67 ވަނަ ގައުމީ ދުވަސް ފާހަގަ ކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަފީރު ވަން ފޫކަންގ ވިދާޅުވީ ޗައިނާގެ ރައްޔިތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ދަނީ މުޖުތަމައުތައް ބިނާކުރުމަށް އެހީތެރިވެދެމުން ކަމަށެވެ.
"ޗައިނާގެ ތަރައްގީ ޗައިނާއިން ހޯދަނީ ބައިނަލްއަގުވާމީ ގޮތުން ޗައިނާއަށް އޮންނަ މަސްއޫލިއްޔަތުތައް އަދާކޮށް، ޒިންމާދާރު ގައުމަކަށް ވެގެން،" ސަފީރު ވިދާޅުވިއެވެ.
ސަފީރު ވިދާޅުވީ، 2014 ވަނަ އަހަރު ރާއްޖެއާ ޗައިނާއާ ދެމެދު، މުސްތަގުބަލު ބިނާކުރުވަނިވި މަގްސަދެއްގައި އުފެދިގެން ދިޔަ ޕާޓްނާޝިިޕުގެ ދަށުން ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާ ކަމަށެވެ. އެގޮތުން، އެ ޕާޓްނާޝިޕުގެ ދަށުން ދެގައުމުގެ ދެމެދުގައި އިތުބާރު ވަރަށް ބޮޑަށް ބޮޑުވެފައިވާ ކަމަށާއި، ދެ ގައުމުވެސް ތަރައްގީވެ، ކުރިއަރަމުން ދާ ކަމަށް ސަފީރު ވިދާޅުވި އެވެ.
ސަފީރު ވަނީ 2014 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ޗައިނާއާ ރާއްޖެއާ ދެމެދު ކުރެވިފައިވާ، ފާހަގަކޮށްލެވޭ ބައެއް މަސައްކަތްތަކުގެ ވާހަކަ ދައްކަވައިފައެވެ. އޭގެ ތެރޭގައި ދެގައުމުގެ ދެމެދުގައި ބޭއްވުނު މަޝްވަރާތަކާ، ފްރީޓްރޭޑު އެގްރިމެންޓުގެ މަޝްވަރާތަކާ، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތާއި، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު އެޅުމާއި އަދި ލާމު އަތޮޅު ލިންކު ރޯޑު ހެދުމުގެ މަސައްކަތް ސަފީރު ފާހަގަ ކުރެއްވިއެވެ.
"ޗައިނާއިން މިތިބީ ރާއްޖެއާ އިތުރަށް ގުޅި، ގުޅުން ބަދަހިކުރަން ތައްޔާރަށް. ދެގައުމުގެ ދެމެދުގައި އެއްބާރުލުން ދީ، 21 ވަނަ ގަރުނުގެ މެރިޓައިމް ސިލްކު ރޫޓުގެ ފްރޭމްވޯކުގެ މަސައްކަތްތައް ކުރުމާއި، ޚާއްސަ ދާއިރާތަކުން ވިޔަފާރި އިތުރުކުރުން ފަދަ ކަންކަމުގައި ދެގައުމު ގުޅިގެން، ރައްޔިތުންނަށް ފާގަތިކަން ގެނައުމަށް،" ސަފީރު ވިދާޅުވިއެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން، ފޮރިން މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވެސް ވަނީ ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގުޅުމާއި، ދެގައުމުގެ ދެމެދުގައި މީގެ ކުރިން ކުރެވިފައިވާ މަސައްކަތްތައް ފާހަގަ ކުރައްވައިފައެވެ.
އިރުތިޝާމް ވިދާޅުވީ، ފްރީޓްރޭޑް އެގްރިމެންޓު އެކުލަވާލުމަށް ދެގައުމުގެ ދެމެދުގައި މިހާރު ކުރެވެމުން އަންނަ މަޝްވަރާތައް ނިމި، އެ އެއްބަސްވުން އެކުލަވާލުމުން ރާއްޖެއަށް އިތުރު އިންވެސްޓްމެންޓްތައް އައިސް ދެގައުމަށް އެކަމުގެ ފައިދާ ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޗައިނާ އާއި ރާއްޖެއާ ޚާރިޖީ ގުޅުން ގާއިމުކުރިތާ 44 އަހަރު ވެއްޖެއެވެ.