ރިމޯޓަކުން ވެސް ދޯނި ކޮންޓްރޯލް ކުރެވޭފަދަ ފަހުގެ ޒަމާނީ ޓެކްނޮލޮޖީން އުފައްދާފައިވާ ހުންގާނު ސިސްޓަމެއް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފިއެވެ.

އެ ހުންގާނު ސިސްޓަމް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފައި ވަނީ އޮކްސިލަސް މެރިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، މިހާރު ހުޅުމާލޭގައި ކުރިއަށްދާ މެރިން އެކްސްޕޯގައެވެ.

އެ ހުންގާނު ސިސްޓަމަކީ އިޓަލީގެ ކުންފުންޏަކުން އުފައްދާފައިވާ "ފްލެކްސްބޯލް" ނަމަކަށް ކިޔާ ކޮންޓްރޯލް ސިސްޓަމެކެވެ.

"ފްލެކްސްބޯލް" ހުންގާނު ސިސްޓަމް --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެ ކޮންޓްރޯލް ސިސްޓަމުގެ ހާއްސަ ކަންކަމުގެ ތެރޭގައި، ކެޕްޓަން ކިތައްމެ ބާރަށް ދޯނި ސްޕީޑް (ކުރިއަށް،ފަހަތައް) ކޮންޓްރޯލް ކުރަން އުޅުނު ނަމަވެސް، ސްޕީޑް ގެނެވޭނީ ވިއްކާ ފަރާތުން ސެޓްކޮށްފައި އިންނަ ވަރަކަށެވެ. މާނައަކީ ކެޕްޓަން ކިތަންމެ ބާރުބާރަށް އުޅުނު ނަމަވެސް މަސައްކަތް ހިނގާނީ ވަކި ލިމިޓަކަށެވެ.

"އެހެން ވުމުގެ ސަބަބުން، ދޯނި ފަހަތަށް ޖަހާއިރު މާ ބާރަށް ސްޕީޑް ޖައްސާލެވިގެން ފަހަތަށް ދަނިކޮށް ނުވަތަ މާބާރަށް ކުރިއަށް ދަނިކޮށް ފަހަތަށް ޖައްސާލަން އުޅެ ކޮންޓްރޯލް ނުވެ އެކަހަލަ ކަންކަމެއް ނުވާނެ. ސްޕީޑް ލިބޭނީ ލިމިޓަކުން. ސެޓްކޮށްފަ އިންނަ ވަރަކުން ކުރިއަށް ފަހަތަށް ދާނީ. ކައްޕި ކިތަންމެ ވަރަކަށް ޖެއްސިޔަކަސް ނުދާނެ،" އޮކްސިލަސް ކުންފުނީގެ އޮފިޝަލަކު ވިދާޅުވިއެވެ.

"ފްލެކްސްބޯލް" ހުންގާނު ސިސްޓަމްގައި ކޭބަލް ގުޅާފައި އިންނަ ރިމޯޓް. މިއިން ވެސް ދޯނި ކޮޅުކޮޅަށް އެނބުރޭނެ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އޭގެ އިތުރުން އެ ސިސްޓަމްގައި ހިމެނޭ ހާއްސަ ކަންކަމުގެ ތެރޭގައި، ޑައިރެކްޝަން ސެޓްކުރުމުން އަމިއްލައަށް، ހުންގާނު ހިފާނެ މީހެއްގެ އެހީއަކާ ނުލައި ވެސް ބޯޓު ދަތުރުކުރުން ހިމެނެއެވެ. އަދި ދޯނި އެނބުރޭ ނަމަ ހުންގާނު ވެސް އަމިއްލައަށް އެޖެސްޓްވާނެއެވެ. އެ ފީޗާއަށް ކިޔަނީ އޮޓޯ ޕައިލެޓެވެ.

އޮޓޯ ޕައިލެޓްގެ އިތުރުން، ރިމޯޓެއްގައި އިންނަ ޑިމަރެއް ޒާތުގެ އެއްޗެއް ބޭނުންކޮށްގެން ވެސް ދޯނި ކޮޅުކޮޅަށް އެނބުރެއެވެ. އަދި ސިސްޓަމްގައި އިންނަ އެނަލޮގެއް ބޭނުންކޮށްގެން ވެސް ދޯނި ކޮޅުކޮޅަށް އެނބުރެ އެވެ. ބުރު ހަމަކޮށް ހުންގާނު އަނބުރަން އުޅޭކަށް ނުޖެހެއެވެ. ހަމަ ގައިމުވެސް މިއީ ދޯނި ދުއްވަން އިންނަ ކައްޕިއަށް ލުއިފަސޭހަތަކެއް ލިއްބައިދޭނެ ޕްރޮޑަކްޓެވެ.

އޮކްސިލަސް މެރިންގެ ފަރާތުން ލޯންޗްކުރި ޗައިނާގެ "ވިޗާއި" ޑީސަލް އިންޖީނުތަކެއް

އެ ހުންގާނު ސިސްޓަމްގެ އިތުރުން އެ ކުންފުނިން ވަނީ މެރިން އެކްސްޕޯގައި ޗައިނާގެ "ވިޗާއި" ޑީސަލް އިންޖީނުތަކެއް ވެސް ދައްކާލައިފައެވެ. އޮކްސިލަސް މެރިން އަކީ ވިޗާއި ބްރޭންޑްގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރެވެ. ވިޗާއި ކުންފުންޏަކީ މިހާރު މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ ވައްތަރުގެ ޑީސަލް އިންޖީނު އުފައްދާ ކުންފުންޏެވެ.