06 Jun 2011, 14:52
ގާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ހައްގުތައް ހަނިވާގޮތަށް ގޭންގު ކުއްތައް މަނާކުރުމާ ބެހޭ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ހުށަހެޅުއްވި އިސްލާހު މަޖިލީހުގެ ތަޅުމުން މިއަދު ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި އިބްތިދާއީ ބަހުސް ނިންމައި މަހުލޫފު ހުށަހެޅުއްވި އިސްލާހު ބަލައިގަންނަން ފެނޭތޯ މިއަދުގެ ޖަލްސާގައި ވޯޓަށް އެއްސެވުމުން މަޖިލީހަށް ހާސިރުވި 52 މެންބަރުންގެ ތެރެއިން 34 މެންބަރުން ވޯޓް ދެއްވާފައި ވަނީ އެ އިސްލާހު ބަލައިގަންނަން ނުފެންނަ ކަމަށެވެ. އަދި 15 މެންބަރުން ވޯޓް ދެއްވާފައި ވަނީ އެ އިސްލާހާ އެކު އެ ބިލް ބަލައިގަންނަން ފެންނަ ކަމަށެވެ.
ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނަށް މަހުލޫފު ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ސަބަބުން ގޭންގު ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހަކު ހަނުހުރުމުގެ މިނިވަންކަމުން މަހުރޫމްކުރެވޭނެ އެވެ. އަދި ކުށުގެ ތުހުމަތުގައި ބަންދުކޮށް ތަހުގީގު ކުރިއަށްގެންދާ މަރުހަލާގައި ހައްޔަރުން ނުވަތަ ބަންދުން މިނިވަންކުރުން އެ ގާނޫނުގެ ދަށުން ކޯޓަށް ހިފެހެއްޓިގެން ވެސްވެ އެވެ.
އަސާސީ ހައްގުތައް ހަނިވާގޮތަށް ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނަށް މަހުލޫފު ހުށަހެޅުއްވި އިސްލާހުގެ ސަބަބުން މަޖިލީހުގައި މިދިޔަ ބުރާސްފަތި ދުވަހު ކުރި އިބްތިދާއީ ބަހުސްގައި ގިނަ މެންބަރުން ވާހަކަފުޅު ދައްކަވާފައި ވަނީ އެ ބިލާ ދެކޮޅަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންޓާނޭޝަނަލް ލޭބާ އޮގަނައިޒޭޝަން )އައިއެލްއޯ(ގެ އަސާސީ އަށް މުއާހަދާއަކަށް ރާއްޖޭ އިން އަމަލް ކުރުމާއި ތަންފީޒު ކުރުމުގެ މައްސަލައަށް މިއަދުގެ ޖަލްސާގައި ވަނީ ބަހުސްކޮށްފަ އެވެ. އަދި އެ މައްސަލަ އިގްތިސާދާ ބެހޭ ކޮމެޓީއަށް ފޮނުވުމަށް މަޖިލީހުން އަޣުލަބިއްޔަތުން މިއަދު ވަނީ ފާސްކޮށްފަ އެވެ.