އާންމުންނާ އެންމެ ރަނގަޅަށް މައުލޫމާތު ހިއްސާކޮށް އެ މައުލޫމާތު ވެބްސައިޓުގައި ޝާއިއުކުރާ އިދާރާއަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހޮވިއްޖެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ބައިނަލްއަގްވާމީ ދުވަސް ފާހަގަކުރުމަށް މިރޭ ޣިޔާސުއްދީން ސުކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އޭސީސީއަށް ވަނީ އެންމެ ރަނގަޅަށް މައުލޫމާތު ހިއްސާކޮށްފައިވާތީ ހާއްސަ އެވޯޑެއްވެސް އަރުވާފައެވެ. ހޯމް މިނިސްޓަރު އަޒްލީން އަހަމަދު އެ އެވޯޑް އެރުވިއިރު އެވޯޑާ ހަވާލުވެ ވަޑައިގަތީ އޭސީސީގެ ރައީސް ހަސަން ލުތުފީ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ބައިނަލްއަގްވާމީ ދުވަސް ފާހަގަކުރުމަށް މިރޭ ޣިޔާސުއްދީން ސުކޫލުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަންފޮޓޯ// މުހައްމަދު އަފްރާހް

ވަނަ ހޮމުވުމުގައި ބެލި ކަންކަމުގެ ތެރޭގައި އިދާރާގެ އަމިއްލަ އިސްނެގުމަށް މައުލޫމާތު ހިއްސާކުރުމާއި މައުލޫމާތު ހާމަ ކުރުމުގައި ދިވެހި ބަހަށް އިސްކަން ދިނުން ހިމެނެ އެވެ. ގާނޫނުގައިވާ ގޮތަށް ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔެ ބެލެހެއްޓުންވެސް ހިމެނެ އެވެ.

މިރޭގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފަހުން ފާސްކުރި ހިޔާލު ފާޅުކުރުމާއި އަބުރު ރައްކާތެރި ކުރުމުގެ ގާނޫނަކީ އިންސާނީ ހައްގުތައް ހިމާޔަތްކޮށްދޭ ގާނޫނެއް ކަމަށެވެ.

އެ ގާނޫނަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާއިން ފެށިގެން އެންމެ އާދައިގެ މީހާގެ ހައްގުވެސް ހިމާޔަތްކޮށްދޭ ގާނޫނެއް ގޮތުގައި އަޒްލީން ވަނީ ފާހަގަކުރައްވާފައެވެ. އަދި ވިދާޅުވީ އެ ގާނޫނުގެ ސަބަބުން މިހާތަނަށް އެއްވެސް މީޑިއާއެއް ބަންދުކުރަން ޖެހި އެއްވެސް މީޑިއާއަކަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ބައިނަލްއަގްވާމީ ދުވަސް ފާހަގަކުރުމަށް މިރޭ ޣިޔާސުއްދީން ސުކޫލުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަންފޮޓޯ// މުހައްމަދު އަފްރާހް

މުއައްސަސާތަކުން މައުލޫމާތު އާންމު ކުރުމުގެ މުހިންމު ކަމަށް އަޒްލީންގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި މުއައްސަސާތަކުން މައުލޫމާތު ހާމަނުކުރާނަމަ އެއީ ކޮރަޕްޝަނަށް ހުޅުވިގެންދާ ދޮރެއް ކަމަށް އަޒްލީން ވިދާޅުވި އެވެ.

މީގެ އަހަރުތަކެއް ކުރިން މުއައްސަސާތަކުން މައުލޫމާތު ހާމަ ކުރުމުގެ ބައި ނުގެންގުޅުނު ނަމަވެސް މިހާރު ގާނޫނުން އެކަން ލާޒިމް ކުރާ ކަމަށް އަޒްލީން ވަނީ ވިދާޅުވެފައެވެ.