އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މިރޭ އަލީ ފާސިރު (ސެންޓޭ) ކާމިޔާބްކުރި ހަތަރު ލަނޑާ އެކު 6-1ގެ ނަތީޖާ އަކުން ވިކްޓަރީގެ މައްޗަށް ކުރި ހޯދައިގެން ލީގު ތާވަލުގެ ދެވަނަ މާގަމަށް ޓީސީ ސްޕޯޓްސް ކުލަބު ޖެހިލައިފިއެވެ.

އެނަތީޖާއާ އެކު ޓީސީ ދެވަނައަށް އެރީ 36 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް އީގަލްސްއަށް ލިބެނީ 35 ޕޮއިންޓެވެ. އެއްވަނައިގައި 43 ޕޮއިންޓާ އެކު އޮތީ ލީގް ޗެމްޕިއަންކަން ހޯދާފައިވާ މާޒިޔާ ސްޕޯޓްސް އެވެ.

ވިކްޓަރީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފަސް ވަނަ މިނެޓްގައި ސެންޓޭ ވަނީ ޓީސީއަށް ލީޑް ނަގާދީފައެވެ. އޭނާ އެ ލަނޑު ކާމިޔާބު ކުރީ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ޓީސީގެ ދެވަނަ ލަނޑު، މެޗުގެ 22 ވަނަ މިނެޓްގައި އަލީ ނާފިއު (ކަޅޭ) ކާމިޔާބު ކުރީ ސެންޓޭ ވިކްޓަރީގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ޓީސީގެ ތިން ވަނަ ގޯލު 37 ވަނަ މިނެޓްގައި ސެންޓޭ ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރެއިން ހިފައިގެން ދިޔަ ބޯޅަ، ކައިރީގައި ހުރި ކުޅުންތެރިއެއްގެ ކައިރިން ނައްޓާލުމަށް ފަހު ވިކްޓަރީގެ ގޯލު ކީޕަރު ތޮލާލް ހަސަން ކުރިއަށް އެރުމުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މިރޭގެ މެޗުގައި ސެންޓޭ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ 39 ވަނަ މިނެޓްގައި ވިކްޓްރީގެ ގޯލު ކީޕަރު ހެދި މިސްޓޭކެއްގެ ފައިދާ ނަގައިގެންނެވެ. ކީޕަރު ތޮލާލް ކްލިއާ ކޮށްލަން ޖައްސާލި ބޯޅަ ވިކްޓަރީގެ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރި ސެންޓޭ އަށް ލިބުމުން އޭނާ ވަނީ ކައިރީގައި ހުރި ކުޅުންތެރިއާ ކައިރިން ފަސޭހަ ކާމާ އެކު ނައްޓާލުމަށް ފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ޓީސީގެ ހަތަރު ވަނަ އަދި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

ވިކްޓަރީއަށް ސުން ކަނޑުވާލަ ދިން ގޯލު މެޗުގެ 43 ވަނަ މިނެޓްގައި އޮމަޑޫ ގޮޑްފުރޭ ވެސްޓް ކާމިޔާބު ކުރީ މުހައްމަދު ރިޝްވާން ޓީސީގެ ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ޓީސީގެ ފަސް ވަނަ ގޯލު ދެވަނަ ހާފްގެ 47 ވަނަ މިނެޓްގައި ނާފިއު ކާމިޔާބު ކުރީ ސެންޓޭ ޖައްސާލި ބޯޅަ ކީޕަރު ކައިރިން ވެސް ނައްޓާލުމަށް ފަހުއެވެ.

ޓީސީގެ ފަހު ގޯލު 84 ވަނަ މިނެޓްގައި ސެންޓޭ ކާމިޔާބުކުރީ ވިކްޓަރީގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ބޯޅައެއް ކީޕަރުގެ އަތްދަށުން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭނީ މާޒިޔާ އާއި ބީޖީގެ މެޗެވެ. މާދަމާ ރޭ އޮންނާނީ ކްލަބް ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީގެ މެޗެވެ.