30 Sep 2016, 10:33
މިހާރު ހުޅުމާލޭގައި ކުރިޔަށް ގެންދާ މޯލްޑިވްސް މެރިން އެކްސްޕޯ، މިއަދު ކުރިޔަށް ދާނީ އާންމުންނަށް ހުޅުވާލައިގެން ކަމަށް އެ ހަރަކާތް އިންތިޒާމުކުރާ ބްލަކް ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.
އަންގާރަ ދުވަހު ފެށި މޯލްޑިވްސް މެރިން އެކްސްޕޯ ހަތަރު ދުވަހުގެ މުއްދަތަށް ހުޅުމާލޭގައި ކުރިޔަށް ދާއިރު، އޭގެ ފުރަތަމަ ތިން ދުވަސް ކުރިޔަށް ދިޔައީ ވިޔަފާރިވެރިންނަށް ޚާއްސަ ކޮށްގެންނެވެ.
އެހެން ނަމަވެސް އެކްސްޕޯގެ އެންމެ ފަހު ދުވަސް ކަމުގައިވާ ހުކުރު ދުވަހު މެރިން އެކްސްޕޯ ކުރިއަށް ގެންދާނީ އާންމުންނަށް ހުޅުވާލައިގެންނެވެ.
ބްލަކްގެ މާކެޓިންގ މެނޭޖަރު މަރިޔަމް އަހްމަދު ދީދީ ވިދާޅުވީ، ހުކުރު ދުވަހު މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހުޅުމާލެއަށް ދިއުމާއި އައުމުގެ އިންތިޒާމު ހިލޭ ހަމަޖައްސާފައި ވާނެ ކަމަށެވެ.
މަރިޔަމް ވިދާޅުވީ، މިއަދު މެންދުރު 3:00 އިން ފެށިގެން އެއް ނަމްބަރު ފާލަމުން ހުޅުމާލެއަށް ދިއުން ހިލޭ ހަމަޖެހިގެން ދާނެ ކަމަށެވެ.
މޯލްޑިވްސް މެރިން އެކްސްޕޯއަކީ ލިވްއަބޯޑް އެސޯސިއޭޝަނުގެ އަހަރީ މައުރަޒެވެ. މި މައުރަޒުގައި ރާއްޖޭގައި ލިވްއަބޯޑު އިންޑަސްޓްރީއާއި ބޯޓިންގ އިންޑަސްޓްރީގެ ގިނަ ކުންފުނިތަކަކުން ބައިވެރިވަމުން އަންނަ އިރު، ރާއްޖެއިން ބޭރުގެ ބައެއް ފަރާތްތަކުން ވެސް ދަނީ ބައިވެރިވަމުންނެވެ.
އަދި ބައެއް ކުންފުނިތަކުން ދަނީ އާ ޕްރޮޑަކްޓްތައް ވެސް ލޯންޗު ކުރަމުންނެވެ.
މި އެކްސްޕޯގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.