30 Sep 2016, 01:12
ރާއްޖޭގައި ސަބްސިޑީ ދެމުންގެންދާ، ކާޑުގެ ބާވަތްތައް ހަމައެކަނި ނިކަމެތިންނަށް ދިނުމަށް ނިންމުމުން ދައުލަތުގެ ބަޖެޓުން 104 މިލިއަން ރުފިޔާ ރައްކާ ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ސަބްސިޑީ ދެމުންގެންދާ، ކާޑުގެ ބާވަތްތައް ހަމައެކަނި ނިކަމެތިންނަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މިރޭ ސަން ޓީވީގެ 50 މިނިޓް ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މުބީން ވިދާޅުވީ ކާޑުގެ ސަބްސިޑީ ނިކަމެތިންނަަށް އެކަނި ދޭން ފެށުމުން އެއީ ބަޖެޓުން ރައްކާ ކުރެވޭ 104 މިލިއަން ރުފިޔާ ކަމަށެވެ. އަދި ވިދާޅުވީ މީގެ ކުރިން ހުރިހާ ރައްޔިތުންނަށް ސަބްސިޑީ ދެމުން ދިޔައިރު 308 މިލިއަން ހަމައެކަނި ސަބްސިޑީއަށް އަރާ ކަމަށާއި މިހާރު ސަބްސިޑީއަށް ހަރަދުވާނީ 142 މިލިއަން ކަމަށެވެ.
މުބީން ވިދާޅުވީ، ސަބްސިޑީ ބޭނުންވާ ފަރާތްތަކަށް ކުރިންވެސް ލިބެމުން ދިޔަ ގޮތަށް ސަބްސިޑީ ލިބެމުންދާނެ ކަމަށެވެ. އަދި ސަބްސިޑީ ހައްގުނުވާ އެތައް ބައިވަރު މީހުންނަށް ސަބްސިޑީ ދެމުންދާކަަމަށް މުބީން ވިދާޅުވި އެވެ. އޭގެ ތެރޭގައި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ފަތުރުވެރިން ހިމެނޭ ކަމަށް މުބީން ވަނީ ވިދާޅުވެފައެވެ.
މުބީން ވިދާޅުވީ ކާޑުން ސަބްސިޑީ ބޭނުންވާ ފަރާތްތަކަށް އަމިއްލަޔަށް އެކަން އިހުސާސް ކުރެވޭނެ ކަމަށެވެ. އަދި އެކަމުގައި ދިވެހިން މާބޮޑު އޮޅުވާލުންތަކެއް ގެންގުޅޭނެ ކަމަށް ގަބޫލުފުޅު ނުކުރެވޭ ކަމަށް މުބީން ވިދާޅުވި އެވެ.
" ލިބޭ މުސާރައަށާއި ގޭގައި ދިރިއުޅޭ މީހުންނަށް ލިބޭ އާމްދަނީއަށް ރިއާޔަތް ކުރެވިގެންދާނެ މިކަންކަން ހަމަޖެހިގެންދާއިރު. އަޅުގަނޑުމެން ގަބޫލެއް ނުކުރަން މިކަހަލަ ކަންކަމުގެ ތެރޭގައި ދިވެހިން މާ ބޮޑެތި އޮޅުވާލުންތަކެއް ގެންގުޅޭނެ ކަމަކަށް. ރައްޔިތުންނަށް އަމިއްލަޔަށް ގަބޫލުކުރެވޭނެ ތިމަންނާއަކީ މިކަން ބޭނުންވާ ރައްޔިތެއް ކަން" މުބީން ވިދާޅުވި އެވެ.
މިފަދަ ބަދަލުތައް ގެނެވެމުންދަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭނުންތައް ނުފުދި ހުރި ފަރާތްތަކަށް އެ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ކަމަށް މުބީން ވަނީ ވިދާޅުވެފައެވެ.
އިކޮނޮމިކް މިނިސްޓްރީގެ ނައިބު އާދަމް ތައުފީގު މިއަދު ސަންއަށް ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކާޑު ސަބްސިޑީ ދޭނީ ހަމައެކަނި ނިކަމެތިންނަށް ކަމަށެވެ.
އެއާއެކު މިހާރު 3.98 ދޭ ހަނޑޫ ކިލޯއެއްގެ އަގު .7.96 ރުފިޔާއަށް ބޮޑުވާނެއެވެ. އަދި 4.50 ރުފިޔާއަށް ދޭ ހަކުރު ކިލޯއެއްގެ އަގު އަށް ރުފިޔާއަށް ބޮޑުވެއެވެ. އަދި 3.50އަށް ދޭ ފުށް ކިލޯއެއްގެ އަގު 5.96 ރުފިޔާއަށް ބޮޑުވާނެއެވެ.
ތައުފީގު ވިދާޅުވީ، ސަބްސިޑީ ލިބޭ ފަރާތްތައް ކަނޑައަޅައި ސަބްސިޑީ ދޭނީ އެންސްޕާ މެދުވެރިކޮށް ކަމަށެވެ. އެ ދޭނެ ތަފްސީލް އަދި ހާމައެއްނުކުރެއެވެ.
އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލު ވިދާޅުވީ، އެކަމުގެ ތަފްސީލް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.