އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން އިސްލާމިކް ފައިނޭންސްއާ ގުޅޭ ކޯސްތައް ފަށާނެ ކަން އިއުލާން ކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިންގް ޚިދުމަތް ފޯރުކޮށްދޭ ބީއެމްއެލް އިސްލާމިކްގެ ހެޑްކުއާޓާސް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި، މިކަން އިއުލާން ކޮށްދެއްވީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

"މާތްﷲ އިރާދަކުރެއްވިއްޔާ އަންނަ ޖެނުއަރީ މަހުން ފެށިގެން އިސްލާމިކް ފައިނޭންސާއި އިސްލާމިކް ބޭންކިންގގެ ކޯސްތައް އަޅުގަނޑުމެން އެބަ ފަށަން،" އޭނާ ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ އިސްލާމިކް ފައިނޭންސްގެ، ފައުންޑޭޝަނާއި ޑިޕްލޮމާ ކޯސްތަކުގެ އިތުރުން އެއަށް ވުރެ މަތީ ކޯސްތައް ވެސް އައިޔޫއެމްއިން ފަށާނެ ކަމަށެވެ.

"މި އިދާރާތަކުގައި [އިސްލާމިކް ބޭންކިންގް ޚިދުމަތްދޭ ތަންތަނުގައި] މަސައްކަތް ކުރާ ފަރާތްތަކާ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަރަށް މުހިންމު ފުރުސަތުތަކެއް މިކަމުން ލިބިގެން ދާނެ،" ޝަހީމް ވިދާޅުވި އެވެ.

ރާއްޖޭގައި އިސްލާމިކް ބޭންކިންގްއާއި އިސްލާމިކް ފައިނޭންސް ޚިދުމަތްދޭ އިދާރާތަކުގެ ތެރޭގައި އަމާނާ ތަކާފުލް، އަޔާދީ ތަކާފުލް، އެޗްޑީއެފްސީ އަމްނާ، އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިތުރުން ރޭ އިފްތިތާހު ކުރި ބީއެމްއެލް އިސްލާމިކް ހިމެނެއެވެ.