30 Sep 2016, 01:03
ގެދޮރު ގަތުމާއި ގެދޮރު އިމާރާތް ކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން ފޯރުކޮށްދޭ ފައިނޭންސިންގް ޚިދުމަތް، އެ ބޭންކުގެ އިސްލާމިކް ބޭންކިންގް ޚިދުމަތުގެ ދަށުން ފޯރުކޮށްދޭނެކަން އެ ބޭންކުން މިރޭ ހާމަކޮށްފިއެވެ.
ބީއެމްއެލްއިން މިރޭ ވަނީ އެ ބޭންކުގެ އިސްލާމިކް ބޭންކިންގް ޚިދުމަތް، ބީއެމްއެލް އިސްލާމިކްއަށް ޚާއްސަކޮށްގެން ބީއެމްއެލްގެ ޚާއްސަ ބްރާންޗެއް ހުޅުވައިފައެވެ. އެތަން ހުންނާނީ ބީއެމްއެލްގެ ބާޒާރު ބްރާންޗު ކުރިން ހުރި ސީޓްރެކްސް ބިލްޑިންގްގައެވެ.
ބީއެމްއެލް އިސްލާމިކްގެ ޚިދުމަތް އަންނަ ހަފްތާއިން ފެށިގެން ދިނުމަށް ހަމަޖެހިފައިވާ އިރު، މިރޭ އެ ބޭންކުން ވަނީ ގެދޮރު ގަތުމާއި އިމާރާތް ކުރުމަށް އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓެއް އިއުލާން ކޮށްފައެވެ.
ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ މިރޭ ވިދާޅުވީ، ރާއްޖޭގައި ހޯމް ފައިނޭންސިންގްއަށް އޮންނަ ޑިމާންޑު ވަރަށް ބޮޑު ކަމަށާއި މި ޚިދުމަތަށް ބީއެމްއެލް އިސްލާމިކްގެ ދަށުން ހައްލު ލިބޭނެ ކަމަށެވެ.
"އަޅުގަނޑުމެން އިއުލާން ކުރަނީ ބީއެމްއެލް އިސްލާމިކްގެ ހޯމް ފައިނޭންސިންގް ޕްރޮޑަކްޓްތައް. މިގައުމުގައި ހޯމް ފައިނޭންސިންގްއަށް އޮތީ ވަރަށް ބޮޑު ޑިމާންޑެއް. މި ޑިމާންޑަށާއި އެހެނިހެން ޑިމާންޑުތަކަށް ވެސް ބީއެމްއެލްއިން ދާނީ އިސްލާމިކް ބޭންކިންގް މެދުވެރިކޮށް ވެސް ހައްލުތައް ހޯދައިދެމުން،" އެންޑްރޫ ވިދާޅުވި އެވެ.
ބީއެމްއެލް އިސްލާމިކްއިން ވަނީ ދެ ޕްރޮޑަކްޓެއް އިއުލާން ކޮށްފައެވެ. އެއީ
ްް1. ބީއެމްއެލް އިސްލާމިކް ހޯމް ޕާޗޭސް:
އަލަށް ގެދޮރު ގަންނަން ބޭނުންވާ ދިވެހީންނަށް ޚާއްސަ.
- މާކެޓަށް އަލަށް ތައާރަފުކުރާ ހައުސިންގްގެ ދަށުން ވެސް ގެދޮރު ގަނެވޭނެ.
2. ބީއެމްއެލް އިސްލާމިކް ހޯމް ކޮންސްޓްރަކްޝަން
އަމިއްލަ ގެދޮރު މަރާމާތު ކުރުމަށް ނުވަތަ ހެދުމަށް ބޭނުންވާ ފައިނޭންސް ހޯދުމަށް.
- އަމިއްލަ ފަރާތްތަކުން ނުވަތަ އާއިލާތަކުން ވެސް މި ޕްރޮޑަކްޓު ހޯދިދާނެ.
ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި މި ދެ ޕްރޮޑަކްޓްވެސް ދޫކުރާނީ ވާދަވެރި ފައިނޭންސް ރޭޓެއްގައެވެ.
ބީއެމްއެލްގެ އިސްލާމިކް ބޭންކިންގް ޑިރެކްޓަރު ފާތިމަތު މަނިކެ ވިދާޅުވީ ބީއެމްއެލް އިސްލާމިކުން މި ޕްރޮޑަކްޓްތައް ތައާރަފުކުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި މިއީ އިސްލާމިކް ފައިނޭންސަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.