ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިންގ ޚިދުމަތް "ބީއެމްއެލް އިސްލާމިކް"ގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޚާއްސަ ބްރާންޗެއް މާލޭގައި ހުޅުވައިފިއެވެ.

އެ ބްރާންޗު ހުޅުވާފައި ވަނީ، ބީއެމްއެލްގެ ބާޒާރު ބްރާންޗު މީގެ ކުރިން ހިންގަމުން އައި ސީޓްރެކްސް ބިލްޑިންގްގައެވެ. އެ ބްރާންޗް ހުޅުވައިދެއްވީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިންގ ޚިދުމަތްދޭ "ބީއެމްއެލް އިސްލާމިކް" ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މިރޭ ސީޓްރެކްސް ބިލްޑިންގް ކުރިމަތީގައި ބޭއްވި ޚާއްސަ ހަފްލާގައި، އައިޔޫއެމްގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ވެސް 600 އަށް ވުރެ ގިނަ އިސްލާމިކް ބޭންކިންގް މަރުކަޒުތައް ގާއިމުކުރެވިފައިވާ ކަމަށާއި އެކަމުން އެނގެނީ އިސްލާމިކް ބޭންކިންގްއަކީ ދުނިޔޭގައި ބަލައިގެންފައިވާ ނިޒާމެއް ކަމަށް ކަމަށެވެ.

"ބީއެމްއެލް އިސްލާމިކް ރާއްޖޭގައި ހުޅުވިގެންދާ ކަމީ އިސްލާމީ ބޭންކިންގްއަށް ރާޢްޖޭގައި ހުޅުވިގެން ދިޔަ ވަރަށް ފުޅާ ދޮރެއް. ކުރިޔަށް އޮތް ތަނުގައި މި ގޮފި މެދުވެރިކޮށް އިތުރަށް ފުޅާވެ، އިތުރު ޚިދުމަތްތައް ލިބޭނެ ކަމުގެ ޔަގީންކަން ލިބިގެން މި ދިޔައީ،" ޑރ. ޝަހީމް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިންގ ޑިރެކްޓަރަކީ އެ ބޭންކުގެ ކުރީގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރުކަން ކުރައްވާފައިވާ ފާތިމަތު މަނިކެ އެވެ.

ބީއެމްއެލް އިސްލާމިކްގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ޗެއާމަން ޝައިޚް މުހައްމަދު ޝުއައިބު އުމަރު ވިދާޅުވީ، ބީއެމްއެލް އިސްލާމިކްގެ ޚިދުމަތްތައް ދެވޭނީ ބީއެމްއެލްގެ ކޮންވެންޝަނަލް ބޭންކިންގ ޚިދުމަތާ މުޅިން ވަކިން ކަމަށެވެ.

"ބީއެމްއެލް އިސްލާމިކްގައި އެކައުންޓުތަކާއި ބޭންކިންގް ސިސްޓަމް ބޭނުންކުރާނީ ކޮންވެންޝަނަލް ބޭންކިންގްއާ ވަކިން. މުޅި ނިޒާމު ބައްޓަން ކުރެވިފައި ވާނީ އެއްވެސް ކަމެއް އެއް ނުވާނެ ގޮތަކަށް،" އޭނާ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިންގ ޚިދުމަތްދޭ "ބީއެމްއެލް އިސްލާމިކް" ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ބީއެމްއެލް އިސްލާމިކްގެ ޚިދުމަތްތަކާއި އެތަނުގެ އިތުރު މައުލޫމާތު،ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓުންލިބެން ހުންނާނެ އެވެ.

ބީއެމްއެލް އިސްލާމިކްގެ ގޮފި ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، ބީއެމްއެލްއިން ބޭނުންވަނީ އިސްލާމިކް ބޭންކިންގްއަށް އޮތް ކަސްޓަމަރުންގެ ޑިމާންޑުތައް ފުއްދައިދިނުން ކަމަށާއި، ރައްޔިތުންނާއި ވިޔަފާރިތަކަށް އެ ދާއިރާއިން އިތުރު ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.