06 Jun 2011, 14:04
ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓްގެ ބައެއް މަގާމުތައް އުވާލައި، 29 މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނާއި ގަވައިދާ އެއްގޮތަށް ކަމަށް އެ ރިސޯޓުން މިއަދު ބުނެފި އެވެ.
ކޮންރެޑްގެ ޕަބްލިކް ރިލޭޝަންސް މެނޭޖާ ކެތެރިން އެންތަނީ މިއަދު ވިދާޅުވީ، ރިސޯޓްގެ މުވައްޒަފުން މަދުކުރީ ބައެއް ގެސްޓް ރޫމްތައް މަރާމާތު ކުރަމުންދާތީ ކަމަށާއި އަދި ކޮންމެ އަހަރަކު އަންނަ ލޯ ސީސަނާ ގުޅިގެން ކަމަށެވެ. އަދި މުވައްޒަފުން ވަކިކޮށްފައި ވަނީ ގާނޫނާއި ގަވައިދާ އެއްގޮތަށް ކަމަށާއި އެމީހުންނަށް ފައިސާގެ އިނާޔަތެއް ވެސް ދީފައިވާނެ ކަމުގައި ކެތެރިން ވިދާޅުވި އެވެ. ނަމަވެސް، ކޮންފިޑެންޝަލް މައުލޫމާތަކަށް ވާތީ އިނާޔަތާ ގުޅޭ އިތުރު ތަފްސީލެއް ނުދެވޭނެ ކަމުގައި ކެތެރިން ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި، ވަޒީފާ އިން ވަކިކުރިއިރު ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން މަސައްކަތް ކުރި މީހުންނަށް ހަ މަސް ދުވަހުގެ މުސާރަ އަދި އެއަށް ވުރެ ކުރު މުއްދަތެއްގައި މަސައްކަތްކުރި މީހުންނަށް ތިން މަހުގެ މުސާރަ ކޮންރެޑުން ވަނީ ދީފައި އެވެ.
އިނާޔަތާ އެކު ވަކިކޮށްފައިވާ ނަމަވެސް، ވަޒީފާ ގެއްލުނު މީހުން ދަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ވަކިކުރި މުވައްޒަފުން ބުނާ ގޮތުގައި، އެމީހުން ރިސޯޓުން ކަނޑާލާފައި ވަނީ ސާވިސް ޗާޖު ބޮޑުކުރަން ގޮވާލައި މިދިޔަ މާޗު މަހު ކުރި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވެފައިވާތީ ކަމަށެވެ. އެމީހުން ވަނީ އިއްޔެ ރައީސް އޮފީސް ކައިރިއަށް ގޮސް ޝަކުވާވެސް ކޮށްފަ އެވެ. އަދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށާއި ލޭބާ މިނިސްޓްރީ އަށް އެ މައްސަލަ ހުށަހަޅާނެ ކަމަށް ވެސް އެމީހުން ވަނީ ބުނަފެ އެވެ.
ނަމަވެސް، ކެތެރިން މިއަދު ވިދާޅުވީ، ރިސޯޓުން ވަކިކުރީ މުޒާހަރާކުރި ބަޔަކު ނޫން ކަމަށެވެ. އެމީހުން ތެރޭގައި އެކަމުގައި އެއްވެސް ގޮތަކަށް ބައިވެރިނުވާ މީހުންނާ އަދި ބައެއް ބިދޭސީން ވެސް ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި މުވައްޒަފުން މަދުކުރުމަކީ "ބިޒްނަސް ޑެސިޝަނެއް" ނުވަތަ ވިޔަފާރި ނިންމުމެއް ކަމަށް ވެސް ކެތެރިން ވިދާޅުވި އެވެ.
ކެތެރިން އިތުރަށް ވިދާޅުވި ގޮތުގައި، އެ ރިސޯޓުގައި 535 މުވައްޒަފުން މަސައްކަތްކުރަމުންދާއިރު އޭގެ ތެރެއިން 70 ޕަސަންޓް މީހުންނަކީ ދިވެހިންނެވެ. އަދި ސްޓާފުންނަށް ވީހާ ވެސް ރަނގަޅަށް ކަންތައް ކޮށްދިނުމަށް ރިސޯޓުން އިސްކަމެއް ދޭ ކަމަށާއި އެގޮތުން މުވައްޒަފުންގެ ހުރުމާއި، ކެއުމާއި އަދި މުނިފޫހިލުވައިދިނުމުގެ ކަންތައްތަކަށް އިސްކަމެއް ދޭކަން އޭނާ ފާހާގަކުރެއްވި އެވެ. އަދި ރާއްޖެ އިން ބޭރުން ޓްރައިނިން ހޯދުމުގެ ފުރުސަތުތައް ވެސް ދެމުންގެންދާ ކަމުގައި އޭނާ ވިދާޅުވި އެވެ.