ދ. ކުޑަހުވަދޫގައި ރަހުމުކުޑަ ގޮތަކަށް މަރާލި އެރަށު ސަމަންދަރުގޭ، އަލީ ހަސަން،76، (އައްޔުބެ)ގެ މަރުގެ މައްސަލައިގައި ޖުވެނައިލް ކޯޓުން މަރަން ހުކުމް ކުރި ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްސަލަ އިސްތިއުނާފު ކޮށްފި އެވެ.

އައްޔުބެގެ މަރުގެ މައްސަލައިގައި އުފުލި ދައުވާގައި ބުނެފައިވަނީ ޖެނުއަރީ 2012 ،8 ވަނަ ދުވަހުގެ ރޭ 7:00 އެހައިކަންހާއިރު ކުޑަހުވަދޫ ޕްރީސް ކޫލާ އިންވެގެން ހުޅަނގަށް އޮންނަ ތުނޑި މިސްކިތްމަގުން އައްޔުބެ ހިނގާފައި ދަނިކޮށް ބަޔަކު އޭނާއަށް ފާރަލާން ފެށި ކަމަށެވެ. އަދި އޭގެ ފަހުން އެ މީހުން އައްޔުބެއަށް ވަޅިން ހަމަލާދީ، އެ މަގުގައި ހުންނަ ހުދު އަލި ކިޔާ ފަޅު ގޯއްޗަކަށް ވެއްދުމަށްފަހު ގައިގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ ބޮޑެތި ޒަހަމްތަކެއް ކޮށް އައްޔުބޭ މަރާލި ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

އެމައްސަލައިގައި 18 އަހަރުން ދަށުގެން ތިން ކުއްޖެއްގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު އޭގެތެރެއިން މައްސަލަ ސާބިތުވީ ދެކުއްޖެއްގެ މައްޗަށެވެ. އެ ދެކުދިންގެ މައްޗަށް ދައުވާ ސާބިތުވީ "ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ" އަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފު ވުމުންނެވެ.

މިއަދު 10:15ގައި އެމައްސަލައިގެ އަޑުއެހުމެއް ވަނީ ހައިކޯޓުގައި ބާއްވާފައެވެ. ނަމަވެސް 18 އަހަރު ނުފުރޭ ކުދިންގެ މައްޗަށް ދައުވާ އުފުލިގެން ކުރިއަށް ގެންދާ ޝަރީއަތްތައް ކުރިއަށް ގެންދަނީ ސިއްރުންނެވެ.

އައްޔުބޭގެ މަރާގުޅިގެން ކްރިމިނަލް ކޯޓުގައި ދައުވާ ކުރަނީ ތިން މީހެއްގެ މައްޗަށެވެ. އެއީ ކުޑަހުވަދޫ މާވެލި، އިބްރާހިމް ވަސީމް އާއި، އެރަށު ރަނަކުރި، އިބްރާހިމް މާޖިދުއާއި ހަމަ އެރަށު ފަނަސް، ފައުޒާން މުހައްމަދުގެ މައްޗަށެވެ.