29 Sep 2016, 20:42
ޒުވާނުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް، ދެމުން އަންނަ ޒުވާނުންގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޔޫތު މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިއަހަރުވެސް 10 ދާއިރާއަކުން ޒުވާނުންނަށް އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޒުވާނުންނަށް ދޭ އިނާމު ލިބޭ ފަރާތްތަކަށް ޒުވާނުންނަށް ދެވޭ ހާއްސަ އެވޯޑާއި، ސެޓްފިކެޓާއި، -/25,000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިނާމަށް ނަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން، 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ފޯމު ހުށަހެޅުމަށް ޔޫތު މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފައެވެ.
" އެޕްލިކޭޝަން ހުށަހަޅުއްވާނީ މާލޭގައި ނަމަ މާފަންނު ޔޫތު ސެންޓަރ (ސޯޝަލް ސެންޓަރ) އަށާއި، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، ވެލާނާގޭ 3 ވަނަ ފަންގިފިލާގެ ރިސެޕްޝަނަށް" އިއުލާނުގައި ވަނީ ބުނެފައެވެ.
ޒުވާނުންގެ ގައުމީ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރުދިނުމުގެ ގޮތުން ދެވޭ އިނާމެއް ކަމަށްވެސް ޔޫތް މިނިސްޓްރީއިން ވަނީ ބުނެފައެވެ.