01 Oct 2016, 08:53
ގއ. ވިލިނގިލިން: ޙުސައިން ޙަސަން
ގއ. ވިލިނގިލީ ރައްޔިތުންނަށް ތަކުލީފަކަށް ވެފައި އޮތީ ރަށުގެ "އަޑިގުޑަން" މަގުތަކެވެ. މި ރަށުން ހިދުމަތް ހޯދަން އަންނަ މީހުންނަށް ވެސް ދައްޗަކަށް ވެފައި އޮތީ މި މަގުތަކެވެ. ރަށުގެ ގަސްކަރައިގެ ނަލަކަން ވެނިފައި ރަށު ތެރެއަށް އަރައިގެން ހިނގާފައިދާ އިރު އެންމެ ބޮޑު ގޮންޖެހުމަކަށްވެފައި ކުރިންވެފައި އޮތީ މަގުތަކުގައި ހެދިފައި އޮތް ވަޅުގަނޑުތަކާއި ޗަކަ ފެންގަނޑުތަކެވެ.
ނަމަވެސް އެ ޒަމާން ފަސް ދީ ހިނގައްޖެ އެވެ. ވިލިނގިލީގެ 16 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް ފަށައި، އަވަހަށް ނިންމުމަށް ވަނީ އަމާޒު ހިފައިފަ އެވެ.
"މިއީ ކޮންފަދަ ބޮޑު އުފަލެއްތޯ. ތާރު އެޅި މަގުތައް ހީވަނީ 'ސަރާސަރު ސާލެއް' [ކޮޅު ދަމާލާފައި އޮތްހެން. އާބާދީ ބޮޑެތި ރަށްތަކަށް މިފަދަ ހިދުމަތްތައް ދިނުމުން އޭގެ މަންފާ މިވަނީ އެންމެންނަށް. ކިހާ ފަސޭހަ މިއަދު،" ވިލިނގިލީ ޒުވާން މަސްވެރިޔަކު "ސަން"އަށް ބުންޏެވެ.

ގއ. ވިލިނގިލީ މަގުތަކުގައި ތާރު އަޅަނީ: މަގު ހެދުމުގެ މަޝްރޫއާ ގުޅިގެން ވިލިނގިލީ ގިނަ ރައްޔިތުން ތިބީ އުފަލުން -- ސަން ފޮޓޯ/ ޙުސައިން ޙަސަން
މިއީ ހުވަދު އަތޮޅު އުތުރުބުރީގައި އެންމެ އަބާދީ ބޮޑު އަދި މި އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. އަތޮޅުގެ ރައްޔިތުން ހިދުމަތް ހޯދުމަށް ހުޅުވާފައިވާ ދޮރާއްޓަކީ މި ރަށެވެ. ރަށުގެ ރައްޔިތުންނާ އެކު ރަށަށް ޒިޔާރަތް ކުރާ މެހެމާނުން ވެސް ތިބީ މަގުތަކުން ފެންނަ މަންޒަރުން ހިނިތުންވެފަ އެވެ.
މަގު ހެދުމަށް ކުރަމުންދާ މަސައްކަތް މި ރަށުގެ ރައްޔިތުން ބަލައިގަންނަނީ ތަފާތު ގޮތަކަށެވެ. ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އެ މަޝްރޫއު ހިންގާތީ ސަރުކާރަށް ޝުކުރުގެ ސަނާ ކިޔައި ނިންމައެއް ނުލަ އެވެ.
ތާރު އަޅަމުންދާ މީހުން ކުރަމުންދާ މަސައްކަތުގެ އަގު މި ރަށުގެ ރައްޔިތުން ވަޒަން ކުރާ ގޮތް "ސަން"އަށް ކިޔައިދެއްވީ ވިލިނގިލީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ އެމްއާރްޑީސީގެ ވިލިނގިލީ ސައިޓް މެނޭޖަރު އަގުލީމް ރަޝާދެވެ.
ގއ. ވިލިނގިލީ މަގެއްގައި ތާރު އަޅާފައި--- ސަން ފޮޓޯ/ ޙުސައިން ޙަސަން
"ތާރު އަޅާ މެޝިން މަގުތަކުގައި ތާރު އަޅަމުން ގޮސް، ގެތަކުގެ ދޮރާށިތަކާ އަރާ ހަމަވުމުން، ތާރު އެޅުމުގައި މަސައްކަތުގައި އުޅޭ މީހުންނަށް ދެމުންދަނީ ތަފާތު ހިދުމަތެއް. ގިނަ ގެތަކުން ޖޫހާއި ފެނާއި އަދި ދުފުން ވެސް އެ މީހުންނަށް ދޭ. މި ރަށުގެ ރައްޔިތުންގެ ފަރާތުން ފެންނަމުން މި ދަނީ ނަމޫނާއެއް،" އަގުލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށުގައި ތާރު އެޅުމަށް ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ އެއްބާރުލުން ލިބެމުންދާ ކަމަށާއި އުންމީދު ކުރަނީ ރައްޔިތުން އެދޭ ގޮތަށް މަސައްކަތް ނިންމާލުމަށް ކަމަށެވެ.
ވިލިނގިލީ މަގުތަކުގައި ތާރު އަޅާ މީހުންނަށް ޖޫސް ފޯރުކޮށްދެމުންދާ މި ރަށު ތަރިވިދާގެ، އައިމިނަތު އަލީ ބުނީ މި ރަށުގެ މަގުތަކަކީ ކުރިން "ވީރާނާވެފައި" ހުރި މަގުތަކެއް ކަމަށާއި ވިއްސާރަ މޫސުމެއްގައި ދަރިން ގޮވައިގެން ކުރިން ސްކޫލަށް ދަނީ ދަތި ހާލުގައި ކަމަށެވެ.
މި ރަށުގެ މަގުތައް ޒަމާނީ ކުރުމުން އުޅަނދުތަކަށް ބޮޑު ލުޔެއް ލިބިގެންދިޔަ އެވެ. އަޑިގުޑަން ވަޅުގަނޑުތަކުގެ ތެރެއިން ކުރިން ދުއްވަން ޖެހުނަސް މިހާރު ފަސޭހަކަމާ އެކު ދުވެލި ބާރުކޮށް އުޅަނދުތައް ދުއްވާލެވެ.
އުޅަނދުތަކަށް ލިބުނު ލުޔާ އެއްވަރަށް ރަށުގެ ޒުވާނުންގެ ޖީބުތަކުން ކުރަމުން ދިޔަ ހޭދަތަކަށް ވެސް މިހާރު ވަނީ ލުޔެއް ލިބެން ފަށައިފަ އެވެ. އެއީ އަކިރި އާއި ގާތަކުގެ ތެރޭގައި ދުއްވަން ޖެހުމުން، ލިބޭ ގެއްލުންތަކާ ގުޅިގެން އުޅަނދުތަކަށް ކުރަންޖެހުނު ހޭދަ ހުއްޓާލަންޖެހުމުންނެވެ.
"ކުރީން އިރުއިރުކޮޅާ ސައިކަލުގެ ޓަޔަރާއި ހަން ބައްދަން ޖެހޭނެ. މިހާރު ހަނދާނެއް ވެސް ނެތް، ޓަޔަރު ބަދަލު ކުރި ދުވަހެއް. ސައިކަލަށް ކުރަން ޖެހޭ ހޭދަ ވަރަށް ބޮޑަށް ކުޑަވެގެން ހިނގައްޖެ،" ރަށުގެ މަގުތައް ޒަމާނީ ކުރުމުން ލިބުނު ފައިދާ ކިޔައިދެމުން މި ރަށު ޒުވާނެއް ކަމަށްވާ ނިއުޝާޒު ޒުހުރީ ބުންޏެވެ.

ގއ. ވިލިނގިލި: އެ ރަށު މަގުތަކުގައި ތާރު އަޅާތީ ގިނަ ރައްޔިތުން ތިބީ އުފަލުން ---ސަން ފޮޓޯ
ރާއްޖޭގައި ތާރު އެޅި ބޮޑެތި މަގުތަކުން ފެންނަނީ އުފާވެރި މަންޒަރެއް ނޫނެވެ. ވިލިނގިލީގައި ވެސް ތާރު އެޅިފަހުން ހިތާމަވެރި ހާދިސާތައް މަދުން ނަމަވެސް ދަނީ ހިނގަމުންނެވެ. އެއީ އެކްސިޑެންޓުތަކެވެ. މި ރަށުގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރި އަމާން މަގުތަކަކަށް ހެދުމަށް މަސައްކަތްތަކެއް ކުރުމަށް ރާވަމުންދާ ކަމަށް ވިލިނގިލީ ކައުންސިލުން ބުންޏެވެ.
ވިލިނގިލީ ކައުންސިލްގެ ރައީސް ނިޔާޒު ނިޒާރު ވިދާޅުވީ ހުރިހާ މަގުތަކެއްގައި ތާރު އަޅައި ނިމުމުން ސްޕީޑް ބްރޭކަރުތައް ހަރުކޮށް، މަގު ކުރެމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށެވެ. ތާރު އަޅާފައިވާ މަގުތަކުގައި އެކްސިޑެންޓުތައް ނުހިނގާނެ ގޮތަށް ކަންކަން ރޭވުމަށް ފުލުހުންނާއި މަޝްވަރާ ކުރާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.
ވިލިނގިލީގައި ތާރު އަޅަނީ ބޮޑެތި މަގުތަކުގަ އެވެ. ކުދި މަގުތަކާއި ހަނި ގޯޅިތަކުގައި ތާރައެއް ނާޅަ އެވެ. ތާރު އަޅައި ނިމުމުން އެ މަގުތައް ވެގެންދާނީ ތިރި މަގުތަކަކަށެވެ. އަދި އޭގެ ސަބަބުން ވިއްސާރަ މޫސުމުގައި މަގުތަކަށް ޖަމާވާ ފެން އެ އެ މަގުތަކުން ހިންދޭނެ ފަސޭހަ ގޮތެއް ނޯންނާނެ އެވެ.
އެކަމުގެ ކަންބޮޑުވުން ނިޔާޒު ވަނީ "ސަން"އާ ހިއްސާ ކުރައްވާފަ އެވެ.
"ބައެއް ޝަކުވާތަކެއް އެބަހުރި. މަގު ހެދުމުން ހެދޭ މަގުތަކަށް ވުރެ ނެހެދޭ މަގުތައް ތިރިވާނެ. ނެހެދި ހުރި މަގުތަކުގައި ފެންބޮޑުވުމާއި އެ ފެންގަނޑެއް އޮތުމާއި އެ ޝަކުވާ ލިބެމުންދޭ. އެ މަގުތަކަށް ހައްލެއް ލިބޭނެ ދެ ވަނަ ގޮތެއް ވިސްނަންޖެހޭ،" ޕީޕީއެމްގެ ސާފު އަގުލަބިއްޔަތު އޮންނަ ވިލިނގިލީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުގައި ވިލިނގިލީ މަގުތައް ހަމައެކަނި ޒަމާނީ ކުރީއެއް ނޫނެވެ. ތާފާތު އެކި މަޝްރޫއުތައް އެ ރަށުގައި ދަނީ ކުރިއަށެވެ. އެގޮތުން 300 ކިލޯވޯލްޓުގެ ސޯލާ ޕެނަލް އެ ރަށުގައި ހަރު ކުރުމާއި ރަށުގައި ހުރި އަތޮޅު ހޮސްޕިޓަލަށް އިތުރު އިމާރާތެއް އަޅައިދިނުމާއި އާ މިސްކިތެއް ރަށުގައި އެޅުމާއި އަތޮޅު ތައުލީމީ މަރުކަޒަށް އިތުރު ނުވަ ކްލާސްރޫމް އިތުރު ކުރުމާއި ރަށުގައި އަލަށް ހިއްކި ބިމުގައި ނަރުދަމާ ގާއިމު ކުރުމާއި ބަނދަރު މަރާމާތު ކުރުން ހިމެނެ އެވެ.
ރަށަށް ލިބެމުންދާ ތަރައްގީއާ އެކު ވިލިނގިލީ ރައްޔިތުން ބުނަމުން ދަނީ ތަރައްގީގެ ކޮޅާކޮޅު ނުފެންނަ ވަރުގެ ނުވަތަ ސަރާސަރު ސާލެއްގައި އުފާ ހާސިލު ކުރުމެވެ. ދަރިންނާއި ދަރިންގެ ދަރިންނަށް މި ތަރައްގީގެ މަންފާ ލިބުމަކީ އެ މީހުންގެ ހިތްހަމަޖެހުމެވެ.