މާލޭގެ ގޯޅިއެއްގެ ތެރޭގައި ހުރި ގިނަ އަދަދެއްގެ ރަތް މުރަކަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ 'ސަން' އަށް ވިދާޅުވީ މިއަދު 15:30 ހާއިރު އާންމު ފަރާތަކުން ފުލުހުންނަށް ރިޕޯޓު ކުރުމާއި ގުޅިގެން ފުލުހުން ގޮސް ބަލާ ފާސްކުރި އިރު މ. ލަދުމާގެ ގޯޅިތެރޭގައި އަށް ފުޅިމަދު ފޮށީގެ ރަތް މުރަކަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

" މިތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބެލިއިރު މީގެ ތެރޭގައި ރަތްމުރަކައިގެ 41 ގަނޑު ހަތާ ހުރި،" ފުލުހުން ބުންޏެވެ.

މައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރާ ކަަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ފުލުހުން ދަނީ އެމައްސަލަ ތަހުގީގުކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމުރަކަތައް މިހާރު ފިޝަރީޒް މިނިސްޓްރީއާ ހަވާލުކޮށްފައިވާއިރު މިރޭ އެންވަަޔަރަންމެންޓް މިނިސްޓްރީގައި ވަނީ ނޫސްވެރިނަށް މުރަކަތައް ދައްކާލާފައެވެ. އެތަނުގައި ހުންނަވައި، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު އާދަމް ޒިޔާދު ވިދާޅުވީ، ރަތް މުރަކަ އެގޮތަށް ނެގުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު އާދަމް ޒިޔާދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަންފޮޓޯ// މުހައްމަދު އަފްރާހް

ރަތް މުރަކައަކީ ފުން ސަރަހައްދު ތަކުގައި ހެދޭ އަގުބޮޑު މުރަކައެއް ކަމަށާއި އެތަކެއްޗަކީ ދިވެހިރާއްޖޭގެ މަސްވެރިކަން ކުރުމުގެ ގާނޫނުގެ ދަށުން ކަނޑުން ނެގުން މަނާ ކުރެވިފައިވާ މުރަކައިގެ ބާވަތެއް ކަމަށް ޒިޔާދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެތަކެތި ނެގުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށާއި މާހައުލަށް ބޮޑެތި ގެއްލުންތަކެއް ވެގެން ދާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަން ކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާ

  • ކަނޑުގައި އުފެދޭ ނުވަތަ ކަނޑުގައި އުޅޭ ދިރުންހުރި އެއްވެސް ބާވަތެއްގެ އެއްޗެއް، ހާއްސަގޮތަކުން ރައްކާތެރިކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި އެއް އެއްޗެއް ހިފުން ނުވަތަ ބޭނުން ނުވަތަ ނެގުން މަނާކުރުން ނުވަތަ އެކަމަށްޓަކައި ވަކި ހާއްސަ ސަރަހައްދެއް ކަނޑައަޅައި އެސަރަހައްދަކުން އެބާވަތެއްގެ އެއްޗެއް ނެގުން ބޭނުން ކަނޑައެޅޭ މުއްދަތަކަށް މަނާކުރުމުގެ އިހުތިޔާރު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރަށް ލިބިގެންވެ އެވެ.

" އަޅުގަނޑަށް ގަބޫލުކުރެވެނީ މިތަކެއްޗަކީ ކޮންމެވެސް ގޮތަކުން އެކްސްޕޯޓަށް ޓާގެޓް ކުރެވިގެން ނެގިފައިހުރި ތަކެތި ކަމަށް،" ޒިޔާދު ވިދާޅުވި އެވެ.

މީގެ ކުރިން މިގޮތަށް މުރަކަ ނަގައިގެން އުޅެނިކޮށް މައްސަލައެއް ހުށަހެޅުނު ހަނދާން ނުވާ ކަމަށާއި ފުރަތަމަ ފަހަރަށް މިހެން ފެނުނު އިރު މިހާ ގިނަ އަދަދެއްގެ މުރަކަ ނަގާފައި ހުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޒިޔާދު ވަނީ ވިދާޅުވެފައެވެ.

އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، އިންސާނުންގެ އަމަލުތަކުގެ ސަބަބުން މިހާރުވެސް ދުނިޔޭން ގިނަ އަދަދެއްގެ ތަކެތި ނެތިގެން ގޮސްފައިވާ ކަމަށެވެ.

މުރަކަ ނަގައިގެން މުރަކަ ވިއްކައިގެން ލިބޭ ފައިދާއަށް ވުރެ ކަނޑުގައި އެތަކެތި ހުރުމުން ލިބޭ ފައިދާ މާބޮޑުވާނެ ކަމަށް ނައީމް ވިދާޅުވި އެވެ.