އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބަލިކޮށް، ކްލަބު އީގަލްސް އަލުން ތާވަލުގެ ދެ ވަނައަށް ޖެހިލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ލީގުގެ ތިން ވަނަ ބުރު މެޗުގައި ނިއު އަތުން އީގަލްސް މޮޅުވެފައިވަނީ 1-0 ލަނޑުންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އީގަލްސް މޮޅުވެފައިވަނީ 1-0 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ ނަތީޖާއާ އެކު ތާވަލުގެ ދެ ވަނައަށް އީގަލްސް ޖެހިލާފައިވަނީ ކުޅުނު 19 މެޗުން ލިބުނު 35 ޕޮއިންޓުންނެވެ. މިވަގުތު ތާވަލުގެ ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް 18 މެޗުން 33 ޕޮއިންޓް ލިބިފައިވާ އިރު، ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް 18 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ. އަދި މިއަދުގެ މެޗުން ބަލިވި ނިއު އޮތީ ކުޅުނު 19 މެޗުން ލިބުނު 19 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައެވެ.

މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބިފައިވަނީ އީގަލްސްގެ ހަސަން ރާއިފް އަހްމަދަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓް ވެފައި ވަނިކޮށް އަހްމަދު ނައުފަލް ދިން ބޯޅައިގެ ބޭނުން ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރި ރާއިފް އަށް ހިފިފައެއް ނުވެ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އީގަލްސް މޮޅުވެފައިވަނީ 1-0 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ 57 ވަނަ މިނެޓުގައި ނިއު އަށް ލީޑު ހޯދުމަށް ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅައަކުން އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ، އަހްމަދު ނިޔާޒް (ނިޔާ) އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ 62 ވަނަ މިނެޓުގައި އީގަލްސް އިން ވަނީ ލަނޑު ޖަހައި ލީޑު ހޯދައިފަ އެވެ. އީގަލްސް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ފޯވަޑް ރިސްޓޭ ނައުމޯވް އެވެ. އަހްމަދު ރިޒްވާން ދިން ބޯޅައިން ރިސްޓޭ އުފެއްދި ފުރަތަމަ ހަމަލާ ނިއުގެ ކީޕަރު ޔުން ކޮޗީ މަތަކުރި ނަމަވެސް، އޭނާ އަށް ލިބުނު ރީބައުންސް ބޯޅަ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ވަނީ ފޮނުވާލައިފައެވެ.

ތާވަލުގެ ދެ ވަނައަށް އީގަލްސް ޖެހިލާފައިވަނީ ކުޅުނު 19 މެޗުން ލިބުނު 35 ޕޮއިންޓުން. މިވަގުތު ތާވަލުގެ ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް 18 މެޗުން ލިބިފައިވަނީ 33 ޕޮއިންޓް.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އީގަލްސް މޮޅުވެފައިވަނީ 1-0 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާއީގަލްސް އަށް ލީޑު ފުޅާކޮށްލުމަށް ވެސް ދެވަނަ ހާފުގައި ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން ނުކުތް މުހައްމަދު ސެޑިކް އާއި، އަހްމަދު ޒާދު އާއި، ރިސްޓޭ އަދި އަހްމަދު ނައުފަލް އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ. އެ މެޗުން ޓީސީ މޮޅުވެއްޖެ ނަމަ، އަނެއްކާވެސް އެ ޓީމަށް ތާވަލުގެ ދެ ވަނަ ލިބޭނެއެވެ.