ގދ. ގައްދޫގައި 40 އަހަރުގެ އަންހެނަކު އޭނާގެ ދޮންދަރިއާ ޖިންސީ ގުޅުން ހިންގަމުންދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާ އޭނަގެ ދޮންމަންމަ ޖިންސީ ގުޅުން ހިންގަމުންދިޔަ ކަމުގެ ތުހުމަތުގައި މިދިޔަ ހަފްތާގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނާތީ އިތުރު ތަފްސީލް ދެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގައްދޫން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ކުޑަ ފިރިހެން ކުއްޖާ ދިރުއުޅެމުން ދިޔައީ އެ ކުއްޖާގެ ބައްޕަ އާއި ދޮންމަންމަ އާ އެކު ކަމަށެވެ. އަދި އެ އަންހެން މީހާ ކުޑަ ފިރިހެން ކުއްޖާ އަށް ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގޯނާ ކުރަމުން ދިޔަ ކަމަށް ވެސް ގައްދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.