29 Sep 2016, 18:12
ދެހާސް އަށާރަ ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމައިފިއެވެ.
މިއަދު މ. ކުނޫޒުގައި ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި އެގޮތަށް ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި 18 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ޖޭޕީއިން މިފަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރި ނަމަވެސް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން ގާނޫނު ތަނެއް ނުދެއެވެ.
މިދިޔަ އަހަރު ގާނޫނުއަސާސީއަށް ގެނައި އިސްލާހުގައި ވާގޮތުން 65 އަހަރުން މަތީގެ ބޭފުޅުންނަށް ރައީސަކަމަށް ކުރިމައްޗެއް ނުލެވޭނެއެވެ. ގާސިމްއަށް މިހާރު ވަނީ 65 އަހަރު ފުރިވަޑައިގެންފައެވެ. އެހެންކަމުން ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރާނީ ގާސިމް އިބްރާހިމް ނޫންކަން ޔަގީންވެއެވެ.
މީގެ ކުރިން 2013 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވާދަކުރައްވާފައެވެ. އެފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޮޅުވާލުންތަކެއް ހުރިކަމަށް ބުނެ ޖޭޕީގެ ފަރާތުން އޭރު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުން ވަނީ އިންތިހާބު ބާތިލުކޮށް އަލުން އިންތިހާބު ބޭވުމަށް ހުކުމް ކޮށްފައެވެ.
ރިޔާސީ އިންތިހާބު 2013 ގައި ދެވަނަ ފަހަރަށް ވޯޓުލުން ބޭއްވުމުންވެސް ބަލިވެ ވަޑައިގަތުމުން ގާސިމް ވަނީ އިންތިހާބުގައި ރައީސް ޔާމީން އަށް ތާއީދު ކުރައްވާފައެވެ.