އެމްއާރުޑީސީގެ ޗެއަރމަން ކަމަށް މުހައްމަދު ލަތީފް، އަދި ސްޓެލްކޯގެ ޗެއާމަން ކަމަށް އަހުމަދު އައިމަން އައްޔަނުކުރައްވައިފިއެވެ.

މި ބޭފުޅުން މި ދެ މަގާމަށް އައްޔަން ކުރެއްވިކަން އިއުލާންކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެމްއާރުޑީސީގެ ޗެއާމަން ކަމަށް މުހައްމަދު ލަތީފް އައްޔަން ކުރެއްވީ، އެމަގާމުގައި ކުރިން ހުންނެވި، މުހައްމަދު ރިޔާޒު އިސްތިއުފާދެއްވާފައިވަނިކޮށެވެ. ސަން އަށް އެނގިފައިވާގޮތުގައި ރިޔާޒު އިސްތިއުފާދެއްވީ އެމްއާރްޑީސީ ގައި ހުރި ކޮރަޕްޝަން މައްސަލަތަކެއްގެ ސަބަބުން އިސްތިއުފާ ދެއްވުމަށް ސަރުކާރުން އެންގުމުންނެވެ.

ސްޓެލްކޯގެ ޗެއާމަނަކަށް އައްޔަންކުރެއްވި އައިމަން، މީގެކުރިން ހުންނެވީ ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގަައެވެ. އައިމަންއަކީ މީގެކުރިން، ތައުލީމީ ދާއިރާގައި ވެސް މަސައްކަތްކުރެއްވި ބޭފުޅެކެވެ.

މީގެ އިތުރުން އެމްއާރްޑީސީގެ ޑިރެކްޓަރުންގެ ބޯޑަށްވެސް މިއަދު، ހ. ފާލަންދޮށުގެ، މުހައްމަދު ހުޝާމް ވަނީ އައްޔަންކުރައްވާފައެވެ.

އަދި ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް ވެސް މިއަދު ވަނީ ދެ ބޭފުޅަކު އައްޔަންކުރައްވާފައެވެ. އެގޮތުން އައްޔަންކުރައްވާފައިވަނީ ނ. ފޮއްދޫ، ޔާގޫތުގެ، ހުސައިން ޝާމް އާދަމްއާއި، މއ. މެޑަލިން އައިޝަތު އަމާނީ އިބްރާހީމްއެވެ.