29 Sep 2016, 17:16
މޯލްޑިވްސް ގެޓްއަވޭސްގެ ފަރާތުން އިންތިޒާމުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޓްރެވަލް ޓްރޭޑް ޝޯ އެމްއެމްޕީއާރުސީން އެންޑޯސްކޮށް އެ ހަރަކާތަށް އެއްބާރުލުންދޭން ނިންމައިފި އެވެ.
އެމްއެމްޕީއާރުސީ އާއި މޯލްޑިވްސް ގެޓްއަވޭސް މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެމްއެމްޕީއާރުސީ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހާރިޝް މުހައްމަދެވެ. މޯލްޑިވްސް ގެޓްއަވޭސްގެ ފަރާތުން ސޮއިކުރެއްވީ ބިޒްނަސް ޑިވެލޮޕްމަންޓް ޑައިރެކްޓަރު ހުސެން ސަނީ އުމަރު އެވެ.
މިއަދު އެމްއެމްޕީއާރުސީ އޮފީހުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހާރިޝް ވިދާޅުވީ، އެ އިވެންޓް އެމްއެމްޕީއާރުސީން އެންޑޯސް ކުރުމުގެ ސަބަބުން، އިވެންޓް ޕްރޮމޯޓްކޮށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް އެމްއެމްޕީއާރުސީގެ ފަރާތުން ދޭނެ ކަމަށެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ މި އިވެންޓުގެ ސަބަބުން ވެސް ދިވެހިރާއްޖޭގެ ޓޫރިޒަމް އިތުރަށް ޕްރޮމޯޓްވެ، ދިވެހިރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުވެގެން ދާނެ ކަމަށް،" ހާރިޝް ވިދާޅުވި އެވެ.
މޯލްޑިވްސް ގެޓްއަވޭސްގެ ފަރާތުން ސަނީ ވިދާޅުވީ، ރާއްޖޭގެ ރިސޯޓްތަކާއި ރިސޯޓް ސެގްމަންޓްގެ ހުރި ޕްރޮޕަޓީތައް ޕްރޮމޯޓްކޮށް ހެދުމަށް، އަންނަ އަހަރު ޖުލައި މަހު ބާއްވަން ހަމަޖައްސާފައިވާ އިވެންޓެއް ކަމަށެވެ.
ސަނީ ވިދާޅުވީ، އެ އިވެންޓުގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ރިސޯޓްތައް ބައިވެރިވާނެ ކަމަށެވެ. އަދި ރާއްޖޭން ބޭރުން 150 ޓްރެވަލް އެޖެންޓުން އިވެންޓަށް ގެންނާނެ ކަމަށް ސަނީ ވިދާޅުވި އެވެ.
ސަނީ ވިދާޅުވި ގޮތުގައި އެ އިވެންޓުގެ މައިގަނޑު އަމާޒަކަށް ވާނީ، ސަރަހައްދީ ގައުމުތަކަކީ މިހާރު ޓޫރިޒަމްގައި ވާދަވެރި ގައުމުތަކަކަށް ވާއިރު، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުން ކަމަށެވެ. އެގޮތުން 2020 އަށް ކަނޑައަޅާފައިވާ ދެ މިލިއަން ޓޫރިސްޓުން ހަމަކުރުމަކީ އިވެންޓުގެ މަގްސަދެއް ކަމަށް ވިދާޅުވި އެވެ.
މިއަދު އެމްއެމްޕީއާރުސީ އޮފީހުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ސަނީ ވިދާޅުވީ ލަންޑަނުގައި ބާއްވާ ވޯލްޑް ޓްރެވަލް މާޓްގައި މި އިވެންޓް ޕްރޮމޯޓް ކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށެވެ.
ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ސަރުކާރުގެ ފަރާތުން އެމްއެމްޕީއާރުސީން ވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ އިރު، މޯލްޑިވްސް ގެޓްއަވޭސް އިންވެސް އަންނަނީ ރާއްޖޭގެ ރިސޯޓްތައް، އަދި ދާދިފަހުން އުފަންވި ގެސްޓްހައުސް މާކެޓް ޕްރޮމޯޓް ކުރުމަށް ވެސް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
ސަނީ ވިދާޅުވި ގޮތުގައި އަންނަ އަހަރު ބާއްވާ ޓްރެވަލް ޓްރޭޑް ޝޯ ކާމިޔާބުވެއްޖެ ނަމަ، އެއީ ވޭތުވެދިޔަ 40 އަހަރުގެ މުއްދަތުގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާއަށް ވާނެ އެވެ.