29 Sep 2016, 16:36
ބަނޑޮސް މޯލްޑިވްސް ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚާއްސަކޮށްގެން މުރަކަ އިންދުމުގެ މަޝްރޫއެއް އެ ރިސޯޓުން ފަށައިފި އެވެ.
އެ މަޝްރޫއު ފަށާފައި ވަނީ އެ ރިސޯޓަށް ގުދުރަތީ ގޮތުން ލިބިފައިވާ ވަސީލަތްތައް ފުރިހަމަ ގޮތުގައި ބޭނުން ކުރުމުގެ ސިޔާސަތުގެ ދަށުން މިދިޔަ އަންގާރަ ދުވަހު އެވެ.
ބަނޑޮސްގެ ޑައިވިން ސެންޓަރުގެ އެސިސްޓެންޓް ބޭސް ލީޑަރު، ހުސައިން ޝިފާއު ވިދާޅުވީ އެ ޕްރޮޖެކްޓު ފަށާފައި ވަނީ ބަނޑޮސް ރިސޯޓުގެ ފަރުގެ ސަރަހައްދު ހެދި ބޮޑުވަމުން އަންނަ ގޮތް ސްޓަޑީ ކުރުމަށް ފަހު ކަމަށެވެ. އަދި އެ މަޝްރޫގެ ބޭނުމަކީ ފަރުގެ ދިރުން ދެމެހެއްޓެނިވި ގޮތެއްގައި ބިނާ ކުރުން ކަމަށާއި މުރަކަ އިންދުމުން ފަރުގެ ހެދިބޮޑުވުން އަވަސް ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ކުންފުނިން ބުނި ގޮތުގައި އެ ޕްރޮގްރާމުގެ ދަށުން ރިސޯޓުގެ ފަޅުގައި ފަތުރުވެރިން ލައްވައި އިންދާނީ ފަރުގެ މުރަކަތަކުން ވަކިވެފައިވާ މުރަކަ ކޮޅުތަކެކެވެ. އެގޮތަށް ނަގާ ކުދި މުރަކަ ކޮޅުތައް އިންދާނީ "ކޮރަލް ނާސަރީ" އެއްގައި ކަމަށް ވެސް އެ ރިސޯޓުން ބުންޏެވެ.
"ކަނޑުގެ ތިމާވެށި ރައްކާތެރި ކުރާނެ ގޮތްތައް ހޯދައި އެގޮތްތައް ތަންފީޒު ކުރުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭ ކަމެއް. އެގޮތުން އެކި ފަހަރު މަތިން ބައެއް ފަރާތްތަކުގެ އިހުމާލުން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގައި ހޯދާފައިވާ ފައިސާ ވެސް މި ޕްރޮޖެކްޓު ހިންގުމަށް ވާނީ ޑޮނޭޓްކޮށްފައި،" އެ ރިސޯޓުގެ ރެސިޑެންޑް މެނޭޖަރު އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.
ކަނޑުގެ ތިމާވެށި ރައްކާތެރި ކުރުމުގެ ގޮތުން އެ ރިސޯޓުން ވަނީ އެ ރިސޯޓުގެ ފަރުގެ 800 ސްކެއާ މީޓަރުގެ ސަރަހައްދެއް ހިމާޔަތްކޮށް، ބައޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.
އެކުއަކަލްޗާ އަކީ ފަރުތަކުގެ ދިރުން އާލާ ކުރުމަށް މުޅި ދުނިޔޭގައި ވެސް ކުރަމުން އަންނަ، އެންމެ ބިނާ ކުރަނިވި ޓޫލް އެވެ.