މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މާލީ ހާލަތު ދަށްވެގެން ދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، މިފްކޯ ތިން ކުންފުންޏަކަށް ބަހާލުމަށް ނިންމި ނިންމުމާ ގުޅިގެން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ކެބިނެޓުގެ ނިންމުމެއްގެ ދަށުން ސަރުކާރުން މިއަދު ވަނީ އެސްޓީއޯގެ ދަށަށް މިފްކޯ ގެންގޮސްފަ އެވެ.

ދެހާސް ނުވަ ވަނަ އަހަރު މިފްކޯގެ ތެރެއިން އިތުރު ދެ ކުންފުންޏެއް އުފެއްދި އެވެ. އެއީ ފެލިވަރު ފިޝަރީސް މޯލްޑިވްސްއާއި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އެވެ. އެ ދެ ކުންފުންޏާއި މިފްކޯ ތިން ކުންފުންޏެއްގެ ގޮތުގައި ހިންގަމުން ދިޔަ ދިޔުން ނިމުމަކަށް އައީ 2014 ވަނަ އަހަރުގެ އޯގަސްޓް މަހު ކޫއްޑޫއާއި ފެލިވަރު ކުންފުނި އުވާލައި އެ ދެ ކުންފުނި އަލުން މިފްކޯގެ ދަށަށް ގެނައުމާ އެކުގަ އެވެ.

ކެބިނެޓުން މިއަދު ބުނި ގޮތުގައި މިފްކޯ އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފަ އެވެ. އެގޮތުން މަސްވެރިންނަށް ދެ މިލިޔަން ރުފިޔާ އިން މިފްކޯ އޮތީ ދަރާފަ އެވެ. އަދި މިފްކޯގެ ހާލަތު އޮތީ ވަރަށް ގޯސް ފައްތަރެއްގަ އެވެ.

"މިހިސާބަށް އައީ 2009ގައި އެމްޑީޕީ ސަރުކާރުން މިފްކޯ ވަކިވަކި ކޮށްލައި، ތިން ކުންފުންޏަކަށް ބަހާލުމުން. މިކަން ކުރި އިރު ކޯޕަރޭޓު ގަވަނެންސާއި އެހެނިހެން އުސޫލުތަކާ ވެސް ޚިލާފަށް، އެއްވެސް ބަލާލުމެއް ނެތި ތިން އޯގަނައިޒޭޝަނެއް ތައްޔާރު ކުރީ،"

މިފްކޯގެ މެނޭޖިންގް ޑިރެކްޓަރުކަން މީގެ ކުރިން ކުރައްވާފައިވާ ޝައިނީ ވިދާޅުވީ މިކަން ކުރީ މިފްކޯއަށް ހުރިހާ ދަރަންޏެއް ލާފައި ކަމަށެވެ.

"ކޫއްޑޫގައި ހުރި ހުރިހާ ބޯޓެއް މިފްކޯގެ ދަށުގައި ހުރީ. އެކަމަކު މިފްކޯގެ ފޮތުން ނަގައި، ކޫއްޑޫއަށް އެ ބޯޓުތައް ދިނީ މިފްކޯއަށް އޭގެ އެއްވެސް ލާރިއެއް ނުދީ. މިފްކޯ ދިޔައީ އެއް ދުވަހުން އަނެއް ދުވަހަށް ބަނގުރޫޓު ވަމުން،" ޝައިނީ ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު ވިދާޅުވީ ތިން ކުންފުނި އޮތީ ހަމަނުޖެހުމެއްގައި ކަމަށެވެ. ޚާއްސަކޮށް މިފްކޯއަށް ބޮޑެތި މައްސަލަތަކެއް ޖެހެމުން ދިޔަ އިރު، ފައިސާ ނެތި އެކަންކަން ހައްލު ކުރެވެން ވެސް ނެތް ކަމަށް ޝައިނީ ވިދާޅުވި އެވެ.

އެހެންކަމުން، މިފްކޯގެ މައްސަލަތައް ރިވިއުކޮށްފައި، އެ މައްސަލަތައް އެންމެ ރަނގަޅަށް ހައްލުކުރެވޭނީ ކިހިނެއްތޯ ސަރުކާރުން ބެލި ކަމަށެވެ.

"މަސް ކިލޯގެ އެންމެ ބޮޑު ހަރަދެއް ދަނީ ތެލަށް. އެއީ އެހެން ކުންފުންޏަކުން ގަންނަ އެއްޗެއް. މަސްވެރިންނަށް ތެޔޮ ވިއްކަނީ އެސްޓީއޯ އިން މިފްކޯ އަށް ވިއްކާ އެއްޗަށް އިތުރަށް އެއްޗެއް [ފައިދާއެއް] ލައިގެން. އެހެންވެ މަސްވެރިންނަށް ތެލުގެ އަގު ބޮޑުވަނީ. މި ހުރިހާ ކަންކަމަށް ބަލާއިރު މަސްވެރިންނަށް، މިފްކޯއަށް އަދި އެސްޓީއޯއަށް އެންމެ ފައިދާވާނީ ދެ ކުންފުނި ސައިނާޖީއަށް ގެނައުމުން،" ޝައިނީ ވިދާޅުވި އެވެ.