ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް މައްސަލަތައް ހުށަހަޅާއިރު ފަހަކަށް އައިސް ގިނަ މައްސަލަތައް ހުށަހަޅަނީ ސިވިލް ސާވިސް ގަވާއިދުގައި މައްސަލަ ހުށަހަޅަން އޮންނަ އުސޫލާ ޚިލާފަށް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ސީއެސްސީގެ ގަވާއިދު 2010ގައި ބުނަނީ އެ ކޮމިޝަނަށް މައްސަލަ ހުށަހަޅަން ވާނީ މައްސަލަ ހުށަހެޅުމަށް ތައްޔާރު ކޮށްފައިވާ ފޯމުން ކަމަށެވެ.

ނަމަވެސް ސީއެސްސީން ބުނީ ފަހަކަށް އައިސް އެ ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ހުށަހަޅަމުން ދަނީ ސިވިލް ސާވިސްގެ ގަވާއިދުގައި މައްސަލަ ހުށަހަޅަން އޮންނަ އުސޫލާ ޚިލާފަށް ކަން ފާހަގަ ކުރެވޭ ކަމަށާއި އަދި ވަރަށް ގިނަ ފަރާތްތަކުން މައްސަލަ ހުށަހަޅަމުން ގެންދަނީ އެ މައްސަލަ އާ ގުޅޭ ގޮތުން ޒިންމާދާރު ވެރިޔާ އަށް ހައްލު ހޯދުމަށް ހުށަހެޅުމަކާ ނުލައިކަން ފާހަގަ ކުރެވޭ ކަމަށެވެ. އެކަމުގެ ސަބަބުން އެކޮމިޝަނަށް ހުށަހެޅޭ ގިނަ މައްސަލަތައް ހައްލު ކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވެ މުވައްޒަފަށް މައްސަލަ ހައްލު ކޮށްނުދެވި ހުށަހެޅޭ މައްސަލަތަކުގައި ހައްލެއް ނުލިބި ދިގުލައިގެންދާ ކަމަށް ވެސް ސީއެސްސީން ބުންޏެވެ.

ސިވިލް ސާވިސް ކޮމިޝަނަށް މައްސަލަ ހުށަހަޅައިގެން މައްސަލަ ނުނިމި ދިއުން ހައްލު ކުރުމަށް ޓަކައި ސީއެސްސީ އަށް މައްސަލަ ހުށަހެޅުމުގައި ސިވިލް ސާވިސްގެ ގަވާއިދުގައި ބުނާ ފޯމުން މައްސަލަ ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ސީއެސްސީން ބުނީ އަންނަ މަހުން ފެށިގެން ސީއެސްސީ އަށް ހުށަހަޅާ މައްސަލަތައް ބަލައިގަންނާނީ މައްސަލަ ހުށަހެޅުމަށް އޮންނަ ފޯމުން ހުށަހެޅުމުން ކަމަށެވެ.

އަދި ސިވިލް ސާވިސް ގަވާއިދުގެ 234 ވަނަ މާއްދާގެ (ހ)ގެ ދަށުން ހުށަހަޅާ މައްސަލައެއް ނަމަ، އެ ކޮމިޝަނަށް އެ މައްސަލައެއް ހުށަހަޅާ އިރު ފުރަތަމަ ފަހަރަށް ޒިންމާދާރު އިސްވެރިއަކަށް އެ މައްސަލަ ހުށަހަޅާފައި ނުވާ ނަމަ އެ މައްސަލައެއް އެ ކޮމިޝަނަށް ބަލައި ނުގަނެވޭނެ ކަމަށެވެ. ނަމަވެސް ޒިންމާދާރު ވެރިއަކަށް މައްސަލައެއް ހުށަހަޅައި ފިޔަވަޅު ނޭޅި އެކަށީގެންވާ މުއްދަތެއް ފާއިތު ވެފައިވާ ނަމަ އެފަދަ މައްސަލައެއް ބަލައިދިނުމަށް ކޮމިޝަނަށް ހުށަހެޅިދާނެ ކަމަށް ވެސް ސިވިލް ސާވިސް ކޮމިޝަނުން ބުންޏެވެ.