29 Sep 2016, 14:43
ސެޕްޓެމްބަރު އެގާރައިގެ ހަމަލާތަކުގައި ގެއްލުން ލިބުނު އެމެރިކާގެ އާއިލާތަކަށް މާލީ ބަދަލު ހޯދުމަށްޓަކައި ސައޫދީ ސަރުކާރާ ދެކޮޅަށް އެމެރިކާގެ ކޯޓުތަކުގައި ދައުވާކުރުމުގެ ފުރްސަތު އެމެރިކާގެ ރައްޔިތުންނަށް ލިބިދޭ ގާނޫނު ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވް އިން މިހާރުވަނީ ފާސްކޮށްފައެވެ. އަދި ކުރިޔަށްއޮތް މަދުދުވަސްތަކުގެ ތެރޭގައި މިގާނޫނު އެމެރިކާގެ ސެނެޓުގެ ތަނަވަސް އަޣްލަބިއްޔަތަކުންވެސް ފާސްކުރާނެއެވެ.
އެމެރިކާގެ ރައީސްއަށް ދެން ވީޓޯ ނުކުރެވޭހާ ބޮޑު އަޣްލަބިއްޔަތަކުން މިގާނޫނު ފާސްކޮށްފައިމިވަނީ ކޮންގްރެސްއިން ފާސްކުރި މިގާނޫނު ދާދިފަހުން އޮބާމާ ވޯޓޯކުރައްވާފައިވަނިކޮށެވެ. އޮބާމާގެ ވީޓޯ ފެންކޮށްލައި އަލުން މިގާނޫނު ކޮންގްރެސްއިން ފާސްކުރުމުގެ ބޭނުމަކީ އެމެރިކާގައިވާ ސައޫދީ އަރަބިޔާގެ ފައިސާ ތަކަށް އަތްދަށުލެވޭނެ މަގެއް ތަނަވަސް ކުރުމެވެ.
އެމެރިކާގެ ބޭންކްތަކުގައި ސައޫދީ އަރަބިޔާގެ 750 ބިލިޔަން ޑޮލަރު (އިންވެސްޓްމަންޓްތަކުގެ ގޮތުގައާއި ޑިޕޮޒިޓްތަކުގެ ގޮތުގައާއި އެސެޓްތަކުގެ ގޮތުގައި) އެބަހުއްޓެވެ. މީގެތެރެއިން 119 ބިލިޔަން ޑޮރަކީ އެމެރިކާ ގެ ބަޖެޓް ދެކޮޅު ޖެއްސުމަށްޓަކައި އެމެރިކާގެ މަރުކަޒީ ބޭންކުން ވިއްކި ޓްރެޜަރީ ބިލްތައް ގަތުމަށް ސައޫދީ ހޭދަކޮށްފައިވާ ފައިސާއެވެ.

ސެޕްޓެމްބަރ އެގާރައިގެ ޙަމަލާތައް
ސެޕްޓެމްބަރު އެގާރައިގެ ހަމަލާތަކަކީ އެކަމުގެ ފަހަތުގައިވާ ހަގީގީ ބަޔަކު ނޭންގޭ ވަރަށް އެހެންކަހަލަ ޓެރަރިސްޓް ހަމަލާތަކެކެވެ. އެކަމުގެ ޒިންމާ އެމެރިކާ އަޅުވާފައިވަނީ އަލްގާއިދާގެ ބޮލުގައެވެ. އަލްގާއިދާއިންވަނީ އެކަމަށް އިޢްތިރާފްވެސް ވެފައެވެ. ނަމަވެސް އަލްގާއިދާއަކީ ކުރީގެ ސޮވިއެޓް ޔުނިޔަންއާ ހަނގުރާމަ ކުރުމަށް އެމެރިކާ އުފެއްދި ހަރުކަށި ވިސްނުމުގެ "ޖިހާދީ ބައެއް" ގެ ތެރެއިން އުފައްދާފައިވާ ޖަމާއަތަކަށްވާތީ އެޖަމާއަތުގެ ފަހަތުގައި ސިއްރިޔާތުގައިވަނީ އެމެރިކާ ކަމަށް ވަރަށް ގިނަބަޔަކު ގަބޫލުކުރެއެވެ.
މީގެއިތުރުން ސެޕްޓެމްބަރު އެގާރައިގެ ހަމަލާތަކަކީ އަލްގާއިދާ ފަދަ ޖަމާއަތަކަށް ދެވޭވަރަށްވުރެ މާވަރުގަދަ އަދި މާ ފަންނީ ހަމަލާތަކެއް ކަމަށް ޚުދު އެމެރިކާގެ ރައްޔިތުންވެސް ގަބޫލުކުރެއެވެ. މިއާއެކު އެއްބަޔަކު ދެކެނީ އެހަމަލާތަކަކީ އެމެރިކާގެ އަމިއްލަ މަގްސަދްތަކެއް ހާސިލް ކުރުމަށްޓަކައި (އެމެރިކާ ބޭނުންވާ އިސްލާމީ ގައުމުތަކަކަށް އަރައި ގަތުމަށްޓަކައި ބަހަނާއެއްގޮތުގައި އެމެރިކާގެ ޖާސޫސީ އިދާރާ އަޑީގައި އޮވެގެން) ހިންގި ޖަރީމާތަކެއް ކަމުގައެވެ.
މިހަމަލާތަކަށްފަހު ފާހަގަވެގެން ދިޔަ އެއްކަމަކީ އެޙަމަލާތަކާބެހޭގޮތުން އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ދެއްކި ހެކިތަކަކީ ބުއްދި ގަބޫލުކުރެވޭފަދަ ހެކިތަކަކަށް ނުވުމެވެ. މިހަމަލާތަކުގައި ބައިވެރިވި މީހުންކަމަށްބުނެ އެމެރިކާ ސަރުކާރުން ނަން ހާމަކުރި ބައެއް މީހުންނަކީ އެޙަމަލާގެ މާކުރިން މަރުވެފައިވާ މީހުންނެވެ. މިކަންވެސް ފަހުންވަނީ ފަޅާއަރާފައެވެ. މީގެއިތުރުން ސެޕްޓެމްބަރު އެގާރައިގެ ހަމަލާތަކުގައި އަނދާ ހުލިވި ޓުވިންޓަވަރުގެ އަޅިތަކުގެ ތެރެއިން އެޙަމަލާތަކުގައި ބައިވެރިވި މީހެއްގެ ޕާސްޕޯޓާއި އަރަބި ބަހުން ލިޔެފައިވާ ބައެއް ކަރުދާސްތައް ނުއަނދައި ސަލާމަތުން އޮއްވައި ފެނުނުކަމަށް އެމެރިކާ ބުނާވާހަކައަކީވެސް ހަމަބުއްދިއަށް ގަބޫލުކުރެވޭނެ ވާހަކަ ތަކެއް ނޫނެވެ.
އަނެއްކޮޅުން ޕެންޓަގަން އަށް ދިންކަމަށްބުނާ ހަމަލާގައި ބޭނުންކުރި މަތިންދާބޯޓެއްވެސް އަދި އޭގެ ބައިތަކެއްވެސް އެމެރިކާއަށް ދެއްކިފައެއް ނުވެއެވެ. އެޙަމަލާތަކުގައި ތިންހާހެއްހާ މީހުން މަރުވިއިރު އެހަމަލާތައް ދޭނެކަން އެމެރިކާގެ ޔަހޫދީންގެ ބަޔަކަށް ކުރިން އެނގިފައި ވެއެވެ. އަދި އެމެރިކާގެ އެއްވެސް ފަރާތަކަށް އެއްވެސް ވަރަކަށް ނޭންގި ފަސިންޖަރު މަތިންދާބޯޓުތަކެއް އެމެރިކާގެ އެތެރޭން ހައިޖެކްކޮށްގެން އެމެރިކާގެ އެންމެ މުހިއްމުތަންތަނަށް އެހަމަލާތައް ދިންއިރު އެމެރިކާގެ ކަމާބެހޭ ފަރާތްތައް އަތްއުރާލައިގެން އޮތްއޮތުމަކީވެސް އެއީ ރޭވުމެއް ކަމަށް ވަރަށްބޮޑަށް ބެލެވޭކަމެކެވެ.
ސެޕްޓެމްބަރު އެގާރައިގެ ހަމަލާތަކަށްފަހު އެމެރިކާވަނީ އަފްޣާނިސްތާނަށާއި އިރާގަށް އަރައިގަނެ އެދެގައުމުން އެތަށް ލައްކަ ބަޔަކު ގަސްދުގައި މަރައި އެދެގައުމު ހަލާކުކޮށްލާފައެވެ. ޓެރަރިޒަމާ އިދިކޮޅު ނަމުގައި ޖޯޖް ޑަބްލިޔު ބުޝްގެ ޒަޢާމަތުގައި އެމެރިކާ ފެށި ހަނގުރާމަ އަމާޒުކޮށްފައި ވަނީވެސް މުޅިންވެސް މުސްލިމުންނަށާއި އިސްލާމީ ގައުމުތަކަށެވެ.
1980 ގެ އަހަރުތަކުގައި ޓެރަރިޒަމަށް އެހީތެރިވާ ކަމުގެ ތުހުމަތު އެމެރިކާ އަޅުވަމުން ގެންދިޔައީ ލީބިޔާގެ ބޮލުގައެވެ. ޚާއްސަކޮށް ގައްޒާފީގެ ބޮލުގައެވެ. އެއަށްފަހު އީރާންގެ ބޮލުގައި އަޅުވަމުންގޮސް މިހާރު ޓެރަރިޒަމަށް އެހީތެރިވާ ކަމުގެ ތުހުމަތު ނުސީދާކޮށް އަޅުވަމުން މިގެންދަނީ ސައޫދީ އަރަބިޔާއާއި ގަލްފުގެ ގައުމުތަކުގެ ބޮލުގައެވެ. ނަމަވެސް ޓެރަރިޒަމަކީ ހަގީގަތުގައި އެމެރިކާއާ ގުޅިފައިވާ އެއްޗެއްކެވެ. ދުނިޔޭގެ ފެންވަރުގައި ސްޓޭޓް ޓެރަރިޒަމް ހިންގާ މައިގަނޑު ގައުމަކީވެސް އެމެރިކާކަން އަފްޣާނިސްތާނާއި ޕާކިސްތާނާއި ޔަމަނާއި ސޮމާލިޔާއަށް އެމެރިކާ ދޭ ވައިގެ ހަމަލާތަކުން ވަނީ ސާބިތުވެފައެވެ.

ކޮންގްރެސް
އިރާގަކީ އެގައުމަށް އެމެރިކާ އެރުމުގެ ކުރިން ޓެރަރިޒަމްގެ އަސަރުވެސް ނެތްތަނެކެވެ. ނަމަވެސް އެމެރިކާ އިރާގަށް އަރައިގަތުމަށްފަހު އިރާގުވަނީ ޓެރަރިސްޓުންގެ ހާއްޔަކަށް ބަދަލުވެފައެވެ. އެމެރިކާގެ ވެރިކަމަށްފަހު އިރާގުގައިވަނީ އައިއެސް ޖަމާއަތްފަދަ ވަރުގަދަ ޓެރަރިސްޓް ޖަމާއަތްތައް އުފެދިފައެވެ. އައިއެސް ޖަމާއަތާއި އެމެރިކާއާއި ގާތްގުޅުންތަކެއް އޮންނަކަމީވެސް ޚުދު އިރާގު ސަރުކާރުވެސް ދަންނަ ހަގީގަތެކެވެ. އަނެއްކޮޅުން އަލްގާއިދާއަކީވެސް ކުރީގެ ސޮވިއެޓް ޔުނިޔަންއާ ހަނގުރާމަ ކުރުމަށް އެމެރިކާ އުފެއްދި ހަރުކަށި ވިސްނުމުގެ "ޖިހާދީ ބައެއް" ގެ ތެރެއިން އުފެދުނު ޖަމާއަތަކަށްވާތީ އެޖަމާއަތުގެ ފަހަތުގައިވެސް ވަނީ އެމެރިކާއެވެ.
ސެޕްޓެމްބަރު އެގާރައިގެ ހަމަލާތަކުގައި ގެއްލުން ލިބުނު އެމެރިކާގެ އާއިލާތަކަށް މާލީ ބަދަލާއި އިންސާފު ހޯދުމުގެ ނަމުގައި ސައޫދީ އަރަބިޔާއާ ދެކޮޅަށް އެމެރިކާއިން ފާސްކުރި ގާނޫނާމެދު ވަރަށްބޮޑަށް ކަންބޮޑުވާކަން ސައޫދީ ސަރުކާރުންވަނީ ހާމަކޮށްފައެވެ. އަދި އެމެރިކާގައިވާ ސައޫދީ އެސެޓްތައް އަނބުރައި ގެންދަންޖެހިދާނެ ކަމުގެ ކަމުގެ އިންޒާރުވެސް ސައޫދީންވަނީ ދީފައެވެ. ނަމަވެސް މިއީ ސައޫދީން އެމެރިކާ އަށް ބަރޯސާ ވެފައިވާ މިންވަރުން ސައޫދީ އަށް ނުކުރެވޭނެ ކަމެއްކަން އެމެރިކާއަށް ރަނގަނޅަށް އެނގެއެވެ. އެމެރިކާ މިހާރު ބޭނުންވަނީ 1980 ގެ އަހަރުތަކުގައި ލީބިޔާގެ ފައިސާތަކާއި އީރާނުގެ ފައިސާތައް ފްރީޒްކޮށް އެފައިސާތަކަށް އެމެރިކާ އަތްގަދަ ކުރިގޮތަށް އެމެރިކާގައި މިހާރުހުރި ސައޫދީ ފައިސާތަކަށްވެސް އަތްގަދަ ކުރެވޭނެ މަގެއް ހޯދުމެވެ.
އެމެރިކާއަކީ އަބަދުވެސް މިގޮތަށް ގައުމުތަކުގެ ފައިސާއާއި އެސެޓްތައް ފޭރެމުގެ ތާރީކެއް އޮތް ގައުމެކެވެ. ސެޕްޓެމްބަރު އެގާރައިގެ ހަމަލާތައް ދިން ކަމަށް ބުނާ އަލްގާއިދާގެ 19 މީހުންގެ ތެރެއިން 15 މީހުންނަކީ ސައޫދީ ރައްޔިތުން ކަމަށް އެމެރިކާ ބުނިނަމަވެސް އެހަމަލާތަކާ ސައޫދީ ސަރުކާރާ އެއްވެސް ގުޅުމެއްނެތް ކަމަށް ޚުދު އެމެރިކާވެސް ވަނީ އެއްބަސްވެފައެވެ.
އެހެންކަމުން ސެޕްޓެމްބަރު އެގާރައިގެ ހަމަލާތަކުގައި ގެއްލުން ލިބުނު އެމެރިކާގެ އާއިލާތަކަށް ސައޫދީ ސަރުކާރުގެ ކިބައިން މާލީ ބަދަލު ހޯދަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. މިހެން މިކަންވާނަމަ އެމެރިކާގެ ރައްޔިތުންގެ ވަކި ފަރުދުން ގައުމުތަކުގައި ހިންގާ އެކިބާވަތުގެ އަމަލުތަކަށް ބަދަލުދޭންޖެހޭނީ އެމެރިކާ ސަރުކާރުންނެވެ. މިއީ ބައިނަލްއަގްވާމީ ގާނޫނުގައި ގައުމުތަކަށް ދީފައިވާ ޑިޕްލޮމެޓިކް އިމިއުނިޓީއާއި ރައްކާތެރިކަމާ މުޅިން ޚިލާފު ކަމެކެވެ.
އެމެރިކާ މި ގާނޫނަށް އަމަލުކުރަން ފަށައިފިނަމަ އެމެރިކާގެ ރައްޔިތުންގެ ވަކި ފަރުދުން ގައުމުތަކުގައި ހިންގާ އެކިބާވަތުގެ އަމަލުތަކަށް ބަދަލު ހޯދުމަށް އެމެރިކާ ސަރުކާރާ ދެކޮޅަށް ދައުވާ ކުރުމުގެ ގާނޫނުތަކެއް ސައޫދީ އަރަބިޔާއަށްވެސް އެކުލަވާލެވިދާނެއެވެ. އެމެރިކާގެ މިގާނޫނުގެ ސަބަބުން މިފަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ހިސާބަށް ކަންތައްތައް ހިނގައިދާނެ ކަމުގެ ނުސީދާ އިންޒާރު ސައޫދީން ވަނީ ދީފައެވެ. ދުނިޔޭގެ ގިނަ ގައުމުތަކަކުން މިފަދަ ގާނޫނުތަކެއް ފާސްކޮށްފިނަމަ އެމެރިކާ ސަރުކާރަށްވެސް ބޮޑެތި ދަތިތަކެއް ފޯރާނެއެވެ. ޚާއްސަކޮށް ޗައިނާއާއި ރަޝިޔާއިން މިފަދަ ގާނޫނުތަކެއް ފާސްކޮށްފިނަމަ އެމެރިކާ ވަރަށްބޮޑަށް ނިކަމެތި ވެގެންދާނެއެވެ.
ސެޕްޓެމްބަރު އެގާރައިގެ ހަމަލާތަކުގައި ގެއްލުން ލިބުނު އެމެރިކާގެ އާއިލާތަކަށް މާލީ ބަދަލު ހޯދުމަށްޓަކައި ސައޫދީ ސަރުކާރާ ދެކޮޅަށް އެމެރިކާގެ ކޯޓުތަކުގައި ދައުވާކުރުމުގެ ފުރްސަތު އެމެރިކާގެ ރައްޔިތުންނަށް ލިބިދޭ ގާނޫނު ފާސް ކުރުމަކީ އެމެރިކާއިން ސައޫދީއަށް ދޭ ވަރުގަދަ މެސެޖެކެވެ. މިމެސެޖްގައި އެމެރިކާ ބުނަނީ ސައޫދީ ތެލަށް އެމެރިކާ މިހާރު ބަރޯސާ ނުވާކަމާއި ސައޫދީގެ މަސްލަހަތު އެމެރިކާއަށް މިހާރު މުހިއްމު ނޫންކަމުގެ ވާހަކައެވެ.
އެމެރިކާ މީގެކުރިންވަނީ ސައޫދީންގެ އެހީތެރިކަމާއެކު އިރާގާ ދެކޮޅަށް 13 އަހަރުގެ ދިގުލީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. މިފިޔަވަޅުތަކުގެ ސަބަބުން އިރާގުން އެތަށް މިލިޔަން ބަޔަކު މަރުވެފައިވެއެވެ. އަދި ލީބިޔާއާ ދެކޯޅަށާއި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާ އެޅި ދުވަސްވަރު އެއީ މައްސަލައެއް ކަމަށް ސައޫދީ އަކަށް ނުވިއެވެ. އަދި އެގައުމުތަކަށްފަހު ތިމާމެންގެ ގައުމާ ދެކޮޅަށް އެމެރިކާގެ މިފަދަ ފިޔަވަޅުތައް އަންނާނެ ކަމުގެ ވިސްނުމެއްވެސް ސައޫދީންގެ ނެތެވެ.

އޮބާމާ
އެމެރިކާވަނީ ލޮކަރބީގެ މައްސަލާގައިވެސް ލީބިޔާއަށް މިފަދަ ފިއްތުންތައް ކުރިމަތިކޮށްގެން އެހާދިސާގައި މަރުވި އެމެރިކާގެ ކޮންމެ މީހެއްގެ ބޮލަށް އެތަށް ސަތޭކަ މިލިޔަން ޑޮލަރެއް ލީބިޔާއިން އަތުލައިގެންފައެވެ. ނަމަވެސް އެމެރިކާ ބޮންއަޅައިގެން މަރާލި ލީބިޔާ މީހުންނަށް އެއްވެސް ބަދަލެއް ނެތެވެ. މިއީ އެމެރިކާގެ ހަމަހުންނަ ގޮތެވެ. އެހެންކަމުން އެމެރިކާގެ މި މަކަރުވެރި ދަލުން ސަލާމަތް ވުމަށްއޮތް އެންމެ މުހިއްމު ކަމަކީ އިސްލާމީ ގައުމުތައް އެކަތި ގަނޑަކަށްވުމެވެ. އިސްލާމީ ގައުމެއްގެ ސަރުކާރު ގަދަބާރުން ވައްޓާލުމުގައި އެމެރިކާއަށް އެހީތެރިވާ ގައުމަކަށް އަނެއް އިސްލާމީ ގައުމު ނުވުމެވެ. ނަމަވެސް މެދުއިރުމަތިން ފެންނަމުންދަނީ މިއާ މުޅިން ޚިލާފު މަންޒަރުތަކެވެ. ސޫރިޔާގެ އެންމެން މަރައިގެން ނަމަވެސް އެގައުމުގެ ސަރުކާރު ވައްޓާލަންޖެހޭ ހެއްޔެވެ؟ ސޫރިޔާގެ ރައްޔިތުން ބައްޝާރުގެ ވެރިކަމާ ދެކޮޅަށް އުތުރި އެރުމުން ބާރުގެ ބޭނުންކޮށްގެން ބައްޝާރުގެ ސިފައިން ރައްޔިތުން ކޮންޓްރޯލް ކުރުމުން ދެން ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް ހަތިޔާރާއި ފައިސާ ދީގެން ދާޚިލީ ހަނގުރާމަ ފަށައިގެން ބައްޝާރުގެ ވެރިކަން ވައްޓާލަންޖެހޭ ހެއްޔެވެ؟
ސޫރިޔާގެ ސަރުކާރު ގަދަބާރުން ވައްޓާލަންޖެހޭ ސަބަބެއްނެތީ ބައްޝާރުގެ ވެރިކަން ރަނގަނޅު ވެގެނެއްނޫނެވެ. ބައްޝާރުގެ ވެރިކަމަކީ އަނިޔާވެރި އާއިލީ ތާއިފީ ވެރިކަމެކެވެ. ނަމަވެސް އެވެރިކަން ގަދަބާރުން ވައްޓާލައިގެން ސޫރިޔާއަށް ހަމަޖެހުން ގެނެވިދާނެ ހެއްޔެވެ؟ ގަދަބާރުން ވެރިކަން ވައްޓާލުމަކީ އެއަށްވުރެ މާބޮޑު ފިތުނައަކާއި ހަމަނުޖެހުމެއް އަންނަ ކަމެކެވެ. ގަދަބާރުން ސަރުކާރެއް ވައްޓާލި އެއްވެސް ގައުމަކަށް ހަމަޖެހުން ލިބިފައިވޭ ހެއްޔެވެ؟ އިރާގާއި ލީބިޔާއާއި ސޮމާލިޔާއާއި އަފްޣާނިސްތާނުގެ ސަރުކާރުތައް ގަދަބާރުތައް ވައްޓާލުމުން އެގައުމުތަކަށް ވެފައިވާގޮތް އެއޮތީ ފެންނާނެށެވެ.
އެމެރިކާގެ މަކަރުވެރި ދަލުން ސަލާމަތް ވުމަށްއޮތް މުހިއްމު އަނެއް ކަމަކީ އެމެރިކާއަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވުމެވެ. އެމެރިކާއަތުން ހަތިޔާރު ގަތުމުގެ ބަދަލުގައި އަމިއްލައަށް ހަތިޔާރު އުފެއްދުމެވެ. ބަލިކަށި ގައުމަކަށް އެމެރިކާ އިހްތިރާމް އެއްނުކުރާނެއެވެ. ނަމަވެސް އަމިއްލައަށް ބާރުގަދަކޮށްފިނަމަ އެގައުމަކަށް އިހްތިރާމް ކުރުމަށް އެމެރިކާއަށް މަޖްބޫރުވާނެއެވެ. އީރާނަށް އިހްތިރާމް ކޮށް އީރާނާ ސުލްޙަވާން އެމެރިކާއަށް މަޖްބޫރުވީ އީރާން އަމިއްލައަށް ބާރުގަދަވުމުގެ ސަބަބުންނެވެ. ހަނގުރާމަކޮށްގެން އީރާން ބަލިކޮށްނުލެވޭނެކަން ޔަގީންވުމުންނެވެ. އެމެރިކާއިން އީރާނަށް ނުދޭ އިންޒާރެއް އޮތްހެއްޔެވެ؟ ނާޅާ ދަތިކުރުމުގެ ފިޔަވަޅެއް އޮތް ހެއްޔެވެ؟ ނުދައްކާ ބިރެއް އޮތްހެއްޔެވެ؟ ނަމަވެސް އީރާން ނިއުކްލިޔަރ ގާބިލްކަން ހޯދައި އަމިއްލަ ނަފްސަށް ބަރޯސާވުމުން އެމެރިކާއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. މިތަނުގައި އީރާނުގެ ނަން މިގެނައީ މިސާލެއްގެ ގޮތުންނެވެ. ޝިޔައީ ސުންނީ މައްސަލައަކަށް ވެގެނެއް ނޫނެވެ.
އެމެރިކާއަކީ ސައޫދީ އަރަބިޔާގައި ވެރިކަންކުރާ ކިންގް އަބްދުލްއަޒީޒްގެ ޝާހީ ޚާންދާންގެ ވެރިކަން ދެމެހެއްޓުމަށާއި އެވެރިކަން ޙިމާޔަތް ކުރުމާބެހޭގޮތުން 1945 ވަނަ އަހަރު ސައޫދީ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ގައުމެކެވެ.
މިއެއްބަސްވުމުގައި އެމެރިކާގެ ފަރާތުން ސޮއިކުރެއްވާފައިވަނީ އޭރުގެ އެމެރިކާގެ ރައީސް ފްރަންކްލިން ރޫޒަވެލްޓްއެވެ. ސައޫދީ ގެ ފަރާތުން ސޮއިކުރެއްވީ ސައޫދީ އަރަބިޔާގެ ނަމުގައި މިހާރު އުފައްދާފައިވާ ދައުލަތުގެ ބާނީ އަދި ސައޫދީ ޝާހީ އާއިލާގެ އެންމެ އިސްވެރިޔާ އަދި ސައޫދީ މިހާރުގެ ރަސްގެފާނުގެ ބައްޕާފުޅު ކިންގް އަބްދުލްއަޒީޒް އާލްސައޫދެވެ. އެމެރިކާގެ އަސްކަރީ މަނަވަރެއް ކަމަށްވާ ޔޫއެސްއެސް ކުއެންސީގައި އެދެބޭފުޅުން ސޮއިކުރެއްވި މިއެއްބަސްވުމުގެ ދަށުން ސައޫދީ ޝާހީ ވެރިކަން ދަމަހައްޓައި ޙިމާޔަތް ކުރުމުގެކަންތައް އަދިވެސް އެމެރިކާ ކުރިޔަށް ގެންދެއެވެ. ނަމަވެސް މިހާރު ހާލަތު މިވަނީ ބަދަލުވެފައެވެ.