29 Sep 2016, 14:25
ޕޮލިސް ވެލްފެއާ ފަންޑުގެ ހަރަދުގައި އަންނަ އަހަރު ފުލުހުންގެ ދެ މުއައްޒަފަކު ހައްޖަން ފޮނުވަން ނިންމައިފިއެވެ.
ފުލުހުން ބުނީ އެގޮތަށް ނިންމަވާފައި ވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް ކަމަށެވެ. މިއީ ފުލުހުންނަށް ޚާއްސަކޮށްގެން މޯލްޑިވްސް ޕޮލިސް ސާވިސް އިން ހައްޖު ދަތުރު ދޭ ފުރަތަމަ ފަހަރެވެ.
މިގޮތަށް ނިންމަވާފައިވަނީ ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ ވެލްފެއާ ކަންކަން ހަރުދަނާކޮށް ރަނގަޅުގޮތުގައި ކުރިޔަށް ގެންދިއުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.
Commissioner of Police Ahmed Areef decides to provide Hajj trip to 2 Police staffs from police welfare fund in the year 2017
— Maldives Police (@PoliceMv)September 29, 2016
ޕޮލިސް ވެލްފެއާ ފަންޑުގެ ޚަދަރުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ދެ މުވައްޒަފަކަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމަށް ނިންމަވާފައިވާއިރު ކޮންމެ އަހަރަކުވެސް ޕޮލިސް ވެލްފެއާ ފަންޑުން ކުރާނެ ކަންކަން ކަނޑައަޅައި ނިންމުމަށްފަހު އެކަން ވަކިވަކިން ކޮންމެ އަހަރަކު އިއުލާނު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
ޕޮލިސް ވެލްފެއާ ފަންޑުން ދެވޭ އެހީގެތެރޭގައި ފުލުހުންނާ ފުލުހުންގެ އާއިލާތަކުގެ މެމްބަރުންނަށް އަދި މުވައްޒަފުންނަށް ދިމާވާ ސިއްހީ ބޮޑެތި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ފުލުހުންގެ ޚިދުމަތުގައި ދެމިތިއްބައި ޝަހީދުވާ ފުލުހުންގެ އާއިލާތަކަށް ދެވޭ އެހީތެރިކަމާއި، ކުއްލިއަކަށް ދިމާވާ ކަންކަމުގައި މުވައްޒަފުންނަށް ޒަރޫރީ އެހީ ދިނުން ހިމެނެއެވެ.
މިއީ ޕޮލިސް ވެލްފެއާ ފަންޑުގެ އެހީގެ ދަށުން ފުލުހުންގެ މުއައްޒަފުންނަށް ހައްޖު ދަތުރު ދޭ ފުރަތަމަ ފަހަރު ކަމަށްވާއިރު ހައްޖު ކޯޕަރޭޝަން މެދުވެރިވެގެން ހައްޖައްދާ މީހުންނަށް އެހީތެރިވުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ކަނޑައަޅާ ވަކި އަދަދަކަށް ފުލުހުން ހައްޖަށް ގެންދެއެވެ.