ކަޝްމީރު މައްސަލާގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ހައްލު ކުރުމަށްފަހު ސުލްހަ ވުމަށް ޗައިނާއިން ގޮވާލައިފިއެވެ.

ޗައިނާއިން މިފަދައިން ގޮވާލާފައި މިވަނީ ދާދި ފަހުން ކަޝްމީރުގައި ދިން ހަމަލާއެއްގައި އިންޑިއާގެ 18 ސިފައިންގެ އޮފިސަރުން މަރުވުމާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި ހަނގުރާމައެއް ހިނގައިފާނެކަމުގެ ބިރު ހިވެފައި އޮތް ދަނޑިވަޅެއްގައިއެވެ.

އެ ހަމަލާއާ ގުޅިގެން އިންޑިއާގެ ބޮޑު ވަޒީރު ވަނީ ޕާކިސްތާނާ އެކު ހަނގުރާމަ ކުރަން އިންޑިއާ ތައްޔާރަށް އޮތްކަން އިއުލާންވެސް ކުރައްވާފައެވެ.

ޗައިނާއަކީ ޕާކިސްތާނު އިގްތިސާދު ކުރިއެރުވުމަށް އެންމެ ބޮޑަށް އެއްބާރުލުން ދެމުން އަންނަ ގައުމެވެ. މީގެ އިތުރުންވެސް ޗައިނާ އަކީ ޕާކިސްތާނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ބާރުގަދަ ގައުމެކެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު، ލިއު ޒެންމިންއާ ވިދާޅުވީ އެގައުމުގެ އުއްމީދަކީ ކަޝްމީރު މައްސަލާގައި އިންޑިއާ އާއި ޕާކިސްތާނު ސަރުކާރުގެ އިސްވެރިން އެއްތަންވެ މަޝްވަރާ ކުރުމެވެ. އަދި ދެގައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް އޭޝިއާ ސަރަހައްދުގައި އަމާންކަން ދެމެހެއްޓުމަށް އެ ދެގައުމުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޒެންމިންއާ ވިދާޅުވި ގޮތުގައި ޗައިނާއިން ގަބޫލު ކުރާ ގޮތުގައި ކަޝްމީރަކީ ޕާކިސްތާނުގެ އަވަށެކެވެ.