ޔުއެފާ ޗެމްޕިއަންސް ލީގްގައި އާސެނަލް އާއި ޕީއެސްޖީ ރޭ ކުޅުނު މެޗުތައް ފަސޭހަކަމާ އެކު ކާމިޔާބުކޮށްފި އެވެ.

އާސެނަލަގެ އެމަރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބް ކުރީ 2-0ގެ ނަތީޖާ އަކުން ބަސެލް ބަލިކޮށްގެންނެވެ.

މެޗުގައި ފެނިގެން ދިޔަ ދެ ގޯލު ވެސް އާސެނަލަ އިން ކާމިޔާބް ކުރީ ފުރަތަމަ ހާފްގަ އެވެ. ފުރަތަމަ ގޯލު މެޗުގެ ހަތް ވަނަ މިނެޓްގައި އެލެސް ސަންޗޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބް ކޮށްދިނީ ތިއޯ ވެލްކެޓް އެވެ. އާސެނަލްގެ ދެވަނަ ގޯލު މެޗުގެ 26 ވަނަ މިނެޓްގައި ވެސް ވޮލްކެޓް ކާމިޔާބް ކުރީ ސަންޗޭސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ޗެމްޕިއަންސް ލީގްގައި ރޭ ޕީއެސްޖީ އާއި ލުޑޮގޮރެޓްސް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ޔުއެފާ

ޕީއެސްޖީ ރޭ މޮޅުވީ، ބަލްގޭރިއާގެ ލުޑޮގޮރެޓްސް އަތުން 3-1ގެ ނަތީޖާ އަކުންނެވެ. ލުޑޮގޮރެޓްސްގެ އަމިއްލަ ދަނޑުގައި ކުޅުނު އެމެޗުގައި ފުރަތަމަ ގޯލެއް ޖަހާ ލީޑް ނެގީ ވެސް ލުޑޮގޮރެޓްސް އިންނެވެ. އެ ގޯލު މެޗުގެ 16 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ނަޓަނައިލް އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕީއެސްޖީއަށް މެޗުގެ ނަތީޖާ އެއްވަރުކޮށް ދިނީ 41 ވަނަ މިނެޓްގައި މަޓިއުޑީ އެވެ. ޕީއެސްޖީގެ ފަހު ދެ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ އެޑިސަން ކަވާނީ އެވެ.

ލުޑޮގޮރެޓްސްއަށް ނަތީޖާ އެއްވަރު ކުރުމަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ކޮސްމިން މޮޓީ ފޮނުވާލި ބޯޅަ ގޯލަކަށް ހެދޭގޮތެއް ނުވި އެވެ.

ރޭގެ މެޗުތަކަށް ފަހު ގުރޫޕް އޭގެ އެއްވަނާގައި ޕީއެސްޖީ އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ދެވަނާގައި އޮތް އާސެނަލްއަށް ވެސް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ތިން ވަނާގައި ލުޑޮގޮރެޓްސް އޮތް އިރު ހަތަރު ވަނާގައި އޮތި ބަސަލް އެވެ.