ނައިޓް މާކެޓްގެ މޭޒުތަކުގެ އަގުތައް ބޮޑުކަމަށް ބުނެ ވިޔަފާރިވެރިން ނުރުހުން ފާޅުކުރަމުން ދަނިކޮށް ނައިޓް މާކެޓްގެ މޭޒުތައް ވިކި ހުސްވެއްޖެ އެވެ.

އަންނަ މަހުގެ 10 އަކުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ބާއްވާ ނައިޓް މާކެޓްގައި މި ފަހަރު ބަހައްޓަނީ 450 މޭޒެކެވެ. އެ 450 މޭޒު މިހާރުވެސް ވިކިފައިވާ ކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.


އެހެން އަހަރުތަކާއި ހިލާފަށް މި އަހަރުގެ ނައިޓް މާކެޓްގެ މޭޒުތައް އަގު ބޮޑުކޮށް ވިއްކާތީ ވިޔަފާރިވެރިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ނައިޓް މާކެޓްގެ މޭޒެއް މިއަހަރު ވިއްކަނީ 750ރ. ބޮޑުކޮށް 3750ރ. އަށެވެ. ވިޔަފާރިވެރިންގެ ޖަމްއިއްޔާއިން ބުނީ މޭޒުތަކުގެ އަގުތަށް ބޮޑުކުރީ ކޮންމެ މޭޒަކަށް 750ރ ގެ ފީއެއް މާލޭ ސީޓީ ކައުންސިލަށް ދައްކަން ޖެހޭތީ ކަމަށެވެ.

"އެކަމުގައި އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް. އެބޭފުޅުން (ވިޔަފާރިވެރިން) ނަށް ވެސް އެނގޭ، އެއީ އަޅުގަނޑުމެންގެ ސަބަބުން ވީކަމެއް ނޫންކަން،" ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ހަޒާންދާރު އަހުމަދު އަދީބު އިއްޔެ ވިދާޅުވި އެވެ.

ތަކެއްޗާއި ހިދުމަތުގެ އަގު ބޮޑުވެފައިވާ ދަނޑިވަޅުގެއްގައި ނައިޓު މާކެޓްގެ މޭޒުތަކުގެ އަގު ބޮޑުވުމުން ބައެއް ވިޔަފާރިވެރިން ބުނީ އެއްގަމު ފިހާރަތަކަށްވުރެ ހެޔޮ އަގުގައި މުދާ ލިބޭ ނައިޓް މާކެޓްގެ ބޭނުން ކެނޑި ތަކެތީގެ އަގުތަށް އެއްގަމު ފިހާރަތަކާއި އެއްހަމައަކަށް އައުމުގެ ފުރުސަތު މި ފަހަރުގެ ނައިޓް މާކެޓުގައި ބޮޑުކަމަށެވެ.

"މާބޮޑު އަގުތަކުގެ ތަފާތެއް ނުފެންނާނެ. އެއީ މިވަނީ އަޅުގަނޑުމެން ކުރަންޖެހޭ އެހެން ހަރަދުތައް ވެސް ވަރަށް ބޮޑަށް ބޮޑުވެފައި. އެވެސް ފޫބައްދާފައި އަގުތަށް ބެހެއްޓޭނީ. އެހެން ވިމާ މަގުސަދު ގެއްލޭ ހިސާބަށް މިކަމުން އެބަދޭ،" ވޭތުވެ ދިޔަ ތިން އަހަރު ނައިޓުމާކެޓުގައި މޭޒުތައް ބަހައްޓައިގެން ވިޔަފާރި ކުރި އަހުމަދު އިބްރާހިމް ބުންޏެވެ.

މޭޒުތަކުގެ އަގު ބޮޑުވުމުން ބައެއް ވިޔަފާރިވެރިން ވަނީ މޭޒުތައް ގަތުމައް ވެސް ދެކޮޅު ހަދާފަ އެވެ.

"މި އަގުގައި އަޅުގަނޑުމެންނަކަށް ނުވާނެ. އެހެންވެ އަޅުގަނޑުމެން މިފަހަރަކު ބައިވެރިއެއް ނުވަން،" ނަން ހާމަކުރަން ބޭނުން ނުވާ މަޝްހޫރު ވިޔަފާރި ވެރިއަކު ބުންޏެވެ.

ބައެއް ވިޔަފާރި ވެރިންގެ ވާހަކަތައް އެހެން ހުރިއިރު މޭޒުގެ އަގު ބޮޑުވުމުން ވިޔަފާރިވެރިންގެ ޖަމްއިއްޔާއަށް ވެސް މެދު ކެޑުމެއްނެތި ޝަކުވާތައް ލިބެމުން އަންނަކަމަށް އެ ޖަމްއިއްޔާއިން ވެސް ބުނެ އެވެ.

"އެބޭފުޅުންގެ ކަންބޮޑުވުންތަކެއް އެބައުޅޭ، ރުޅި ވެރިކަމުގެ ޝުއޫރުތަކެއް މި އުޅެނީ. ވަރަށް ބޮޑަށް އެބޭފުޅުން ރުޅިވެރިކަން ފާޅުކުރެއްވި،" އަދީބު ވިދާޅުވި އެވެ.

ނައިޓް މާކެޓް ބާއްވާނެ ބައެއް އުސޫލުތަކާއި މެދު މާލޭ ސީޓީ ކައުންސިލާއި ވިޔަފާރިވެރިންގެ ޖަމްއިއްޔާ އާއި ދެމެދު ވެސް ހިޔާލުތަފާތުވުންތަކެއް އުފެދުނެވެ. އެގޮތުން ކުރިން ނައިޓް މާކެޓް ބާއްވާ ސަރަހައްދުގައި ނައިޓް މާކެޓް ބޭއްވުމަށް ސިޓީ ކައުންސިލުން ހުއްދަ ނުދިނުމުން މިހާރު ނައިޓް މާކެޓް ބާއްވަނީ ލޮނު ޒިޔާރަތްކޮޅު ސުނާމީ ބިނާ ސަރަހައްދުގަ އެވެ.