06 May 2010, 05:09
10:00
ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ބިލް ތަޞްދީޤު ކުރައްވާނެ ކަމަށާއި ނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބާ ބެހޭ ބިލް ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ފަރާތުން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެ ޕާޓީގެ އާއްމު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ އުސޫލުން ވެރިކަން ހިންގުމުގެ ބިލް މަޖިލީހުން ފާސްކޮށްފައިވާ ގޮތަށް ތަޞްދީޤު ނުކުރައްވައިފިނަމަ ކުރިމަތިވެދާނެ ޤާނޫނީ މައްސަލަތަކަށްޓަކައި އެ ބިލް މަޖިލީހުން މިހާރު ފާސްކުރައްވާފައިވާ ގޮތަށް ތަޞްދީޤުކުރައްވާނެ ކަމަށެވެ. ނަމަވެސް އެ ބިލް ފާސްކުރައްވާފައި ވަނީ ސަރުކާރުން ހުށަހެޅި ރޫޙުގައި ނޫން ކަމަށާއި ހަމައެކަނި ރަށްކުރިއަރުވާ ކޮމިޓީތަކުގެ ނަން ބޯޑުތައް ރަށު ކައުންސިލްތަކަށް ބަދަލުވާ ގޮތަށް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ވެސް އެގޮތް ނޫން ކަމަށާއި ނަމަވެސް އެ ބިލް ތަޞްދީޤު ނުކުރައްވައިފިނަމަ މިހާރު ރައްޔިތުންނަށް ލިބިދިނުމަށް ކަނޑައަޅުއްވާފައިވާ މިންވަރުވެސް ނުލިބިދާނެ ކަމަށްޓަކައި އެ ބިލް ތަޞްދީޤުކުރެއްވުމަށް ވިސްނެވީ ކަމަށް ރައީސް ނަޝިދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ބެހޭ ބިލް މިހާރު އޮތް ގޮތަށް ފާސްކުރައްވައިފިނަމަ އެކަން ވާނީ ރާއްޖޭގެ ގާނޫނު އަސާސީއާއި ޚިލާފަށް ކުރެއްވޭ ކަމެއް ކަމަށެވެ. މީގެ އިތުރުން ރާއްޖެތެރޭގެ ސާޅީސް ހާހެއްހާ މީހުން މާލެއާއި ރިސޯޓުތަކުގައި ދިރިއުޅެމުންދާއިރު އެމީހުންނަށް ވޯޓުލުމުގެ ހައްޤު ނުލިބޭ ގޮތަކަށް ވޯޓުލުމަކީ ރައްޔިތުން ޤަބޫލުކުރާނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރާއްޖެތެރޭގެ ބައެއް ރަށުގެ މީހުން ރަށުން ބޭރުގައި ދިރިއުޅެމުންގެންދާ ނިބްބަތަށް ބަލާއިރު ރަށުގައި ވޯޓުލާން ތިބޭ ބަޔަކަށްވުރެ ރަށުން ބޭރުގައި ވޯޓުލާން ތިބޭ މީހުންގެ އަދަދު މާގިނަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ލޯކަލް ކައުންސިލްތަކުގެ ބިލް މަޖިލީހަށް އަނބުރައި ފޮނުއްވުމުން އެކަންކަން ހެޔޮ ނިޔަތުގައި ރައްޔިތުންގެ ހައްޤުތައް ނުގެއްލޭގޮތަށް އިޞްލާޙުކުރައްވާފައި ފޮނުއްވުމުން ތަސްދީޤު ކުރައްވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.