29 Sep 2016, 13:18
ޔުއެފާ ޗެމްޕިއަންސް ލީގްގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް އަތުން 1-0ގެ ނަތީޖާ އަކުން ޖަރުމަނުގެ ބާޔާން މިއުނިކް ބަލިވެއްޖެ އެވެ.
ބަޔާންގެ ކޯޗު ކަމާ ކާލޯ އެންޗަލޯޓީ ހަވާލުވެ މި ސީޒަނުގައި އެޓީމް އައީ ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބު ކުރުމުންނެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގް ސެމީ ފައިނަލުން ބަޔާން ކެޓީ ވެސް އެތުލެޓިކޯ އަތުން ބަލިވެގެންނެވެ.
އެތުލެޓިކޯ މެޑްރިޑްގެ ދަނޑުގައި ރޭ ކުޅުނު އެ މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ގޯލު މެޗުގެ 35 ވަނަ މިނެޓްގައި އެންޓޮނީ ގްރިޒްމަން ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބްކޮށްދިނީ ޔަނިޗް ކަރަސްކޯ އެވެ.
ރޭގެ މެޗުގައި ލީޑް ފުޅާ ކުރަން އެތުލެޓިކޯއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ގަރިޒްމަން ފޮނުވާލި އެ ޕެނަލްޓީ ދިޔައީ ގޯލާ އަމާޒްނުވެ ދަނޑިމަތިން ބޭރަށެވެ.
އެ ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި ޕީއެސްވީ އާއި ރޮސްޓޯފް ވަނީ 2-2 ގެ ނަތީޖާ އަކުން އެއްވަރުވެފަ އެވެ.
ރޭގެ ނަތީޖާތަކާ އެކު ގުރޫޕް ޑީގެ އެއްވަނާގައި ހަ ޕޮއިންޓާ އެކު އޮތީ އެތުލެޓިކޯ މެޑްރިޑް އެވެ. ދެވަނާގައި އޮތް ބާޔާންއަށް ތިން ޕޮއިންޓް ލިބޭއިރު ޕީއެސްވީ އާއި ރޮސްޓޯފް އަށް ލިބެނީ އެއް ޕޮއިންޓެވެ. ފައިދާ ގޯލުގެ ތަފާތުން ތިން ވަނާގައި އޮތީ ޕީއެސްވީ އެވެ.