ދެހާސް އަށް ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ގެއްލުން ލިބުނު މީހުންގެ އާއިލާތަކުން ސައުދީ އަރަބިއާއާ ދެކޮޅަށް ދައުވާ ކުރެވޭ ގޮތަށް އެމެރިކާގެ ކޮންގްރެސް އިން ފާސްކޮށްފިއެވެ.

މި ބިލް ފާސްކޮށްފައި މިވަނީ ރައީސް އޮބާމާ އެ ބިލް ވީޓޯ ކުރައްވާފައި ވަނިކޮށެވެ. އެމެރިކާގެ ސެނެޓުން މި ބިލް ފާސްކޮށްފައިވަނީ 97-1 ވޯޓުންނެވެ. އަދި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން މި ބިލް ފާސްކުރީ 348-77 ވޯޓުންނެވެ.

އޮބާމާގެ ވެރިކަމުގައި އެމަނިކުފާނު މިހާތަނަށް 12 ބިލެއް ވީޓޯ ކުރައްވާފައިވާއިރު މިއީ އެމަނިކުފާނު ވީޓޯ ކުރެއްވި ބިލެއް ކޮންގްރެސް އިން ގާނޫނަކަށް ބަދަލުކުރި ފުރަތަމަ ފަހަރެވެ.

މި ބިލް ފާސްކުރެއްވުމާ ގުޅިގެން އޮބާމާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ކޮންގްރެސް އިން ނިންމި ނިންމުމަކީ ނުރައްކާތެރި ނިންމުމެކެވެ.

"މިއީ އަޅުގަނޑު އުއްމީދު ކުރި ގޮތެއް ނޫން. އިންތިޚާބާ ގާތްވެފައިވާއިރު މިފަދަ ނިންމުމެއް ކޮންގްރެސްއިން ނިންމުމަކީ އިންތިހާބުގައި ވޯޓު ދިނުމުގައި ރައްޔިތުން ދެވަނަ ފަހަރަށް ވިސްނަން ޖެހޭ ކަމެއް. ކޮންގްރެސް އިން ނިންމި ނިންމުމަކީ އެމެރިކާއަށް ވަރަށް އުނދަގޫވާނެ ނިންމުމެއް،" އޮބާމާ ވިދާޅުވިއެވެ.

މި ބިލް ފާސްކުރުމުގެ ކުރިން ވީޓޯ ކުރެއްވުމަށްފަހު އަނބުރާ ފޮނުއްވާލަމުން އޮބާމާ ވިދާޅުވެފައިވަނީ ސެޕްޓެމްބަރު 11 ގައި އަނިޔާ ލިބުނު އާއިލާތަކަށް ހަމްދަރުދީވާ ކަމަށާއި އެކަމަކު މި ބިލަކީ އެމެރިކާގެ މަސްލަހަތަށް ފުށުއަރާނެ ބިލެއް ކަމަށެވެ.

ސެޕްޓްމެބަރު 11 ގެ ހަމަލާގައި 3000 މީހުން މަރުވެފައިވެއެވެ. މި ބިލް ފާސްވުމާ ގުޅިގެން އެ ހަމަލާއާ ގުޅިގެން ސައުދީ ސަރުކާރުގެ ކޮންމެ މެންބަރަކާ ދެކޮޅަށް ވެސް ދައުވާ ކުރުމުގެ ފުރުސަތު ލިބޭނެއެެވެ.

އެހަމަލާގެ ތަހުގީގީ ރިޕޯޓުގައި ވާ ގޮތުން ހަމަލާ ދިނުމުގައި ސައުދީ އަރަބިއްޔާގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވެއެވެ. ނަމަވެސް ވޯލްޓް ޓްރޭޑް ސެންޓަރާއި ޕެންޓަގަނަށް ދިން ޓެރަރިސްޓް ހަމަލާގައި ބައިވެރިވި 19 މީހުންގެ ތެރޭން 15 މީހުންނަކީ ސައުދީގެ ރައްޔިތުންނެވެ.