29 Sep 2016, 11:36
ޔޫތު ޗެމްޕިއަންޝިޕްގައި ވިކްޓަރީ ސްޕޯޓްސް ކްލަބު ބަލިކޮށް، ކްލަބު އީގަލްސް ތާވަލުގެ ދެ ވަނަ އަށް ޖެހިލައިފިއެވެ.
ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ވިކްޓަރީ އަތުން އީގަލްސް މޮޅުވެފައިވަނީ 2-0 ލަނޑުންނެވެ.
އެ ނަތީޖާއާ އެކު ތާވަލުގެ އެއް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި އީގަލްސްއާ ދެމެދު މިހާރު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. އެއް ވަނައިގައި އޮތް ޓީސީ އަށް ފަސް މެޗުން 11 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައަށް ޖެހިލި އީގަލްސް އަށް ފަސް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. މިހާރު ތިން ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ހަތަރު މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި އީގަލްސް އާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އީގަލްސް މޮޅުވެފައިވަނީ 2-0 ލަނޑުން --- ފޮޓޯ: އީގަލްސް
އިއްޔެ ކުޅުނު މެޗުގައި ވިކްޓަރީގެ ގޯލު، އީގަލްސް އަށް ހުޅުވާލެވުނީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. އީގަލްސް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ނާޖިހު އިބްރާހިމްއެވެ.
އެންމެ ފަހުން 2014 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދި އީގަލްސް އަށް ދެ ލަނޑުގެ ލީޑެއް ލިބުނީ ވިކްޓަރީ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. އެ ލަނޑަކީ މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ވިކްޓަރީގެ އަބްދުﷲ އަހުނަފް އިބްރާހިމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
އެ މުބާރާތުގެ ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެ ދުވަހުގެ ހަވީރު ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ކްލަބު ވެލެންސިއާ އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.
ޔޫތު ޗެމްޕިއަންޝިޕްގައި މި އަހަރު އަށް ޓީމު ވާދަކުރެ އެވެ. އެއީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ޔުނައިޓެޑް ވިކްޓަރީ އާއި، ކްލަބު ވެލެންސިއާ އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ބީޖީ ސްޕޯޓްސް އާއި، ޓީސީ ސްޕޯޓްސް ކްލަބު އަދި ކްލަބު އީގަލްސް އެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި އީގަލްސް އާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އީގަލްސް މޮޅުވެފައިވަނީ 2-0 ލަނޑުން --- ފޮޓޯ: އީގަލްސް
މުބާރާތުގެ ލީގު ބުރުގެ މެޗުތައް ހެންވޭރު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީ ފައިނަލާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. ސެމީގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއް ވަނަ އަދި ދެ ވަނަ ޓީމު ވާދަކުރާ އިރު، އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގައެއް ލިބޭނެއެވެ. ސެމީގެ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ ތިން ވަނަ އަދި ހަތަރު ވަނަ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމެއް ތިން ވަނަ ސެމީގައި ނުކުންނަން ޖެހޭނީ ފުރަތަމަ ސެމީން ބަލިވާ ޓީމަކާ ދެކޮޅަށެވެ. އަދި ތިން ވަނަ ސެމީން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެއެވެ.
ސެމީގެ ފުރަތަމަ މެޗާއި ދެ ވަނަ މެޗު އަންނަ މަހުގެ 15 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީގެ ތިން ވަނަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 19 ވަނަ ދުވަހުއެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 23 ވަނަ ދުވަހުއެވެ.